ޖޭއެސްސީއަށް އެކަނި ބަދަލު ގެނެސްގެން ޝަރުއީ ދާއިރާ އިސްލާހެއް ނުވާނެ: ނަޝީދު

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރަންޖެހޭ ހަމައެކަނި މަސައްކަތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮަތް ބަދަލުކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް 10 އަހަރު ވެފައިވާއިރު ފަނޑިޔާރުން ޖަވާބުދާރީ ކުރެވިފައި ނުވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ހިންގަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އާއި ޖޭއެސްސީ އެކުލަވާލާފައިވަނީ ރަނގަޅަށްތޯ މިއީ އަދި ޖަވާބު ހޯދިފައި ނުވާ ސުވާލުތަކެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިއީ އެހާ ފަސޭހައިން ޖަވާބު ދެވޭނެ ސުވާލުތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެ ވަނީ ވަރަށް ބޮޑަށް ހަރާބުވެފައި ކަމަށާއި އެކަން ރަނގަޅު ކުރެވޭނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ކުރިން އެހެން ކިތަންމެ ކަމެއް ކޮށްގެން ކަމަށެވެ. ޖޭއެސްސީގެ މަސްއޫލިއްޔަތު އެކަނި ބަދަލުކޮށްގެން ޝަރުއީ ދާއިރާ ރަނގަޅު ނުކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެއްދުވަހު ހެނދުނު ހޭލާފައި އަޅުގަނޑުމެންގެ އަތުގައި ސުޕަ މެޖޯރިޓީ އޮތީމައޭ ކިޔާފައި ގާނޫނުއަސާސި ބަދަލުކޮށްގެން ނުވާނެ. ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ގެންނަނެޖެހޭ ބަދަލެއް މިގެނެވެނީ ޝަރުއީ ނިޒާމު އިސްލާހުކުރުމަށްޓަކައި. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި ބައެއް ފަނޑިޔާރުން ތިބުމަކީ ޖޭއެސްސީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ހިންގުަމަށް އެޅޭ ހުރަހަކަށް ވެދާނެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އެކި ގައުމުތަކުގައި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަމުންދަނީ އެކި ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.
ޖޭއެސްސީ އިސްލާހު ނުވެ އޮތީ ޖޭއެސްސީއަށް ބާރު ފޯރުވުމުގައި މައިގަނޑު ތިން ފަރާތެއް ހަރަކާތްތެރިވާތީ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ވިޔަފާރިވެރިންނާއި، ގޭންގުތަކުންނާއި އަދި ސިޔާސީ ލީޑަރުންގެ ނުފޫޒު ޖޭއެސްސީއަށް ފޯރާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ