ކުރިއަށް އޮތް ތަނުގައި ކައިރިކައިރިން ގިނަ މުޒާހަރާތަކާއި ރެލީތައް ފެންނާނެ: އުމަރު ނަސީރު

ކުރިއަށް އޮތް ތަނުގައި އިދިކޮޅު ޑީއާރުޕީގެ މުޒާހަރާތަކާއި ރެލީތައް ވަރަށް ކައިރިކައިރިން ފެންނަމުންދާނެ ކަމަށާއި އެ ހަރަކާތްތަކަށް ޕާޓީގެ ކައުންސިލުން ހުއްދައެއް ނަގަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ ކަންކަން ރޭވުމުގައި އިސްވެ ހުންނެވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބައެއް މުދާތަކާއި ބިންތައް ވިއްކަމުންދާތީ އެ ކަމާ ދެކޮޅަށް އަޑު އުފުލުމަށްޓަކައި، އުމަރު ނަސީރާއި އަނެއް ޑެޕިއުޓީ ލީޑަރު، ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އިސްނަންގަވައިގެން މި ރޭ މާލޭގައި ބާއްވާ މުޒާހަރާއަކީ އެ ޕާޓީގެ ރަސްމީ ހަރަކާތެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާ މެދު އުފެދިފައިވާ މައްސަލައާ ބެހޭ ގޮތުން އުމަރު "ހަވީރަ" ށް ވިދާޅުވީ އެ ބޭފުޅުން މަސައްކަތްކުރައްވަނީ ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅުންތަކަކާ މައްސަލަޖެހިގެން ނޫން ކަމަށެވެ.
"ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވޭ މި ރޭ ވަޑައިނުގަންނަވާނެ ކަމަކަށް. އެ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ދައުވަތު އެރުވިން. އެހެންވީމަ އަޅުގަނޑުމެން މި ޔަގީންކުރަނީ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން ވެސް މިރޭގެ މުޒާހަރާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕާޓީގެ ލީޑަޝިޕްގައި މި ވަގުތު ހިޔާލު ތަފާތުވުންތައް އުފެދިގެން އުޅެނީ އެކި ކަންކަމަށް އަޑު އުފުލުމަށްޓަކައި މުޒާހަރާތަކާއި ރެލީތައް ބޭއްވުމާ މެދު ކަމަށާއި އެކަމަކު ޕާޓީގެ އާންމު މެމްބަރުންގެ ރޫހު ހުރީ މުޒާހަރާތަކާ ދެކޮޅަށް ނޫން ކަމަށެވެ.
"ކޮންމެ ޕާޓީއެއްގައި ވެސް ހިޔާލު ތަފާތުވުންތަކެއް އުޅޭނެ. އެ ގޮތުން ޑީއާރުޕީގައި ވެސް މި އުޅެނީ މުޒާހަރާތަކާއި ރެލީތައް ބޭއްވުމާ މެދު ހިޔާލު ތަފާތުވުމެއް،" އުމަރު ނަސީރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޮޑަށް ބުރަވަނީ ޑީއާރުޕީއަކީ ވަރަށް ހަރަކާތްތެރި ޕާޓީއަކަށް ހެދުމަށް. އެ ކަންކަން ކުރުމަށްޓަކައި ސަރުކާރުން ގާނޫނުތަކާއި ހިލާފަށް ކުރާ ކަންތައްތަކަށް އަޑު އުފުލަން އެބަޖެހޭ. ދެކޮޅު ހަދަން އެބަޖެހޭ. މިދިޔަ ދުވަސްތަކުގައި ސަރުކާރުން އިންތިހާއަށް ނުލަފާ ކަންތައް ކުރިއިރު ވެސް އަޅުގަނޑުމެން ތިބީ މަޑުކޮށްލައިގެން. ބިންތަކާ އެއްޗެހި ވިއްކައި ގާނޫނާ ހިލާފަށް އެތައް ކަމެއް އެބަކުރޭ. އެމްބީސީގެ މައްސަލަ ވެސް އެ އޮތީ އޮތް ގޮތަށް. ސަރުކާރުގެ މި އަމަލުތަކާ ދެކޮޅު ނަހަދައި އެންމެ ބޮޑު އިދިކޮޅު ޕާޓީ އޮތުން ވެގެންދާނީ ޒިންމާ ނުއުފުލުން ކަމަށް. އެންމެ ބޮޑު އިދިކޮޅު ޕާޓީ ވާން ޖެހޭނީ ސަރުކާރު ޖެހިލުންވާ ޕާޓީއަކަށް."
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭނީ ތިރިން މައްޗަށް ކަމަށާއި މަތިން ތިރިއަށް ކޮންމެ ކަމެއް އަދި މަތިން ހުއްދަ ދޭ އުސޫލުން ކޮންމެ ކަމެއް ކުރުމަކީ ޕާޓީ ހިންގޭނެ ގޮތެއް ނޫން ކަމަށެވެ.
"އެހެންވީމަ މަތިން ހަމައެކަނި ޑައިރެކްޝަން ދޭނީ. ރަށެއްގެ ރަށު ގޮތްޕަކަށް ވެސް ޖަލްސާތައް ބާއްވައި ހިޔާލު ފާޅުކުރެވޭނެ. މިހާރު ވެސް އެކަންކަން ބާއްވައި ހަދާ. އައްޑޫގަ އާއި ފުވައްމަލަކުގަ އާއި ނ. މިލަދޫ ކަހަލަ ރަށްރަށުގައި ބާއްވާ އެ ގޮތަށް ޖަލްސާތައް. އެއީ ކައުންސިލުން ހުއްދަ ދީގެނެއް ނޫން. ކައުންސިލުން ފާސްކުރާނީ ސިޔާސަތުތަކާ އެއްޗެހި. މިސާލަކަށް އެއްވުމެއް ބޭއްވުމާ މެދު ކައުންސިލަށް ފެންނަ ގޮތެއް ފާސްކުރެވިދާނެ،" ރައީސް މުހައްމަދު ނަޝީދު "ޗާޓު" ން އެތެރެ ވަޑަގަތުމުން ނޫނިއްޔާ ސަރުކާރާއެކު މަޝްވަރާ ކުރުން ހުއްޓާލުމަށް ޑީއާރުޕީގެ މައްޗަށް ލާޒިމްކުރާ ގަރާރެއް ކައުންސިލަށް ހުށަހެޅުއްވުމުގައި ވެސް އިސްކޮށް ހުންނެވި އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޑީއާރުޕީގެ މުޒާހަރާތަކާއި ރެލީތައް ކައިރިކައިރިން ބާއްވަނީ ޕާޓީގެ އަޑުގަދަ ކުރުމަށްޓަކައި ކަމަށެވެ.
"ގަންނާނެބާ ސަރުކާރު" ގެ ނަމުގައި އުމަރު ނަސީރާއި އިލްހާމް އިސްވެ ތިއްބަވައިގެން މިރޭ ބާއްވާ މުޒާހަރާއާ ގުޅޭ ގޮތުން ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒު ވިދާޅުވެފައި ވަނީ އެއީ އެ ޕާޓީގެ ލީޑަޝިޕުން ހުއްދަ ދީގެން ބާއްވާ ހަރަކާތެއް ނޫން ކަމަށެވެ. އަދި ޕާޓީން ނިންމައިގެން ބާއްވާ އެފަދަ ހަރަކާތެއް ނަމަ ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް ވެސް އޭނާ ނެރުއްވި ބަޔާނެއްގައިވެ އެވެ.
އެއަށް ރައްދު ދެއްވަމުން އުމަރު އިއްޔެ ވިދާޅުވެފައި ވަނީ މިހާތަނަށް އެތައް އެއްވުމެއް ޑީއާރުޕީން ބާއްވާފައިވާއިރު ޕާޓީގެ ކައުންސިލުން ނިންމައިގެން މިހާތަނަށް ބާއްވާފައި ވަނީ އެންމެ މުޒާހަރާއެއް ކަމަށެވެ. އެހެންވެ މި ފަހަރު ޕާޓީގެ ސެކްރެޓޭރިއޭޓުން އެހެން ގޮތަކަށް ވާހަކަ ދައްކަވާތީ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެން މި ބާއްވަނީ ޑީއާރުޕީގެ ހަމަ ރަސްމީ މުޒާހަރާއެއް. ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުންނަށް އެހެން ނަމެއްގައި ކަމެއް ނުބޭއްވޭނެ ނޫންތޯ؟ ޑީއާރުޕީގެ ނަމުގައި އަޅުގަނޑުމެން މި މުޒާހަރާ ކުރިއަށް ގެންދާނީ. މި މުޒާހަރާގައި ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި ޕާލިމެންޓްރީ ގުރޫޕުގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ،" އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ.
ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުން އިންތިޒާމްކުރާ މި މުޒާހަރާ ކުރިން ބާއްވަން ނިންމީ ރޭގަ އެވެ. އެކަމަކު ވިއްސާރަވުމާ ގުޅިގެން މި ރެ އަށް ފަސްކުރީ އެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ބާއްވާ މި މުޒާހަރާ ފެށޭނީ 9 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ