މިއީ ރައްޔިތުން ބެލްޓު ބާރުކޮށްލައިގެން ތިބެންޖެހޭ ދުވަސްކޮޅެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. މާމިގިލީ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ފާއިތުވި ހުރިހާ ސަރުކާރުތަކުން ވެސް އެކިއެކި ނަންނަމުގައި ނަގަމުން އައި ލޯންތަކުގެ ސަބަބުން ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެ ކަންކަމުން ގައުމު ސަލާމަތްކޮށްދޭން ރައީސް މުއިއްޒު ކޮށްދެއްވަނީ އެހެން ހުރިހާ ވެރިންނަށް ވަރަށްވުރެ އިޚުލާސްތެރި މަސައްކަތެއް ކަމަށެވެ.
އަދި މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ފައިސާ ލިބުނު މިންވަރަކުން ރައީސް މުއިއްޒު ރައްޔިތުންނަށް ކަންކަން ކޮށްދެއްވަމުންދާ ކަމަށާއި "ވާން ނެތް މިންވަރު ވެސް" ކޮށްދެއްވަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މި ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ދެއްވުމަށް ވެސް ގާސިމް އިލްތިމާސްކުރެއްވި އެވެ.
"ކަމަރު ބަނދެގެން ބެލްޓު ބާރުކޮށްލައިގެން ތިބެންޖެހޭ ދުވަސްކޮޅެކޭ މިއީ. އަޅުގަނޑުމެންގެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވި މިއަދު މިއީ ކަމަދު ބަނދެލައިގެން އަޅުގަނޑުމެން ކުޑަކޮށް މައިތިރިވާންޖެހިފައި އޮތް ދުވަސްކޮޅެކޭ މިއީ، ދެ އަހަރެއްހާ ދުވަސް ކެތްތެރިވެލަން އެބަޖެހެއޭ. އެއީ ތެދު ވާހަކަފުޅެކޭ އިނގޭތޯ. އެ ގޮތް ނޫން ގޮތަކަށް މިކަމެއް ނުކުރެވޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ މި ހާލަތުގައި ވެސް ރައީސް މުއިއްޒު ކެތްތެރިކަމާއެކު އަދި ވަރުބަލިކަމެއް ނެތި ކުރައްވާ ހިތްވަރުފުޅު ފެނިފައި އަޖައިބުވެ އަންތަރީސްވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ފައިސާ ލިބޭތޯ ބޭރުގެ އެކި ގައުމުތަކަށް ވަޑައިގެން ރައީސް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ގާސިމް ވަނީ އެމަނިކުފާނަށް ސެލިއުޓް ވެސް އަރުވައިފަ އެވެ.
މިއީ ރައްޔިތުން ބެލްޓު ބާރުކޮށްލައިގެން ތިބެންޖެހޭ ދުވަސްކޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ