ގއ. ވިލިނގިއްޔާ ދިމާލުން 18 ވަރަކަށް މޭލުން ބޭރުގައި އޮތް ބޭރު ގައުމެއްގެ ބޯޓަކާ ކައިރިކުރަން އުޅުނު މަސްދޯންޏަކަށް އިންޒާރު ދިނުމުގެ ގޮތުން މިދިޔަ ބުދަ ދުވަހު ބަޑިޖެހި ހަތިޔާރު ބޯޓުން ހައްޔަރުކުރި ފަސް މީހުންގެ މައްސަލައިގެ ތަހުގީގުގައި އަވަށްޓެރި އިންޑިޔާ އާއި ސްރީލަންކާ ސަރުކާރުން ބައިވެރިވުމަށް ދިވެހި ސަރުކާރުގައި އެދެފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވީ "ހަތިޔާރު ބޯޓު"ން ހައްޔަރުކުރި ފަސް މީހުންގެ ތަހުގީގުގައި އިންޑިޔާ އާއި ސްރީލަންކާ ސަރުކާރުން ބައިވެރިވުމަށް އެދިފައި ވަނީ އެ ބޯޓާއި އެ ދެ ގައުމާ ވެސް ގުޅުން ހުރުމުން ކަމަށެވެ. އިންޑިޔާ އަކީ، ތަމަޅައިންގެ ހަތިޔާރު ބޯޓު ކަމަށް ބެލެވޭ ބޯޓާ ގުޅުން ހުރި އެހެން ބޯޓެއް އުޅޭތޯ ބެލުމަށްޓަކައި ދިވެހި ސިފައިންނަށް އެހީވުމަށްޓަކައި އިންޑިޔާގެ ނޭވީގެ މަތިންދާ ބޯޓެއް ވެސް ފޮނުވައިދިން ގައުމެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގއ. މާމުޓާއިން ފެށިގެން ވިއްސަކަށް މޭލު ބޭރުގައި އޮއްވައި ދިވެހި ސިފައިން ހަމަލާދީ، ފައްތާލާފައިވާ "ސްރީ ކްރިޝްނާ" ބޯޓަކީ، އިންޑިޔާ އާއި ލަންކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު 12 މަސްވެރިންނާއެކު ދަނިކޮށް، ގެއްލިގެން ރިޕޯޓްކޮށްފައިވާ ބޯޓެކެވެ. މާޗް 12އިގައި މި ބޯޓު އިންޑިޔާއިން ފުރިފަހުން ލަންކާގެ ޓައިގަރުންތަކެއް ފޭރިގަތް ކަމަށް ބުނާ މި ބޯޓުން ރާއްޖޭގެ މަސްދޯންޏަކަށް އިންޒާރު ދިނުމުގެ ގޮތުން ބަޑިޖެހީ މިދިޔަ ބުދަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގަ އެވެ. މި ބޯޓަކީ އިންޑިޔާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް ކަމަށް ވެސް ލަންކާގެ ގައުމީ ނޫސް "ޑެއިލީ ނިއުސް" ގައި ބުނެފައި ވެ އެވެ. އަދި އިންޑިޔާގެ "ހިންދުސްތާން ޓައިމްސް"ގެ މިއަދުގެ އަދަދުގައި ވަނީ ބޯޓުގެ ރަޖިސްޓްރީ ނަމަބްރު ވެސް ޖަހައިފަ އެވެ. އިންޑިޔާގެ 12 މަސްވެރިންނާއެކު އެ ބޯޓު ފުރި ކަމަށް "ޑެއިލީ ނިއުސް" ގައި ރިޕޯޓްކޮށްފައި ވަނީ އިންޑިޔާގެ "ކޮޑިމުނާއި ކަންޔާކުމާރީ" ންނެވެ.
"ހައްޔަރުކުރި ފަސް މީހުންނާ ސުވާލުކުރުމަށް އިންޑިޔާ އާއި ސްރީލަންކާގައި ވަނީ އެދިފައި. އެއީ އެ ދެ ގައުމާ މި ބޯޓާއި ބޯޓުގައި ތިބި މީހުންނާ ގުޅުން ހުރުމުން. އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ވެސް މި ބޯޓަކީ އިންޑިޔާއިން ގެއްލިގެން ރިޕޯޓްކޮށްފައިވާ ބޯޓެއް. އަނެއްކާ މި މީހުން މަސައްކަތްކުރި ކަމަށް މި ބެލެވެނީ ލަންކާއަށް ވަގަށް ހަތިޔާރު އެތެރެކުރުމަށް. މި ހުރިހާ ސަބަބަކާ ގުޅިގެން މި މީހުންގެ ތަހުގީގުގައި ބައިވެރިވުމަށް އިންޑިޔާ އާއި ލަންކާއިން އެދޭ އެދުމަށް ދިވެހި ސަރުކާރުން ފުރުސަތު ދޭނެ. ބޮޑަށް ބެލެވެނީ މި ތަހުގީގު ކުރިއަށްދާނީ ރާއްޖޭގެ ލޯ އެންފޯސްމަންޓުގެ ޓީމަކާއި އިންޑިޔާ އާއި ލަންކާގެ ލޯ އެންފޯސްމަންޓް ޓީމަކާ ގުޅިގެން ކަމަށް،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުގެ ޑިރެކްޓަ ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންސޫރު މިއަދު ވިދާޅުވީ ލަންކާގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޓައިގަރުންގެ ހަތިޔާރު އުފުލާ ބޯޓެއް ކަމަށް ބެލެވޭ މި ބޯޓުން ހައްޔަރުކުރި ފަސް މީހުން، ހުކުރުވިލޭރޭގެ ވަގުތެއްގައި ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރައްވާފައިވާ ކަމަށާއި އެކަމުގެ ތަހުގީގު ކުރިއަށް ގެންދަވާނީ އެ ބޭފުޅުން ކަމަށެވެ.
"ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެ ފަސް މީހުން މިހާރު ވަނީ ހަވާލުކޮށްފައި. ދެން އަޅުގަނޑުމެން ކޯސްޓްގާޑުން އެ މައްސަލައިގެ ތެރެއަކަށް ނުވަންނާނެ. މީޑިއާ އަށް ދެން މައުލޫމާތު ދެއްވާނީ ވެސް އެ ބޭފުޅުން،" މަންސޫރު ވިދާޅުވި އެވެ.
ޓައިގަރުންގެ ހަތިޔާރު އެޅި ބޯޓެއް ކަމަށް ބެލެވޭ މި ބޯޓުގެ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެއްވެސް އެއްޗެއް އަދި ވިދާޅެއް ނުވި އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެއްލެވުމުގެ ދަށުގައި މިހާރު ތިބި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ވެސް މުޅިން ކަށަވަރު ނުވާ ކަމަށެވެ. އެއީ ޓައިގަރުން ކަމަށް ބައްލަވަނީ، ބޯޓުން ފުރަތަމަ ފުންމާލި މީހާ ދޭ މައުލޫމާތުތަކުގެ މައްޗަށް ބުރަވެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
ލަންކާގެ "ޑެއިލީ ނިއުސް"ގައި އިއްޔެ ބުނެފައިވާ ގޮތުގައި ބޯޓުން ފުރަތަމަ ފުންމާލި މީހަކީ އިންޑިޔާގެ ކޮޗިންއަށް ނިސްބަތްވާ ސައިމަން ސޯޒާ ނަމަކަށް ކިޔާ މީހެކެވެ.
ބޯޓުން ފުރަތަމަ ފުންމާލި އެ މީހާ ބުނާ ގޮތުގައި އެ ބޯޓަކީ ތަމަޅައިންގެ ބަޔަކު ކަނޑުމަތިން ފޭރިގަނެގެން އުޅޭ އިންޑިޔާގެ މަސް ބޯޓެކެވެ. އަދި އޭނާ ފިޔަވައި ދެން ބޯޓުގައި ތިބި އެހެން މަސްވެރިން ކަނޑަށް އުކާލައި ބޯޓު ހިފީ ކަމަށް ފުރަތަމަ ބޯޓުން ފުންމާލި މީހާ ބުނާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ބުރާސްފަތި ދުވަހު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ކޯސްޓްގާޑުގެ ހުރަވީ ލޯންޗް އެ ބޯޓާ ކައިރިކުރަން އުޅުމުން ފުންމާލި މީހާ ވާހަކަ ދައްކަނީ އިންޑިޔާގެ ކެރެލާ ސްޓޭޓުގެ އާންމުންކޮށް މީހުން ވާހަކަ ދައްކައި އުޅޭ މަލަޔާޅަމް ބަހުން ކަމަށް ވެސް ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވެފައި ވެ އެވެ.
"ބޯޓުން ފުރަތަމަ ފުންމާލި މީހާ ދޭ މައުލޫމާތުގެ މައްޗަށް އަދި އަޅުގަނޑުމެން ވެސް ވާހަކަ ދައްކަމުން މިދަނީ. ފުރިހަމަ ތަހުގީގަކުން ހުރިހާ މައުލޫމާތެއް އެނގޭވަރުވާނީ،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިޔާގެ "ހިންދުސްތާން ޓައިމްސް"ގެ މިއަދުގެ އަދަދުގައި ބުނެފައި ވަނީ، ދިވެހި ސިފައިން ބޯޓަށް ހަމަލަދިން އިރު އޭގައި ޖުމްލަ ނުވަ މީހަކު ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު (ބޯޓުން ފުރަތަމަ ފުންމާލި މީހާ) އަމިއްލައަށް އަމާންދިނީ ކަމުގަ އެވެ. އަދި ބާކީ ހަތަރު މީހުން ދިވެހި ސިފައިން ހަމަލަދިން ވަގުތު މަރުވެފައިވާ ކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާން ޑީކޭޕީ ޑިސެނެއިކައާ ހަވާލާދީ "ހިންދުސްތާން ޓައިމްސް" ގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރާއި ކޯސްޓްގާޑުގެ އޮފިޝަލުން ވިދާޅުވީ ބޯޓު ހުއްޓުވުމަށްޓަކައި ދިވެހި ސިފައިން ދިން ހަމަލައިގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ.
ރާއްޖެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް މި ބޯޓު އެންމެ ފުރަތަމަ ފެނުނީ ބުދަ ދުވަހު ހެނދުނު 45: 8 ހާއިރު، ގއ. ވިލިނގިލީ "ޓޫނާ" މަސްދޯނީގެ މީހުންނަށް ލ. ގަމާއި މާވަށު ހިސާބުންނެވެ. އަދި އެ ހިސާބުން ފެށިގެން ބޯޓަށް ފާރަލަމުން ގޮސް، "ޓޫނާ" ދޯނީގެ މީހުންނަށް ބިރު ދެއްކުމުގެ ގޮތުން އެ ބޯޓުން ބަޑިޖެހީ ވިލިނިގިއްޔާ 18 ވަރަކަށް މޭލު ބޭރުންނެވެ. އެ ދުވަހުގެ މެންދުރު އެކެއް ޖަހަން އުޅެނިކޮށް ބޯޓުން ބަޑިޖެހުމުން، ދޯނިން ގއ. އަތޮޅު އޮފީހަށް ގުޅާފައި މައުލޫމާތު ދިނީ އެވެ. އަދި ބުދަ ދުވަހުގެ ހަވީރުއްސުރެން ފެށިގެން ކޯސްޓްގާޑުން ބޯޓުކައިރީގައި ހަރަކާތްތެރިވެ، ބޯޓު ނުހުއްޓުމުން ހަމަލަދިނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އަދި އެ ހަމަލައިގެ ތެރޭގައި ބޯޓުގައި ރޯވެ، ވަނީ އަޑިއަށް ގޮސްފަ އެވެ. ދިވެހި ސިފައިންގެ އަމުރަށް ބޯޓުން ކިޔަމަންތެރިނުވުމުން، ކޯސްޓްގާޑުން ހަމަލަދޭން ފެށުމާއެކު ބޯޓުން ހަތަރު މީހަކު ފުންމާލި އެވެ.
ހައްޔަރުކުރި މީހުންގެ ތަހުގީގުގައި ބައިވެރިވާން އިންޑިޔާ އާއި ލަންކާއިން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ