އިތުރު ދައުރަކަށް ރައްޔިތުން ރައީސް އިންތިހާބު ކުރާނެ

އިތުރު ދައުރަކަށް ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރާނެ ކަމަށް މަހިބަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ އަންނަ އަހަރު އިގްތިސާދީ ގޮތުން ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ބުނެ ކުރީގެ ރައީސުން ދައްކަވަމުންދާ ވާހަކަތަކުގައި މިހާރު މާބޮޑު ހަގީގަތެއް ނެތް ކަމަށާއި އެގޮތުން ރައީސް މުއިއްޒުގެ އިރުޝާދާއި އަދި އެހެނިހެން ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ރާއްޖޭގެ އިގްތިސާދު ދާނީ އިތުރަށް ކުރިއަށް ކަމަށެވެ.
އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ 800 މިލިއަން ޑޮލަރުގެ ލޯނުތައް ދައްކައި އަދި ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރައްޔިތުން ރައީސް މުއިއްޒު އިންތިހާބު ކުރައްވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
"މި އަންނަ އަހަރު އަޅުގަނޑުމެން ދައްކަންޖެހޭ 800 މިލިއަން ޑޮލަރުގެ ބޭރަށް ދައްކަންޖެހޭ ލޯނުތަކާއެކު އަދި ރާއްޖޭގައި މިހިރަ ރަށްތަކުގައި ހިނގާ ޕްރޮޖެކްޓުތައް ކުރިއަށްގެންގޮސް މާތްﷲ ގެ ވާގިފުޅާއެކު 2028 ވަނަ އަހަރު އިތުރު ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން އިންތިހާބު ކުރާނެ،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މިހާރު ވަނީ ޗައިނާ އާއި އިންޑިއާއަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯއްދަވާފަ އެވެ. އެއާއެކު އަންނަ އަހަރު ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ދަރަނިތައް ނުދެއްކޭނެ ކަމުގެ ޝައްކުތައް މިހާރު ފިލައިގެން ގޮސްފައިވާ ކަމަށާއި އަދި އަންނަ އަހަރު އިގްތިސާދީ ގޮތުން ސަލާމަތްވާނެ ކަމުގެ ފޮނި އުއްމީދު މިހާރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ