ސިޔާސި ޕާޓީތަކަށް ފައިސާ ދޭ އުސޫލް ބަދަލުކުރުމަށް އޮޑިޓަ ޖެނެރަލް ލަފާ ދެއްވައިފި

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލް ބަދަލުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 14 ބިލިއަން ރުފިޔާގެ ބަޖަޓާ މެދު އޮޑިޓަ ޖެނެރަލް ދެއްވި ލަފާގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް ދޭ ފައިސާއަކީ ލޯނު ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީގެ 0.1 ޕަސެންޓަށް ކަނޑައެޅުމަށެވެ. މިހާރު ސިޔާސީ ޕާޓީތަކަށް ދެނީ ޖުމުލަ ބަޖެޓްގެ 0.1 ޕަސެންޓަށްވާ ފައިސާ އެވެ.
"ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް ދައުލަތުން ފާސްކުރާ ބަޖެޓުގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވީ ނަމަވެސް ދައުލަތުގެ ބަޖެޓް ހަރަދު ބިނާކުރެވިފައި ވަނީ ދައުލަތަށް ލިބޭ އެއްޗަކުން ދެކޮޅުޖެހޭ ގޮތަކަށް ނޫންކަމުން މިފަދަ ސިޔާސަތެއް ކަނޑައެޅުއްވުމަކީ ރަނގަޅު އުސޫލެއް ކަމުގައި [އޮޑިޓް އޮފީހުން] ނުދެކޭ ކަމަށާއި އެހެންކަމުން ސިޔާސި ޕާޓީތަކަށް ދައުލަތުން ދޭ ފައިސާއަކީ ދައުލަތަށް ލިބޭ އާމްދަނީގެ )ލޯނު ފައިސާ ނުހިމަނާ ( 0.1 ޕަސެންޓް ކަމުގައި ހަމަޖެއްސެވުން ރަނގަޅު ކަމުގައި [އޮޑިޓް އޮފީހުން] ދެކޭ،" ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓުގައި ވެ އެވެ.
އޮޑިޓަ ޖެނެރަލްގެ ލަފާގައި ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރެއްވުމާ ގުޅޭ ގޮތުންނާއި ސަރުކާރު މެދުވެރިވެގެން މާލީ އިދާރާތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނުތަކަށް ދޭ ގެރެންޓީތަކާ ގުޅޭ ގޮތުންނާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭ ގޮތުންނާއި ދައުލަތުގެ ބަޖެޓަށް ބަރޯސާވެފައިވާ ކުންފުނިތަކުގެ ބަޖެޓާއި އެ ތަންތަނުން ހިންގާ މަޝްރޫއުތަކަށް ބަޖެޓުގައި ނުވާތީ އާއި ބަޖެޓުގައި ނެތް ހަރަދުތައް ކުރަމުން ދާދިއުމާ ގުޅޭ ގޮތުންނާ އަދި އާބާދީ އާއި ތަރައްގީ އެއްފަސްކުރުގެ މުހިންމު ކަމަށް ބަލާލާފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވަނީ 11 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ