ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން އިއުލާންކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން އިއުލާން ކުރީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި އެގޮތަށް ފާސްކުރުމުންނެވެ. މީގެއިތުރުން މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލަފަޔަކަށް އެދި ފޮނުއްވާފައިވާ ދެ ނަންފުޅަކީ ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާފައިވާ ނަންފުޅުތަކެއް ކަމުގައި ބަލައިގަތުމަށް ނިންމާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް އެ ކޮމިޝަނުގެ ލަފަޔަކަށް އެދި ރައީސް ސޯލިހު ފޮނުއްވި ދެ ނަންފުޅަކީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ނަންފުޅެވެ. އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މިއަދު އެ ކޮމިޝަނުން ލަފާދީފައެއް ނުވެއެވެ. އެކަމާ މެދު ގޮތެއް ނިންމާނީ މިއަދު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލައްވާ ބޭފުޅުންނަށް ބެލުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ މަތިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހުއެވެ. ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ އެޕްލިކޭޝަން ބަލައިގަތުން މާދަމާ 14:00 އިން ފެށިގެން 16:00 ގެ ނިޔަލަށް އަދި އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އަށް ކުރިއަށްދާނެ ކަމަށެވެ. ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޝަނުގެ ހުރިހާ މެމްބަރުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލަން މިއަދު ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުގެ އަމާޒަކީ ހޯމަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައި ގާނޫނުގައި ބުނެފައިވާ ފަދައިން ރައީސުލްޖުމްހޫރިއްޔާ އަށް ނަންފުޅުތައް ފޮނުވުން ކަމަށް ޖޭއެސްސީން ބުންޏެވެ. ނޯޓް: އައިޝާ ޝުޖޫން މުހައްމަދު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދީފި ކަމަށް ކުރިން ލިޔެވުނީ ލިޔުމުގެ ކުށަކުންނެވެ. ވީމާ، މި ކުށަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ