ރޯދަ ހަދިޔާގެ ގޮތުގައި އުނގޫފާރަށް މިފަހަރު ވެސް ހިލޭ ކަރަންޓް

ރޯދަ ހަދިޔާއެއްގެ ގޮތުގައި ރ. އުނގޫފާރު ރައްޔިތުންނަށް މި ރޯދަ މަހު ވެސް ކަރަންޓުގެ ހިދުމަތް ހިލޭ ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
އެ ރަށު ކައުންސިލް މެމްބަރު ހުސެއިން އާސިފް މިއަދު "މިހާރު" އަށް ވިދާޅުވީ މިއީ ކަރަންޓުގެ ހިދުމަތް ރޯދަ މަހު އެ ރަށުގައި ދޭ ތިން ވަނަ އަހަރު ކަމަށެވެ. އަދި މިއީ އެ ރަށު ރައްޔިތުން ވަރަށް ތާއީދުކުރާ އަދި އެކަމަށް އިންތިޒާރު ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޖީނު ގެއަކީ ރައްޔިތުންގެ ނަމުގައި ހިންގާ ތަނެއް. އެހެންވެ ރައްޔިތުންނަށް ދޭ އިނާޔަތެއްގެ ގޮތުގައި ރޯދަ މަހު ކަރަންޓުގެ ހިދުމަތް ހިލޭ ކުރަނީ،" އާސިފް ވިދާޅުވި އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަރަންޓުގެ ހިދުމަތް ހިލޭ ކުރުމުން އޭގެ ހަރަދަކީ ގާތްގަނޑަކަށް އަށް ލައްކަ ރުފިޔާ އެވެ. ފަންސާސް ފަސް ދުވަހަށް ދޭ މި އިނާޔަތުގައި އެ ރަށުގައި އުޅޭ ބިދޭސީންން ވެސް އެ ކައުންސިލުން އެކަހެރިއެއް ނުކުރެ އެވެ. މި އިނާޔާތް ދޭން ނިންމާފައި ވަނީ އެ ރަށުގައި ހުރި ގޭބިސީތަކަށް އެކަންޏެވެ. ދައުލަތުން ހިންގާ ހޮސްޕިޓަލާއި ސްކޫލް ފަދަ ތަންތަނުންނާއި އެހެން މުއާސަސާތަކުން ކަރަންޓު ބިލް ދައްކަން ޖެހޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.
"އަންނަ މަހުގެ ފަސް ވަނަ ދުވަހު މީޓަރުގެ ރީޑިން ބެލުމަށް ފަހު ދެން އަޅުގަނޑުމެން އަލުން ފަށާނީ ޖޫން މަސް ނިމުމުން. މިއީ ކައުންސިލުން ރައްޔިތުންނަށް ދޭ އިނާޔަތެއް. މިކަމާ ދޭތެރޭ ރައްޔިތުން ވަރަށް ހިތްހަމަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބައެއް ރަށްތަކުން ރޯދައާ ދިމާކޮށް އެ ރަށުގެ ރައްޔިތުންނަށް މިފަދަ ރޯދަ ހަދިޔާތައް ދެ އެވެ. ގާތްގަނޑަކަށް 1800 އެއްހާ މީހުން އުޅޭ އުނގޫފާރަށް މި ހަދިޔާ ދޭން އެންމެ ފުރަތަމަ ފެށީ 2016 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ