މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާންކޮށްދޭ ދުވަސް: ޔާމީން
ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދުވެރިކަން ދިވެހީންނަށް ހަނދާންކޮށްދޭ ދުވަސް ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން މިއަދު ވިދާޅުވެއްޖެއެވެ. ނޮވެމްބަރު ތިނެއް، 1988ގައި ރާއްޖޭގެ މަދު ބަޔަކު ސްރީލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހީންނަށް ނަސްރު ލިބުނު ދުވަހުގެ މުނާސަބަތުގައި 'އެކްސް'ގައި ޔާމީން ލިޔުއްވިގޮތުގައި، ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަކީ މާތް اللهގެ ހަޟްރަތުގައި ހަމްދާއި ޝުކުރުކުރަން ޖެހޭ ދުވަހެވެ. އެ ދުވަހަކީ ދިވެހީންގެ ލޭ އޮހޮރުވާލައި، ވެރިކަން ބަދަލުކުރަން ދިވެހީންގެ ބަޔަކު އަޑީގައި ތިބެ މަސައްކަތްކުރި ދުވަސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ދުވަހު ސިފައިންގެ ވަރުގަދަ އަޒުމާއި ގުރުބާނީ އެ ދުވަހު ފާހަގަވި ކަމަށާއި، އެގޮތުން "އާދައިގެ ސިފައިންގެ ބޭކަލެއް" ކަމަށްވާ ކޯޕްރަލް ހުސައިން އާދަމްގެ މަތިވެރި ޖިހާދުން ފިލާވަޅު ނަގައިދިން ދުވަސްކަމަށް ޔާމީން ލިޔުއްވާފައިވެއެވެ. https://x.com/prz_ymn/status/1985219146347618401 "[ނަސްރުގެ ދުވަހަކީ] ޤައުމު ދިފާއުކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް،" އެމަނިކުފާނު ލިޔުއްވާފައިވެއެވެ. ހަމަ އެފަދައިން އެ ދުވަހަކީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ ހިތްވަރުގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް ކަމަށް ވެސް، ޔާމީން ލިޔުއްވި ޕޯސްޓުގައިވެއެވެ. އެއާއެކު، އެ ދުވަހު ރާއްޖެއަށް އިންޑިއާގެ އަސްކަރިއްޔާއިން ދިން އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނު ލިޔުއްވިގޮތުގައި ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދުވެރިކަން ދިވެހީންނަށް ދާއިމަށް ހަނދާންކޮށްދޭނެ ދުވަހެއް ވެސް މެއެވެ. އިންޑިއާއަށް ވެސް އެ ދުވަހުގެ ތައުރީފް ހައްގުވާ މޭރުމަކުން ޔާމީން ލިޔުއްވައިފައިވާއިރު، އެމަނިކުފާނާއި މިދިޔަ ސަރުކާރުގައި އިދިކޮޅުގައި އޮތް ޕީޕީއެމުން ވަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ފޮނުވާލުމަށް ކަމަށް ބުނެ، "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ހިންގައިފައެވެ. އެ ހަރަކާތުގެ ތެރެއިން އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް އެ މަނިކުފާނު ވެސް ފާޑުކިޔުން ރައްދުކުރެއްވިއެެވެ. އިންޑިއާ އައުޓް ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޕީއެންސީގެ ބައެއް ބޭފުޅުން މިހާރު ތިއްބެވީ މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައެވެ. މި ސަރުކާރުގެ ކުރީކޮޅު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށްގެން މި ސަރުކާރުގެ ކުރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހަ މަހަށް ވުރެ ގިނަ ދުވަހު މުސާރަ ދޭ ގޮތަށް ސަސްޕެންޑުކޮށްފައި ވެސް ބަހައްޓާފައި ހުއްޓެވެ. ނަމަވެސް އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ އިސްތިއުފާދެއްވައިފައެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު ގެންދަވަނީ ސަރުކާރުގެ ދެ ކުންފުންޏެއްގައި އިސް މަގާމުތަކެއް ފުރުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ