ކާށިދޫ ދާއިރާގެ ފޯރިގަދަ ކެމްޕޭން ނިންމާލައިފި

ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރިގަދަ ކެމްޕޭން އިރުއޮއްސި ހައެއް ޖަހަން ކައިރިވުމާއެކު ނިންމާލައިފި އެވެ.
ވާދަވެރި ދެ ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ޖާބިރުގެ ކެމްޕޭން ނިންމާލީ މި ރަށުގައި އިމާރާތްކުރާ 40 ކޮޓަރީގެ ސިޓީ ހޮޓަލުގެ ބިންގާ އެޅުމަށް ފަހު އޭނާގެ ސަޕޯޓަރުންނާ އެކު ބޭއްވި ހިނގާލުމަކުންނެވެ. މި ހިނގާލުމުގައި ޖާބިރުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ބައިވެރިވެ ވަޑައިގަތެވެ.
އެމްޑީޕީ ކެންޑިޑޭޓު ދޮންބިލެތް އަހުމަދު ހަލީމްގެ ކެމްޕޭން ނިންމާލުމަށްޓަކައި އެއްވެސް ހަރަކާތެއް ނުބާއްވަ އެވެ. މައިގަނޑު ގޮތެއްގައި އޮތީ ކުރިން ރެކޯޑް ކޮށްފައިވާ ކެމްޕޭން މެސެޖުތަކާއި ކެމްޕޭން ލަވަތައް ޖެހުމެވެ. ދޮންބިލެތް ހަލީމްގެ ސަޕޯޓަރުން ބުނީ ކުރީ ފަހަރެއްގައި ލޮރީ ބުރެއް ބާއްވާފައިވާތީ ކެމްޕޭން ނިންމާލުމުގެ ގޮތުން އެފަދަ ހަރަކާތެއް ނުބޭއްވީ ކަމަށެވެ.
ޖާބިރު ކެމްޕޭނުގެ މައިގަނޑު ކަމަކީ ކާށިދޫގައި ސިޓީ ހޮޓާ އެޅުމެވެ. މި ރަށުގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮޓަލުގެ ބިންގާ އަޅުއްވައި ދެއްވީ ޖާބިރުގެ އިތުރުން އޭނާގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާއި ގާސިމް އިބްރާހީމެވެ. ޖާބިރު ވިދާޅުވީ 18 މަސް ދުވަހުގެ ތެރޭގައި ހޮޓަލުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި އެތަން އިމާރާތްކުރަން ހަވާލުކުރާނީ ވެސް ކާށިދޫގެ ބަޔަކާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ސިޓީ ހޮޓަލުގެ ބިންގާ މި އެޅީ އެކަން ނުކުރުމަށް ދޮންބިލެތް ހަލީމްގެ ސަޕޯޓަރުން ގޮވަމުން ދަނިކޮށެވެ. އެ މީހުން ބުނަމުން ގެންދަނީ ސިޓީ ހޮޓާ އަޅަނީ ރައްޔިތުންގެ ބަހެއް ނެތި ކަމަށާއި ބިންގާ އަޅައިފިނަމަ ދައުވާ ވެސް ކުރާނެ ކަމަށެވެ.
ބައި އިލެކްޝަން ފަށާނީ މާދަމާ ހެނދުނު 00: 8 ގަ އެވެ. އަދި ނިންމާނީ ހަވީރު 00: 4 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ