އަތް ކެނޑުމާއި މަރުގެ އަދަބު ކަނޑައަޅަކާށް ނުފެނޭ: ރައީސް ނަޝީދު

މީހުންގެ ފުރާނަ ހިފުމާއި އަތް ކެނޑުން ގާނޫނުލްއުގޫބާތުގައި އުގޫބާތުގެ ގޮތުގައި އޮންނަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ދިރާސާ ކުރަމުންދާ ގާނޫނުލްއުގޫބާތުގެ ބިލާ ބެހޭގޮތުން ރޭޑިއޯ ތަގުރީރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންސާނެއްގެ ފުރާނަ ހިފެންޖެހޭނީ "ރަސޫލު ޒަމާނުގެ އިންސާފުން ކަންކަން ޝަރީއަތް ކުރެވިގެން" ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ އިރު ރާއްޖޭގައި އޮތީ އެހާ އިންސާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭނެފަދަ ގާބިލުކަން ލިބިފައި ހުރި ޝަރީއަތުގެ ނިޒާމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އެހެންވީމާ މަރުގެ ހުކުމާއެކުގައި އަންނަ ކޮންމެ ރައްޔިތެއްގެ ހުކުމް މައާފް ކުރުމުގެ ބުރަ ނުވަތަ އެ ހުކުމް ތަންފީޒު ކުރުމުގެ ބުރަ އައިސް އެންމެފަހުން މި ދިމާވާނީ، ހުއްޓޭނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ގޮތަކީ މީހުންގެ ފުރާނަ ހިފުން އެއީ ގާނޫނުލްއުގޫބާތުގައި އޮންނަ އުގޫބާތަކަށް ނުވުން."
ބުދަ ދުވަހު މަޖިލިހަށް ބަލައިގަނެ ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވާފައިވާ ގާނޫނުލްއުގޫބާތުގެ ބިލު "މި ފިކުރާ އެކުގައި" ފާސްވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އަތް ކެނޑުމަކީ ވެސް ރާއްޖޭގައި މިހާތަނަށް އާންމުކޮށް ކުރަމުން އައި ކަމެއް ނޫން ކަމަށާއި އެކަން ކުރި ދެ ފަހަރެއްގައިވެސް "ނޭދެވޭ ކަންކަން، ނުރަނގަޅު ކަންކަން އެހާމެ ފުޅާ" ކަމަށެވެ. އަދި އަތް ކެނޑުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ލިޔެފައި އޮންނަންވެއްޖެ ކަމެއް ކަމަކަށް ފެނިވަޑައިނުގަންނަވާކަން ވެސް ރައީސް ހާމަކުރެއްވިއެވެ.
ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ފަންނީ މީހުންގެ އެހީއާ އެކު 2004 ވަނަ އަހަރުން ފެށިގެން ދެ އަހަރުގެ ތެރޭގައި އެކުލަވާލާފައިވާ ގާނޫނުލްއުގޫބާތުގެ ބިލު ބަލައިގަތީ މަޖިލިހުގެ އެ ޖަލްސާގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލް ހުށަހަޅުއްވަމުން ބަންޑާރަ ނާއިބު ހުސްނުއްސުއޫދު ވިދާޅުވީ ބިލް އެކުލަވާލުމުގައި އެންމެ ފުރަތަމަ އަސްލަކަށް ރާއްޖޭގެ ގާނޫނުތައް، ދެން އިސްލާމީ ޝަރީއަތްތައް އަދި ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލުތަކަށް ބެލި އިރު ދަތިތަކެއް ކުރިމަތިވި ކަމަށާއި އެއީ ބައެއް އަސްލު އަނެއް އަސްލާ ތަފާތުވާތީ ކަމަށެވެ. އެ ގޮތުން އިސްލާމީ ޝަރީއަތުގައި ވައްކަންކުރާ މީހާގެ އަތްކެނޑުން އޮތް ނަމަވެސް ރާއްޖޭގެ ގާނޫނުތަކުގައި އެ އަދަބު ނެތް ކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.
ގާނޫނުލްއުގޫބާތުގެ ބިލް މަޖިލީހަށް ބަލައިގަތުމާ މެދު ކުރި ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ ރާއްޖޭގައި އަމަލުކުރުމަށް އެކުލަވައިލާ ގާނޫނުލްއުގޫބާތެއްގެ އެންމެ ފުރަތަމަ މަސްދަރަކަށް ވާންވާނީ އިސްލާމީ ޝަރީއަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ