ތިން ވަނަ ކުއާޓަރުގައި އެމްއައިބީ އަށް ބޮޑު ކުރިއެރުމެއް! ތިން ވަނަ ކުއާޓަރުގައި އެމްއައިބީ އަށް ބޮޑު ކުރިއެރުމެއް!

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެސެޓް ދެ ވަނަ ކްއާޓަރަށް ވުރެ 1.5 ބިލިއަން ރުފިޔާ، އަދި ޑިޕޮސިޓް 1 ބިލިއަން ރުފިޔާ އިތުރުވެ، މާލީ ކުރިއެރުންތަކެއް ހޯދައިފި އެވެ.
އެމްއައިބީން އާންމުކުރި ތިން ވަނަ ކްއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ބޭންކުގެ ޖުމްލަ އެސެޓް 14.95 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. މިއީ ދެ ވަނަ ކުއާޓަރާ އަޅައިބަލާއިރު 11.12 ޕަސެންޓް އިތުރު އަދަދެކެވެ. ދެ ވަނަ ކުއާޓަރުގައި އެސެޓު ހުރީ 13.45 ބިލިއަން ރުފިޔާގަ އެވެ.
ކަސްޓަމަރުން ޖަމާކުރި ފައިސާގެ އަދަދު ވެސް ދެ ވަނަ ކުއާޓަރަށް ވުރެ ތިން ވަނަ ކުއާޓަރުގައި 1 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. ދެ ވަނަ ކުއާޓަރުގެ ޑިޕޮސިޓު 11.09 ބިލިއަން ރުފިޔާގައި ހުރިއިރު، ތިން ވަނަ ކްއާޓަރުގައި ހުރީ 12.11 ބިލިއަން ރުފިޔާގަ އެވެ.
އެމްއައިބީގެ އޮޕަރޭޓިން ޕްރޮފިޓް ދެ ވަނަ ކްއާޓަރުގައި 129 މިލިއަން ރުފިޔާގައި ހުރިއިރު، ތިން ވަނަ ކުއާޓަރު ނިމުނުއިރު އޮޕަރޭޓިން ޕްރޮފިޓު ހުރީ 138 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް، ތިން ވަނަ ކުއާޓަރުގެ ސާފު ފައިދާ 4.1 ޕަސެންޓު ދަށް ވެފައިވެ އެވެ.
ދެ ވަނަ ކުއާޓަރުގައި އެމްއައިބީގެ ޖުމުލަ އާމްދަނީ 215.50 މިލިއަން ރުފިޔާގައި ހުރުމަށް ފަހު ތިން ވަނަ ކުއާޓަރުގައި އެ އަދަދު 229 މިލިއަނަށް ހުރީ އަރައިފަ އެވެ. ނަމަވެސް ސާފު ފައިދާ 96.3 މިލިއަން ރުފިޔާއިން 92.4 މިލިއަން ރުފިޔާ އަށް ދަށްވި އެވެ. އެއީ 4.1 ޕަސެންޓުގެ ދަށްވުމެކެވެ.
އެމްއައިބީ 2011 ވަނަ އަހަރު މާލޭގައި ހުޅުވުމަށް ފަހު، ވޭތުވެދިޔަ 14 އަހަރު ބޮޑު ކުރިއެރުމެއް ހޯދައި، 12 އަތޮޅެއްގައި އެ ބޭންކުގެ ހަ ގޮފި، އަދި ހަ ސޭލްސް ސެންޓަރު ހުޅުވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ