ފަނޑިޔާރުން ދާއިމީކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ޖޭއެސްސީ ދޮށަށް އެއްވެ އެ ކޮމިޝަނުގެ ރައީސް ހައްޔަރުކުރުމަށް ގޮވާލައިފި

އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު މުއްދަތު ހަމަވާ އިންތިގާލީ މަރުހަލާ ނިމުމުގެ ކުރިން ފަނޑިޔާރުން ދާއިމީކުރުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރަމުން ދަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް އެ ކޮމިޝަން ދޮށަށް އެއްވެ އެ ކޮމިޝަނުގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖްތާޒް ފަހުމީ ހައްޔަރުކުރުމަށް ގޮވާލައިފި އެވެ.
އެ ކޮމިޝަން ހިންގަމުން އަންނަ ތީމުގޭ ދެކުނު ފަރާތު ގޭޓު ކައިރި އަށް އެއްވެފައި ތިބި މީހުން ގޮވަމުން ދިޔައީ މުޖްތާޒް ފަހުމީ ހައްޔަރުކުރުމަށެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ "އުމުރަށް ފަނޑިޔާރު ކަމުގައި ހުންނެވުމަށް ހުވައެއް ކުރެއްވުމަށް" ކަމަށް ވެސް އެ މީހުން ގޮވަމުން ދިޔަ އެވެ.
އެ ސަރަހައްދަށް މީހުން އެއްވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ ތީމުގޭ ދެކުނު ފަރާތު މަގު، އެ މަގުގެ ދެކުނުކޮޅުން ބަންދުކޮށްފަ އެވެ. ނަމަވެސް އުތުރު ކޮޅުން ލޯކަލް މާރުކޭޓާ ދިމާލުން ބަންދުނުކޮށް އޮތުމުން އެ ދިމާލުން މީހުން ވަދެ ތީމުގޭ ދެކުނު ފަރާތު ދޮރޯށި ދޮށަށް އެއްވި އެވެ. އެ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލުމަށް ވެސް ބައެއް މީހުން މަސައްކަތްކޮށްފައިވެ އެވެ.
ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރު އައިޝަތު ވެލިޒިނީ ވިދާޅުވީ ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ މިންގަނޑަށް ފަނޑިޔާރުން ފެތޭތޯ ބަލައި ފަނޑިޔާރުން ފާސްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. ވެލިޒިނީ ވިދާޅުވީ ފަނޑިޔާރުން ދާއިމީކުރުމާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންތައްތައް އެކި މެންބަރުން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަމަށް ރިއާޔަތްކުރުމަށް މިއަދުގެ ޖަލްސާގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އެ ކަމަށް ކޮމިޝަނުގެ ރިޔާސަތުން ފުރުސަތު ނުދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ