އދ. ގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ އެފިލިއޭޓް މެމްބަރުންގެ ބޯޑު މެމްބަރަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންތިހާބުވެއްޖެ އެވެ.
މިއީ އެ ބޯޑަށް ރާއްޖޭގެ ޖަމިއްޔާއެއް އިންތިހާބުވި ފުރަތަމަ ފަހަރެވެ. ދެކުނު އޭޝިއާއަށް ހާއްސަކޮށް އެ ބޯޑުގައި ހިމެނޭ ދެ ގޮނޑީގެ ތެރެއިން ގޮނޑިއެއް ކާމިޔާބުކޮށް، މަޓީ ހޮވުނީ 2026 އިން 2029 އަށް ހިނގާ ދައުރަށެވެ.
މަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ ޓޫރިޒަމް ޖަމިއްޔާގެ އެފިލިއޭޓް މެންބަރުންގެ ބޯޑުގައި މަޓީ ތަމްސީލުކުރާނީ އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައްސަދު އަލީ ކަމަށެވެ. އަލަށް އިންތިހާބުވި ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވަނީ ނޮވެމްބަރު 11، ގައި ސައުދީ އަރަބިއްޔާގަ އެވެ. އެ ބައްދަލުވުމުގައި އައްސަދު ބައިވެރިވާނެ ކަމަށް މަޓީން ބުނެ އެވެ.
މަޓީ އަކީ ޔޫއެންޑަބްލިއުޓީއޯ ގެ އެފިލިއޭޓް މެންބަރުކަން ހޯދި ފުރަތަމަ ދިވެހި ޖަމިއްޔާ އެވެ. މީގެ ހަ އަހަރު ކުރިން މަޓީން އެ ޝަރަފު ހޯދީ ޔޫއެންޑަބްލިއުޓީއޯގެ 23 ވަނަ އާންމު ބައްދަލުވުމުގަ އެވެ.
މަޓީން އިންތިހާބުވި މެމްބަރުންގެ މައިގަނޑު ޒިންމާއަކީ ޔޫއެން ޓޫރިޒަމް ސެކްރެޓަރީ ޖެނެރަލްއަށް ލަފާދިނުމާއި އެ ޖަމިއްޔާގެ ލަނޑުދަނޑިތަކަށް އެއްގޮތަށް މަސައްކަތް ކުރުމުގައި މެންބަރުންނަށް އެއްބާރުލުންދިނުމެވެ. އެ ބޯޑުގައި އެކުލެވެނީ ހަ ސަރަހައްދަކުން ހޮވާ 12 ސަރަހައްދީ މެންބަރުން އަދި މުޅި ދުނިޔެއިން ހޮވާ އަށް މެންބަރުންނެވެ.
އދ. ގެ ޓޫރިޒަމް ޖަމިއްޔާގެ އެފިލިއޭޓް މެމްބަރުންގެ ބޯޑަށް މަޓީ ހޮވިއްޖެ އދ. ގެ ޓޫރިޒަމް ޖަމިއްޔާގެ އެފިލިއޭޓް މެމްބަރުންގެ ބޯޑަށް މަޓީ ހޮވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ