ރާއްޖޭގެ ކުރިމަގު ބިނާވެގެންވަނީ ނޫ ކުލައިގެ މައްޗަށް: ޝާހިދު

ރާއްޖޭގެ ކުރިމަގު ބިނާވެގެން ވަނީ އިދިކޮޅު ޑީއާރުޕީގެ ކުލަ ކަމަށްވާ ނޫކުލައިގެ މައްޗަށް ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށްޓަކައި ށ. އަތޮޅުގެ ރަށްރަށަށް މިހާރު ޑީއާރުޕީން ކުރަމުންދާ ދަތުރުގައި އެ އަތޮޅު ގޮއިދޫގައި ހަވީރު ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ކުރިމަގު ބިނާވެގެން ދަނީ ނޫކުލައިގެ އިތުރުން ޑީއާރުޕީން ދައްކާ މަގުގެ މައްޗަށް ކަމަށެވެ.
"އެހެންކަމުން ޑީއާރުޕީން ކުރިއަށް ދާން މިކުރާ މަސައްކަތުގައި ގޮއިދޫ ރަމްޒު ކޮށްދޭ ދެ ކަމަކީ އެ ދެ ކަމަކާ އެކު ނޫނިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ދެ ކަމެއް ނޫން. ގޮއިދޫ ރަމްޒުކޮށްދެނީ ސާބިތުކަން. ގޮއިދޫ ރަމްޒުކޮށްދެނީ އަޒުމްގެ ވަރުގަދަކަން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބަށް ފަހު ރާއްޖެ ވެއްޓިފައިވާ ފުން ވަޅުގަނޑުންނާއި މިހާރު ތަހައްމަލު ކުރަމުންދާ ބަރުދާސްތަކުގެ އެއްވެސް ޒިންމާއެއް އަދި އެއްވެސް ހިއްސާއެއް ގޮއިދޫގެ ރައްޔިތުންގެ ބޮލުގައި ނޭޅޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ޝާހިދު ވިދާޅުވީ ގޮއިދު އަކީ ހުރިހާ އިންތިހާބެއްގައި ވެސް ނޫ ކުލަ އަށް ތާއީދުކުރުން މަތީ ސާބިތުވެ ތިބި ރައްޔިތުންތަކެއް އުޅޭ ރަށަކަށް ވާތީ ކަމަށެވެ.
"ތަންކޮޅެއް މުސްކުޅި ހަރުބަހެއްގައިވޭ ގަހެއްގައި ދޮންވާ ފަތް އަވަހަށް ވެއްޓޭނެއޭ. އަޅުގަނޑުމެންނަށް އެބަ ފެނޭ ދޮން ކުލައިގައި ހުންނަ އެއްޗެއް. އެހެންވީމަ މުސްކުޅިން ބުނާ ހަރުބަހެއް ކަމަށް ވަންޏާ ވެއްޓޭނެ. މިހާތަނަށް ކަން ހިނގާފައި އޮތީ އެހެން،" ޝާހިދު ވިދާޅުވި އެވެ.
މި ޖަލްސާގައި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ލޯކަލް އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ އުފަލާ އެކު ކަމަށެވެ. އޭނާ ވިދާޅުވީ ޑީއާރުޕީގެ ވިސްނުމާއި ފިކުރު ކުރިއަރުވަން ބޭނުން ނަމަ އެ ޕާޓީގެ ނަމުގައި ނިކުންނަ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ތަސްމީން ވިދާޅުވީ ލޯކަލް އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބު ކޮށްދޭން ޖެހެނީ ރައްޔިތުން މާޔޫސްކަންމަތީގައި ތިބުމުން ކަމަށެވެ. ވަރަށް ބިކަ ހާލުގައި ތިބޭތީ އެވެ.
"އެކަންކަން ރަނގަޅު ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޅެން އޮތް ފިޔަވަޅަކީ ތިޔަ ބޭފުޅުންނާ ގުޅުން ހުރި ކަންތައްތައް ނިންމުމުގެ ބާރު ތިޔަ ބޭފުޅުންނަށް ރައްޔިތުންނަށް ލިބިގެން މިދާ ފުރުސަތު ކަމުގައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން އެދޭ ރައްޔިތުންގެ އަޑުއަހާނެ ބަޔަކު އެ ތަންތަނަށް އިންތިހާބު ވެގެން ދިއުން. އަދި ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ކަންކަމާއި ވިސްނުން ގެންގުޅޭ ޕާޓީއަކަށް އެ އިންތިހާބުގައި ކާމިޔާބު ލިބިގެން ދިއުން. އެހެންވީމަ އެ ގޮތުން ބަލާއިރު ރާއްޖޭގެ ކަންތައްތައް މިއަދު މި ހުރި ހާލަތުން އަރައިގަތުމަށްޓަކައި ހާލަތު ބަދަލުކުރުމަށްޓަކައި މިއަދު އެޅެން އޮތް އެއް ފިޔަވަޅަކީ އަންނަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދިވެހި ރައްޔިތުންގެ ޕާޓީ އަށް ކާމިޔާބުކުރުން،" ތަސްމީން ވިދާޅުވި އެވެ.
ޑީއާރުޕީން ށ. އަތޮޅަށް ފެށި ދަތުރުގައި 10 ވަރަކަށް ރަށަށް ދާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި މިރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކަނޑިތީމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ