އަބްދުﷲ ގާޒީ މަޖިލީހުގެ އިމްތިޔާޒު ގެއްލުވާލި ކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ މައްޗަށް އަބުރުގެ ދައުވާ ކުރެއްވުމަށް ވިސްނަވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވުމަކީ މަޖިލީހުގެ އިމްތިޔާޒު ގެއްލޭ ފަދަ ވާހަކައެއް ކަމަށް ބުނެ، އެ މައްސަލަ މިއަދު ހުށަހަޅައިފި އެވެ.
އަބުރުގެ ދައުވާކުރަން ވިސްނަވާކަމަށް އަބްދުﷲ ގާޒީ ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުގެ ޖަލްސާގައި އަބްދުﷲ ގާޒީއަކީ ވަގެއް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވުމުންނެވެ.
ތިނަދޫ ދާއިރާގެ މެމްބަރުން މުހައްމަދު ގަސަމް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައި ވަނީ މަޖިލީހުގައި އިބްރާހިމް ރަޝީދު ދެއްކެވި ވާހަކައަކާ ގުޅޭ ގޮތުން ދައުވާ ކުރައްވާނެ ކަމަށް ކަމަށް ވިދާޅުވެ އަބްދުﷲ ގާޒީ މީޑިއާގައި ވާހަކަ ދެއްކެވުމަކީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒަށް ބުރޫ އަރާ ކަމެއް ކަމަށެވެ.
އަބްދުﷲ ގާޒީއަކީ ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ މިންގަނޑުން ބޭރުވެފައިވާ މީހެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާ ބޭފުޅެއް ކަމަށާއި ފަނިޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު މަޖިލިހަށް ލިބިގެންވާ ކަމަށް ވެސް އިމްތިޔާޒުގެ މައްސަލައިގެ ލިޔުމުގައިވެ އެވެ.
އަބްދުﷲ ގާޒީ އަށް އިޝާރާތްކުރައްވައި އާދީއްތަ ދުވަހުގެ ޖަލްސާގައި އިބްރާހިމް ރަޝީދު ވިދާޅުވީ "ތި އުޅޭ އަބްދުﷲ ގާޒީ ބޮޑު ވަގު، މި ރާއްޖޭގެ ފަނޑިޔާރުގެ ހަފުސް އަރުވާ ބޮޑު ވަގު" ކަމަށެވެ.
އަބްދުﷲ ގާޒީއަކީ ވަގެއް ކަމަށް ވިދާޅުވުމުގެ އިތުރުން، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަކީ ޓެރަރިޒަމަށް ހަރަދުކުރައްވާ ބޭފުޅެއް ކަމަށާއި ވަގު ވިޔަފާރިވެރިން ހިފައި ހައްޔަރުކޮށް އެ މީހުންގެ ބޭންކު އެކައުންޓްތައް ފްރީޒްކުރުމަށް ވެސް އިބްރާހިމް ރަޝީދު ގޮވާލެއްވި އެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ އިބްރާހިމް ރަޝީދު ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އުސޫލާ ހިލާފަށް ދެއްކެވި ވާހަކައެއް ކަމަށާއި އެއީ މަޖިލީހުގެ އިމްތިޔާޒުން ބޭރުން ދެއްކެވި ވާހަކައެއް ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.
"އަބުރަކީ އިސްލާމްދީނުގައި ހިމާޔަތްކޮށްފައިވާ އެއްޗެއް. އެހެންވެ މައްސަލަ ހުށަހެޅުމަށް އެކަން ދިރާސާކުރަމުން މިދަނީ،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މެމްބަރަކު ނުވަތަ އެނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދެއްކެވި ވާހަކައެއް ނުވަތަ ހުށަހެޅުއްވި ހުށަހެޅުއްވުމުގެ ސަބަބުން ނުވަތަ ވޯޓު ދެއްވި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާމެދު ދައުވާކޮށްގެން ނުވާނެ ކަމަށެވެ.
ގާނޫނު އަސާސީގައި "އިސްލާމްދީނުގެ އަސްލު" ކަމުގައި ބުނެފައިވަނީ، ގުރުއާނާއި
ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާމެދު ހިލާފު އުފެދިފައިނުވާ ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ