ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ ޕީޕީއެމްގެ މެމްބަރަކަށް ވާތާ ތިން މަސް ނުވާ މީހަކަށް ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އެ ޕާޓީގެ މެމްބަރަކު ރޭ ހިޔާލު ހުށަހަޅައިފި އެވެ.
އެ ޕާޓީގެ އަސާސީ ގަވައިދަށް ހިޔާލު ހުށަހެޅުމަށް ދަރުބާރުގޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ކުރީގެ އެކްޓިވިސްޓް އަދި މިހާރު ޕީޕީއެމްގެ މެމްބަރު އިބްރާހިމް ނާޒިމް ބުނީ އެ ޕާޓީގައި މުޒާހަރާ ކޮމިޓީއެއް އޮންނަންވާނެ ކަމަށާއި އަދި އެ ކޮމިޓީން ނިންމާ ނިންމުން ޕާޓީގެ ކައުންސިލަށް ބާތިލުކުރުމުގެ ބާރު ލިބިގެންނުވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ރައީސާއި ނައިބު ރައީސް ހޮވަން ޖެހޭނީ މެމްބަރުންގެ ސިއްރު ވޯޓަކުން ކަމަށް ވެސް އޭނާ ހުށަހެޅި އެވެ.
މިރޭ އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރު ވިދާޅުވީ އެ ޕާޓީގައި އަންހެނުންގެ ދައުރު ފުޅާ ުރުމުގެ ގޮތުން އިންތިހާބު ކުރެވޭ މަގާމުތަކުގައި ވަކި ޕަސެންޓަކަށް އަންހެނުން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ވަކި އަދަދެއްގެ ސަޕޯޓް ލިބިގެން ކައުންސިލަށް ހުށަހަޅާ ކަމެއް ކައުންސިލްގައި އެޖެންޑާކުރަން ފެނިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒާހިރު ވަނީ ޕާޓީގައި ތިއްބެވި ތަޖުރިބާކާރު ދުވަސްވީ ބޭފުޅުންނަށް ޕާޓީގެ ކޮންގްރެސްގައި ވޯޓުދެވޭ ގޮތަށް ބައިވެރިވެވޭނެ ގޮތަށް އޮތުމަށް ވެސް ހުށަހަޅުއްވައިފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާޒް އަހުމަދު ސަލީމް ވަނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ކައުންސިލްގެ އަގުލަބިއްޔަތުން ނިންމައިގެން ކޮންގްރެސް އަށް ހުށަހަޅައި، އެ ކޮންގްރެސްގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތު ލިބިގެން ކަމަށް ހުށަހަޅައިފަ އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ބައްދަލުވުމުގައި ޕާޓީގެ އެކިއެކި މެމްބަރުން ވަނީ އެހެން ޕާޓީތަކުގައި ދިމާވާ ފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އަސާސީ ގަވައިދު ބައްޓަންކުރުމަށް ގޮވާލައިފަ އެވެ. އަދި މަޖިލީހުގެ މެމްބަރުން ޕާޓީގެ އިންތިހާބުކުރާ މަގާމުތަކަށް ކުރިމަތިނުލެވޭ ގޮތަށް އޮތުމަށާއި ޕާޓީއަށް ދައުލަތުން ލިބޭ ފައިސާގެ ތެރެއިން ބައެއް އަތޮޅުތަކުގެ ގޮފިތަކަށް ލިބޭނެ ގޮތަށް ހަމަޖެހިފައި އޮތުމަށް ވެސް މެމްބަރުން ހިޔާލު ހުށަހެޅި އެވެ.
މި ބައްދަލުވުމުގައި ރިޔާސަތުގައި ތިބީ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވާ ފަރާތްތަކުގެ ތެރެއިން ޑރ. މުހައްމަދު ސައުދާއި ގާނޫނީ ވަކީލު އިބްރާހިމް ވަހީދާއި އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި އުމަރު ނަސީރެވެ.
ޕީޕީއެމްގެ މެމްބަރަކަށްވާތާ ތިން މަސް ނުވާ މީހަކަށް ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ހިޔާލު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ