ފަނޑިޔާރުންނާއި ކޯޓުތަކުގެ ކަންކަން ފިޔަވައި ޝަރުއީ ދާއިރާގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ޖުޑީޝަރީ ކޮމިޓީއަށް

ފަނޑިޔާރުންނާއި ޝަރުއީ ކޯޓުތަކުގެ ކަންކަން ފިޔަވައި ޝަރުއީ ދާއިރާގެ ކަންކަން ޖުޑީޝަރީ ކޮމިޓީއަށް ބެލޭ ގޮތަށް އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ދާއިމީ އާ ފަސް ކޮމިޓީ އެކުލަވާލަން ނިންމާފައިވާ އިރު، އޭގެ ތެރޭގައި ޝަރުއީ ކަންކަން ބެލުމަށް ހާއްސަ ޖުޑީޝަރީ ކޮމިޓީ ހިމެނެއެވެ. ކުރިން އެކަންކަން ބަލަމުންދިޔައީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
މިއަދު ބޭއްވި މަޖިލީހުގެ ގަވާއިދު އިސްލާހުކުރާ ވަގުތީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އަލަށް އެކުލަވާލާ ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތައް ވަނީ ކަނޑައަޅައިފައެވެ. އެ ކޮމިޓީއަށް ފަނޑިޔާރުންނާއި ޝަރުއީ ކޯޓުތަކުގެ މައްސަލައެއް ނުބެލޭނެއެވެ. ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޝަރުއީ މުއައްސަސާތަކުގެ މައްސަލަތައް ބެލުމެވެ.
އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޝަރުއީ މުއައްސަސާތަކުގެ މެމްބަރުން ޖަވާބުދާރީ ކުރުވުމާއި މުއައްސަސާތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބެލުމާއި މުއައްސަސާތަކަށް އައްޔަންކުރާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ރުހުން ހޯދަން ޖެހޭ ފަރާތްތަކަށް ރުހުން ދިނުމުގެ ކުރިން ދިރާސާކުރުމާއި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތައް ދިރާސާކުރުން ހިމެނެއެވެ.
ޖުޑީޝަރީ ކޮމިޓީއަށް ބެލޭ ޝަރުއީ މުއައްސަސާތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އެޓާނީ ޖެނެރަލް އޮފީހާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ