ރާއްޖޭގެ އެންމެ ޖާގަ ތަނަވަސް ސްކޫލް ރައީސް ހުޅުވައިދެއްވައިފި

ހުރަވީ ސްކޫލްގެ ނަމުގައި ރާއްޖޭގެ އެންމެ ޖާގަ ތަނަވަސް ސްކޫލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހުޅުވައިފިއެވެ.
އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން އެޗްޑީސީން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ މި ސްކޫލަކީ 1450 ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެވޭ ގޮތަށް 54 ކްލާސް ރޫމް އެކުލެވިގެންވާ ސްކޫލެކެވެ. ދެ ލެބޯޓަރީއާއި، ދަރިވަރުންނަށް ހާއްސަ ލައިބްރަރީ އަކާއި، ޓީޗަރުންނަށް ހާއްސަ ލައިބްރަރީއަކާއި އަދި އެހެނިހެން ޒަަމާނީ ވަސީލަތްތަށް އެކުލެވިގެން ހަދާފައިވާ މި ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހި ޓީޗަރުންނެވެ.
ހުރަވީ ސްކޫލްގައި ހަތް ބުރީގެ ތިން ބްލޮކް ހުންނައިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްގެ ހުރިހާ ބުރިއަކަށް ވެސް ފަސޭހަކަމާ އެކު އެރޭނެ ގޮތަށް އިމާރާތުގެ މެދުގައި ރޭމްޕެއް ވަނީ ހަދައިފަ އެވެ. ދަރިވަރުން ބޭނުން ކުރުމަށް ދެ ލިފްޓް ވެސް ސްކޫލްގައި ހުރެއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ހާއްސަ ދެ ކްލާސްރޫމް ހުންނައިރު، މަސައްކަތް ދަސްކޮށްދޭ ދެ ކްލާސްރޫމްވެސް ހުރެއެވެ.
ހުރަވީ ސްކޫލުގައި 780 ދަރިވަރުން މިއަހަރު ތައުލީމް ހާސިލް ކުރާނެއެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 9 ހަމައަށް މިއަހަރު ކިޔަވައިދޭއިރު އަންނަ އަހަރު ގްރޭޑް 10 ފަށާނެ އެވެ. އަދި ގްރޭޑް 11 އާއި 12 ވެސް އުފައްދައި، އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭ ތަނަކަށް އެ ސްކޫލް ހަދަން ވަނީ ނިންމައިފަ އެވެ. 
މި ރަސްމިޔާތުގައި، ރައީސްގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ