ހުޅުމާލޭ އަތިރިމައްޗަށް އެއްލާލައިފައި އޮއްވާ ފެނުނު ތުއްތު ކުއްޖާ ބަލަން ބަޔަކާ ހަވާލުކޮށްފި

ވިހާފައި ހުޅުމާލޭ އަތިރިމައްޗަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާ މިދިއަ ހަފުތާގައި އާއިލާއަކާ ހަވާލުކޮށްފި އެވެ.
ހެލްތު އެންޑް ފެމިލީ މިނިސްޓަރުގެ ނައިބު މާރިއާ އަލީ މިއަދު ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަހުގެ 25 ގައި ހުޅުމާލެއިން ފެނުނު ތުއްތު އަންހެން ކުއްޖާ އާއިލާއަކާ ހަވާލުކޮށްފައި ވަނީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހު، އެޓާނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ. ތުއްތު ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން އެ އާއިލާ ހަވާލުކުރާނީ ކޯޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ތުއްތު ކުއްޖާ ބަލަން ހަވާލުވީ ކޮން ރަށެއްގެ ކޮން އާއިލާއެއް ކަމެއް ކަމާ ބެހޭ ފަރާތްތަކުން ހާމައެއް ނުކުރެ އެވެ.
"އަޅުގަނޑުމެންގެ ޕެނަލުން އާއިލާއެއް ހޮވާފައި ވަނީ ކުއްޖާގެ ހާލަތަށް ވެސް ބަލާފައި. [ތުއްތު ކުއްޖާ ހަވާލުކުރި] އެ އާއިލާގެ ދެ ބޭފުޅުންނަކީ ކިޔަވައިގެން ތިބި ސިއްހަތާއި އުމުރުގެ ގޮތުން ވެސް އެންމެ އެކަށީގެންވާ އާއިލާ ކަމަށް ޕެނަލުން ނިންމާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އެ ކުއްޖާ ގެންގުޅެ ބޮޑުކުރަން ބޭނުންވެގެން ގިނަ އަދަދެއްގެ ބަޔަކު ފުލުހުންނާއި ޖެންޑަ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވެ އެވެ.
މާރިއާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަލަހައްޓަމުން އަންނަ ކުދިންނަށް އާއިލާއެއްގެ ތެރެއިން އަޅާލުމާއި ލޯބި ދޭނެ އެންމެ އެކަށީގެންވާ ބަޔަކު ކަނޑައަޅަން މިނިސްޓްރީން އެކުލަވާލި ޕެނަލްގެ ސަބަބުން ކުޑަކުދިން ހިމާޔަތް ކުރުމަށް އިތުރު މަގެއް ފަހިވެގެން ހިނގައްޖެ އެވެ.
"ޕެނަލުން ހޮވާ އާއިލާއަކާ ކުދިން ހަވާލުކޮށް، ގާނޫނީގޮތުން އެކަން ނިންމާނީ ކޯޓުން. އެހެންވީމަ މި ދެވުނީ ކުޑަކުދިން ހިމާޔަތްކުރުމުގެ އެއް ސްޓެޕް މައްޗަށް،" މާރިއާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅަން މިނިސްޓްރީން އެކުލަވާލާފައިވާ ޕެނަލްގައި ގާނޫނީ ބޭފުޅުންނާއި ސިއްހީ ދާއިރާގެ އިތުރުން ވެސް އެހެން ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ސަރުކާރުން ހަވާލުވާ ކުޑަކުދިން ބަލަހައްޓައި ތަރުބިއްޔަތުކުރަން ބޭނުންވާ އާއިލާތަކަށް، އެ އާއިލާއެއްގެ ތެރެއިން އެ ކުއްޖަކަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ޖެންޑަ މިނިސްޓްރީން ވަނީ ގަވާއިދެއް ވެސް އެކުލަވާލާފަ އެވެ. އެ ގަވާއިދު މިހާރު ވަނީ އޭޖީ އޮފީހަށް ފޮނުވައިފަ އެވެ.
ހުޅުމާލޭ ތުއްތު ކުއްޖާގެ އިތުރުން ވެސް ތުއްތު އެހެން ދެ ކުއްޖެއްގެ ބެލެނިވެރިކަން ހަވާލުކުރުމުގެ މަސައްކަތް ޕެނަލުން ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ދެ ކުދިން ހަވާލުކުރާނެ ބަޔަކު އަދި ކަނޑަނާޅާ ކަމަށް މާރިއާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ވަތަނިއްޔާ އެންޓަނާ ހުންނަ ދިމާލު އަތިރިމައްޗަށް އެއްލާލާފައި އޮތް ކުއްޖާ އަށް އިހުމާލުވީ ފަރާތްތަކެއް ފުލުހުންނަށް އަދިވެސް ނުހޯދެ އެވެ. ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ނުވަތަ ނުކުރާކަން އޭނާ ކަށަވަރެއްނުކޮށްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ