ސްކޭޓިން އެރީނާގެ ސަބަބުން، ދާއިރާގެ ޒުވާނުންނަށް ފަހި ފުރުސަތުތައް ލިބޭނެ

އުސްފަސްގަނޑު ސަރަހައްދުގައި ގާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާގެ ސަބަބުން ސްކޭޓް ކުޅިވަރުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދާއިމީ ސްކޭޓިން އެރީނާގެ މަޝްރޫއުއަކީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫއުއެއްކަމަށާއި، މިއީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އަދި މި މަސައްކަތް ފެށިގެންދާ މުނާސަބަތުގައި ރޯލަރސްކޭޓާއި ސްކޭޓްބޯޑު ކޮމިޔުނިޓީއަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވާފައެވެ.
ސްކޭޓިން އެރީނާ ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު، މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޕީޑް ސްކޭޓިން ޓްރެކަކާއި ސްކޭޓް ބޯޑް ޕާކެއް ހިމެނޭ ގޮތަށް ތަރައްޤީކުރާ، ސްކޭޓިން އެރީނާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ރަހީމްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ