ބިލެތްފަހީގައި ތަރައްގީކުރާ އެއާޕޯޓް ނިންމާ 30 މަސްދުވަހުގެ ތެރޭގައި ހުޅުވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ށ ބިލެތްފަހީގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާ، އެއާޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާފައި މި ވަނީ، ށ ބިލެތްފައްސަށްވަޑައިގެން އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ބިލެތްފަހީ ބިންހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއެކު ސޮއިކޮށް، އަމަލީ ގޮތުން މަސައްކަތް ފެށިގެންދިޔައީ ރައީސް ބިލެތްފައްސަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެވެ.
މި މަޝްރޫއުގެ ސަބަބުން ރަށާއި ސަރަޙައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށާ، މަޑުޖެހުމެއް ނެތި، މަސައްކަތް ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ށ. ބިލެތްފަހީގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެއާޕޯޓް މަޝްރޫއުގެ އިތުރުންވެސް ށ. ބިލެތްފަހީގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ރައީސް ވަނީ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވަމުން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވީ، ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢެވެ. މިމަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ކުރިއަށް ނުގޮސް، ހުއްޓިފައި އޮތް ކުނި މެނޭޖުކުރުމުގެ މަޝްރޫއަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ހަމަ މިއާއެކު ބަނދަރުގެ މަޝްރޫއަކީ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަމުގެ ހައްސާސް ކަމަށް ބައްލަވައި، ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޝްވަރާއެކުގައި ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން ތަރައްޤީކުރަން ކަނޑައެޅި 4 ކުލާސްރޫމަށް ޢަދަދު އިތުރުކުރައްވައި، 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ޞިއްޙީ މަރުކަޒުގައި، 16 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. މުވައްޒަފުންނާއި ވަސީލަތުގެ ގޮތުން ޞިއްޙީ މަރުކަޒަށް މިހާރުން މިހާރަށް ބޭނުންވާ އެހީ ފޯރުކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ބިލެތްފަހީގައި ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒަމާނީ ފެންވަރަށް ފުޓުބޯޅަދަނޑު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ