އިސްފަނޑިޔާރު ކަމުގެ ފަތްކޮޅު އަބްދުﷲ ދީދީ އަށް ހަވާލުކޮށްފި

ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް، ހަމަޖެއްސި އެ ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްފި އެވެ.
ޖޭއެސްސީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އަބްދުﷲ ދީދީ އަށް ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލް އެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ އިސްވެރިންނާއި ހައިކޯޓްގެ ބައެއް ފަނޑިޔާރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަބްދުﷲ ދީދީ އަށް އެ ކޯޓްގެ އިސް ފަނޑިޔާރުކަން ދީފައި މި ވަނީ އެ މަގާމު ހުސްކޮށް ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެވެ. އަބްދުﷲ ދީދީ މީގެ ކުރިން މަސައްކަތް ކުރެއްވީ ކްރިމިނަލް ކޯޓްގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބެލި ކޮމިޓީގެ އިސް ފަނޑިޔާރަކީ ވެސް އޭނާ އެވެ.
އަބްދުﷲ ދީދީ އެ މަގާމަށް ހަމަޖައްސަން ނިންމީ، ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާ ދޭ ކޮމިޓީ އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އިންޓަވިއުކޮށް މާކްސްދީ އަދި އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަރުދާސްތައް ވެސް ބެލުމަށް ފަހު ކަމަށެވެ. އަދި އެގޮތަށް ނިންމީ ޖޭއެސްސީގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކުން ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ