މެދު ހެންވޭރު ދާއިރާގެ އެންމެ "ކޮލިޓީ" ކެނޑިޑޭޓަކީ ޙަސަން ޝިޔާމް

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ، ބޭފުޅުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރައްވާ ޙަސަން ޝިޔާމަކީ އެންމެ ކޮލިޓީ ކެނޑިޑޭޓު ކަމަށް އެ ދާއިރާގެ ގިނަ ރައްޔިތުންގެ މިއަދު ޤަބޫލުކުރެއެވެ.
ޕީ.އެސް.އެމް އިން އިންތިޒާމުކޮށްގެން ބޭއްވި މަޖިލިސް ބަހުސްގައިވެސް ޙަސަންގެ ޤާބިލްކަން އެ ދާއިރާއަށް ވަނީ ސާބިތުކޮށްދެއްވާފައެވެ. ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޙަސަން ވިދާޅުވީ، އޭނާގެ ކޮލިޓީ އަކަށް ވެގެންދާނީ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ މީހެއް ކަމަށް ވެގެން ދިއުން ކަމަށާއި، އަދި ރައްޔިތުންގެ މަޝްވަރާގެ މަތިން ކަންކަން ނިންމާނެ މަންދޫބަކަށް ވެގެން ދިއުން ކަމަށެވެ.
""ވޭތުވެ ދިޔަ ދެ ދައުރުގައި މެދު ހެންވޭރު ދާއިރާ އަށް ވަަނީ ވަރަށް ބޮޑަށް އިޙުމާލު ވެފައި. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ކޮލިޓީ އަކަށް ވެގެން ދާނީ އަޅުގަނޑަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ މީހަކަށް ވެގެން ދިއުން. އަޅުގަނޑުގެ ކޮލިޓީ އަކަށް ވެގެންދާނީ އަޅުގަނޑަކީ ހާޒިރީ ރަނގަޅު މީހެއްކަން ސާބިތުކޮށްދިނުން. އަޅުގަނޑުގެ ކޮލިޓީ އަކަށް ވެގެންދާނީ، އަންހެންބޭފުޅުންނާއި އިސްރައްވެހިންނާއި އެއްކޮށް، އެމީހުންގެ ޚިޔާލާއި މަޝްވަރާއާއި އެކު މަޖިލީހުގައި ވަކާލާތު ކުރާނެ މެދު ހެންވޭރު ރައްޔިތެއް ކަމަށް އަޅުގަނޑު ވެގެން ދިއުން." ޙަަސަން ވިދާޅުވިއެވެ.
މީގެ އިތުރުން، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ލިބިއްޖެކަމަށްވާނަމަ، މެދު ހެންވޭރު ދާއިރާގެ ޒުވާނުންގެ އަޑު މަޖިލީހުގައި އިއްވާނެ ކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވާނެ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.
އެގޮތުން ޙަސަން ވިދާޅުވީ، ދާއިރާގެ ޒުވާނުންގެ ހައްޤުގައި މި ވީހާތަނަށް، ރައްޔިތުންގެ މަޖިލިސް ތެރެއިން އެދެވޭ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށާއި، ޒުވާނެއްގެ ޙައިޞިއްޔަތުން ކުރިމަތިލެއްވީ، އެ އަޑު މަޖިލީހުގައި އިއްވުމުގެ ޢަޒުމުގައި ކަމަށެވެ. އަދި ޒުވާނުން އެދޭ ކަންތައްތައް ހާޞިލްކޮށްދިނުމަށްޓަކައި ފުޅާ ދާއިރާއެއްގަައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.
"އަޅުގަނޑަށް ޤަބޫލުކުރެވެނީ މި ދާއިރާގެ ޒުވާނުންގެ އުންމީދުތައް ޙާޞިލްކޮށްދިނުމަށް އެދެވޭ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާތަނަށް މަސައްކަތް ކުރެވިފައި ނެތް ކަމަށް. ދާއިރާގެ ޒުވާނުންނާއި ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި ހިސާބަށް ވާޞިލްނުވެ، މިހާ ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް. އަޅުގަނޑަކީ މި ދާއިރާގެ ޒުވާނުންނާއި ރައްޔިތުންގެ އިޚްޞާސްތައް ދަންނަ ޒުވާނެއް. އަޅުގަނޑު ތިބޭފުޅުންގެ ކުރިމައްޗަށް ނިކުމެ މިހުރީ މެދު ހެންވޭރު ޒުވާނުންގެ އަޑު ރައްޔިތުންގެ މަޖިިލީހުގައި އިއްވުމުގެ ޢަޒުމު ކަނޑައަޅައިގެން. ތިޔަ ބޭފުޅުން ތި އެދޭ ގޮތަށް ޙާޞިލްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަމާއި ފަންނު ވެރިކަނ ހުރިކަން ޤަބޫލުކުރެވޭތީ." ޙަސަން ވިދާޅުވިއެވެ.
ހަމައެހެންމެ ޙަސަން ވިދާޅުވީ، މެދު ހެންވޭރު ދާއިރާގެ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި، ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރުމުން އެކަން ވަރަށް ސާފުކޮށް އެނގިގެން ދިޔަ ކަމަށެވެ. އަދި އެއްވެސް ބޭފުޅަކު މި އިންތިޚާބުގައި ފައިސާ އަށް ވޯޓު ވިއްކާ ނުލައްވާނެކަން ޔަޤީން ކުރައްވާ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.
"ރައްޔިތުންގެ ގޭގެ އަށް ޒިޔާރަތް ކުރުމުން އަޅުގަނޑަށް ފެނިގެން ދިޔައީ ބަދަލަކަށް އެންމެންވެސް ބޭނުންވެފަ ތިބި މަންޒަރު. ކެމްޕެއިނަކަށް އަޅުގަނޑުމެން ނުޖެހޭ ނާޖައިޒް ގޮތުގައި ފައިސާ ބަހާކަށް، މެދު ހެންވޭރު ރައްޔިތުން ބޭނުންވަނީ މިހާރު ދެ އަހަރުވީ އަމިއްލަ އެޖެންޑާ ނިންމާލަން. މެދު ހެންވޭރު ރައްޔިތުން މިހާރު ބޭނުމެއް ނުވޭ ފައިސާގައި އަތްލައިގެން ވޯޓު ވިއްކާކަށް. މެދު ހެންވޭރުގެ ރައްޔިތުން ތިބީ އަޅުގަނޑާއި އެކު މި ބަދަލުގެންނަން ތައްޔާރަށް." ޙަަސަން ވިދާޅުވިއެވެ.
މެދު ހެންވޭރު ދާއިރާއަށް ހަތަރު ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރައްވާ ޢަބްދުﷲ ރަޝީދު ވަނީ ޙަސަން ތާޢީދު ކުރުމަށް ނިންމާފައެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ