މި ސަރުކާރުން ދޭ މައާފެއް ބޭނުން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކުރާ ދައުވާތަކުގެ ދަތުރުގައި ސާބިތުކަމާ އެކު އެބަ ހުންނެވި ކަމަށެވެ.
ތަފްސީލް - މި ސަރުކާރުގައި އިސްކޮށް އުޅުއްވާ ދެ މިނިސްޓަރަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެެރިކަމުގައި، ޔާމީން ޖަލުގައި ހުންނެވިއިރު އެމަނިކުފާނު މިނިވަން ނުކުރުމަށް އެދިވަޑައިގެންނެވި ކަމަށް ޔާމީން މިރޭ ތުހުމަތުކުރެއްވި އެވެ. ފަހުން އެއީ ކޮން ދެ ބޭފުޅެއްކަން ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ކައިރީ ޕީޕީއެމްގައި އިސްކޮށް އުޅުނު ދެ މީހުން ދިޔައީ ރައީސް ޔާމީން ދޫކޮށް ނުލައްޗޭ ކިޔާފައި. [ރައީސް] މުއިއްޒު ފޮނުވައިގެން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްޗަށް އުފުލާފައި ހުރި މައްސަލަތަކަކީ މައުލޫއީ ގޮތުން ނިމިފައި ހުރި މައްސަލަތައް. އެކަމުގެ ޒިންމާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަދީބު އެއްބަސްވެގެން، އިއުތިރާފުވެގެން އޭނާގެ މައްޗަށް ހުކުމްކޮށްފައި، ޒިޔަތުގެ މައްޗަށް ހުކުމްކޮށްފައި ހުރި މައްސަލަތައް. ދެން ކިހިނެއްވެ އެ މައްސަލަތައް އެހެން މީހެއްގެ މައްޗަށް މި އަންނަނީ؟" ޔާމީން ވިދާޅުވި އެވެ.
"މިއީ ނިމިފައި ހުރި މައްސަލަތައް. އެކަމަކު ދެން ދައުލަތަކުން [މައްސަލަތައް ކުރިއަށް] ގެންދަން ބޭނުންވާ ނަމަ ގެންދާނެ،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އެންމެ ރަނގަޅޭ. ތި ހުރިހާ ވާހަކައެއް ދައްކާށޭ. މި ސަރުކާރުން ދޭ މައާފެއް އަޅުގަނޑު ބޭނުމެއް ނުވާނެޔޭ."
އެމްޑީޕީގެ ސަރުކާރުގައި ޔާމީން ހައްޔަރުކުރީ އެ ޕާޓީ މެންބަރުން އުފާކޮށްދޭން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުގެ ވެރިންގެ ވައްކަމުގެ މައްސަލަތައް ބަލާ ނަމަ ރައީސް މުއިއްޒު އާއި އެމަނިކުފާނާ އެންމެ އަރިސްކޮށް އުޅުއްވާ ބޭފުޅުން ސަލާމަތް ނުވާނެ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެއްޗަކީ އަޅުގަނޑު އެބަ ހުރީމޭ ރައްޔިތުންނާ އެކީގައި. އަދި އަޅުގަނޑުގެ މައްސަލަ ފައިސަލާވެގެން ދާއިރު ޝަރީއަތުގެ ތެރޭގައި މި ދަތުރު އަޅުގަނޑު މި ކުރަނިއްޔޭ. އެކަމަކު [ރައީސް] މުއިއްޒުގެ މައްސަލަ އައިސްފިއްޔާ އެއަށް މައާފު ދޭނެ މީހަކު ނާންނާނެޔޭ. ސާބިތު ނުވާނެ ކަމަށް ހީނުކުރާށޭ."
ގުޅުން ހުރި - ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް ހައި ކޯޓުން ބާތިލުކުރުމުން ޔާމީން މިވަގުތު ހުންނެވީ މިނިވަންވެފަ އެވެ. އެކަމަކު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައި ވާތީ، އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދެ އެވެ.
މި ސަރުކާރުން ދޭ މައާފެއް ބޭނުމެއް ނޫން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ