ސިޙުރު ހެއްދުވި މީހާ ޔަޤީންކުރަން ސިޙުރުވެރިއެއްގެ ގާތަށް ދެވިދާނެތަ؟

އަޅުގަނޑަށް ޖެހުނު ސިޙުރަކުން ސަލާމަތްވެވުނީ ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްގެން. ވަރަށް ގިނަ ދުވަހު ބަލިވެ އުޅެން ޖެހުނު. ވަރަށް ބޮޑަށް ޔަޤީންކުރެވޭ އެއީ ދެމަފިރިން ދުރުކުރުވަން ގާތް އެކުވެރިއަކު ކުރުވި ކަމެއްކަމަށް. މިޙާލަތުގަ އެކަން ޔަޤީންކުރަން ސިޙުރުވެރިއެއްގެ ގާތަށް ދިއުން ހުއްދަވާނެތޯ؟
ކިޔުންތެރިޔާއެވެ! ފުރަތަމަ ކަމަކީ އެކަން ޔަޤީންކޮށްދެވޭނެ ހަމައެކަކުވެސް މިދުނިޔޭގައި ނުހުންނާނެ ކަމެވެ. އެކަން ޔަޤީންކުރެވޭއިރު ތިއަހައި ބހޮޑު ފާފައެއް ކުރަން ހެޔޮވެދާނެހެއްޔެވެ؟ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މީހަކު ތިބާއަށް އެއްޗެތި ގޮވުމުން ރައްދުދީފިނަމަ ތިބާވެސް އޭނާގެ ދަރަޖައަށް ވެއްޓުނީއެވެ. ތިމާއަށް ނުވަތަ އަނބިދަރިންނަށް ނުވަތަ ގާތް އެހެން މީހަކަށް ނަމަވެސް މީހަކު ސިޙުރު ހެދުމުން އެމީހަކު ހޯދަން ސިޙުރިހައްދުވައި ފާލުބެލުން ފަދަ ކަމެއް ކޮށްފިނަމަ ތިބާއަށް ވެސް އެވެވެނީ ހަމަ އެކަންކުރި މީހާ ފަދަ ފާފަވެރިއަކަށެވެ.
ކަމެއް ކުރިމަތިވެގެން ރުޤްޔާ ކުރުމުން އެކަން ކުރިމަތިވީ ސިހުރު ނުވަތަ އެސްފީނާ ލުމުންކަން އެނގިދާނެއެވެ. އެހިސާބުން އެންމެ ބޮޑަށް ބޭނުންވެވެނީ އެކަންކުރި މީހަކު ހޯދުމަށެވެ. އެހެންވެ ގިނަ ފަހަރަށް އޮންނަނީ އެކަންކުރި މީހާ ހޯދަން ކޮންމެވެސް ބާވަތެއްގެ ސިހުރެއް ހެދިފައެވެ. އެހިސާބުން ތިމާއަށް އެކުރެވެނީ އެންމެ ބޮޑު އެއް ފާފައެވެ. ޝަރީކުކުރުމުގެ ތެރެއަށް ވަދެވޭތީއެވެ.
ތިމާއަށް ގޮންޖެހުމެއް ކުރިމަތިވީ މިވެނި މީހެއްގެ ސަބަބުން ކަމަށް ކަންކަން ކިތަންމެ އެނގޭ މީހަކު ބުނި ނަމަވެސް އެއީ ރަނގަޅު ބުނުމެއް ނޫނެވެ. ފުރަތަމަ ކަމަކީ އެއްވެސް މީހަކަށް އަނެކާއަށް އެއްވެސް ދެރައެއް އަދި ގެއްލުމެއްވެސް ނުދެވޭނެކަމެވެ. ހުރިހާ ކަންކަން ވެސް ކުރިމަތިވާނީﷲ ތަޢާލާ އެކަމެއް ކުރިމަތި ކުރެއްވެވުމުންނެވެ.
ދެވަނަ ކަމަކީ ގޮންޖެހުންތައް ކުރިމަތިވުމުން އެކަމުގެ ހަޤީޤަތް ދެނެގަތުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަމެވެ. ﷲ ތަޢާލާ އަންގަވައި ދެއްވެވި އަޅަކަށް ނޫނީ ނުއެނގޭނެތީއެވެ. ވީމާ ކަންކުރިމީހާ ހޯދަން ކިތަންމެ ވަރުގަދަ ސިހުރެއް ހެދިނަމަވެސް ކިޔެވެއްޔެއް ކިޔެވެސް ނުއެނގޭނެއެވެ. އެހެނީ ޖިންނިންކަށްވެސް ހުރިހާ ކަންކަމެއް ނުއެނގޭނެއެވެ. އެނގޭނީ ހަމަ ﷲ ތަޢާލާ އެންގެވި ކަމެކެވެ.
ތިންވަނަ ކަމަކީ ޣައިބުގައިވާ ކަންކަން އެއްވެސް މީހަކަށްވެސް އަދި ޖިންނިއަކަށްވެސް ނުއެނގޭނެތީއެވެ. ޣައިބުގައިވާ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެންކަމުން ޖިންނި މެދުވެރިކޮށްގެން ނޫނީ ފާލުބަލައިގެން ހޯދާ ކަންކަމުގެ ސަބަބުން އެކަމަކާއި އެއްވެސް ގުޅުމެއް ނެތް މީހުންގެ މައްޗަށް އެބަ ދޮގު ތުހުމަތުތައް ކުރެވެއެވެ. މިފަދަ ކަންކަމަކީ ފާފަވެރިވާނެ ކަންކަމެވެ. ފާލަބެލުވުމަކީވެސް ފާލަބެލުމަކީވެސް ފާލަބަލާފައި ބުނާ އެއްޗެއް ޤަބޫލުކުރުމަކީވެސް ފާފައެކެވެ. ޝަރީކުކުރުމުގައި ހުއްޓައި މަރުވެއްޖެނަމަ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ.
ވީމާ ގޮންޖެހުންތަކުން ސަލާމަތްވުމަށް، މުޞީބާތްތަކުން ސަލާމަވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދުޢާ ކުރުމެވެ. ޚާއްޞަކޮށް އެކަމަށްޓަކައި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަންވާނެއެވެ! ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް މަސައްކަތްކުރާއިރު މިފަދަ މޭރުމަކުން ދުޢާކުރުން ރަނގަޅުވާނެއެވެ!
ކަންކަން ކުރިމަތިވުމުން ސަލާމަތްވުމަށް މަސައްކަތްކުރަމުއެވެ. އަހަރެމެންނަށް އެނގޭ މިންވަރު ކުޑަވުމުން ބައެއް ފަހަރު ކުށްތައް ވެސް ކުރެވެއެވެ. އެކަމުގެ ސަބަބުން ފާފަވެރިވެސް އެބަ ވެވެއެވެ. ވީމާ އެއްވެސް ބާވަތެއްގެ ގޮންޖެހުމަކާއި ނުވަތަ އެނޫންވެސް އެފަދަ ކަމަކާއި ކުރިމަތިލާން ޖެހިއްޖެ ނަމަ އެކަމަކުން ސަލާމަތް ވުމަށް މަސައްކަތްކުރާއިރު އެންމެ ފުރިހަމަ ގޮތުގައި އެމަސައްކަތްކުރުމުގެ ތައުފީޤް ދެއްވެވުން އެދި ދުޢާކުރާށެވެ!
"ޔާ ﷲ! މިއަޅާގެ ކުރިމަތީގަ ހުރި ގޮންޖެހުންތަކާއި އެކަންކަމުން ސަލާމަރްވުމަށް މިއަޅާ ކުރާ މަސައްކަތްތައް އިނބަ ﷲ ދެކެދެނެވޮޑިގެންވަމުއެވެ. މިއަޅާ ކުރާ މަސައްކަތުގައި މިއަޅާއަށް އެނގޭ މިންވަރު ކުޑަކަމުން މިއަޅާއަށް ކުށެއް ކުރެވުނު ނަމަވެސް މިޢަޅާއަށް ޢަފޫކުރައްވަވާނދޭވެ!
ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތަކާއި މުޞީބާތްތަކާއި ގޮންޖެހުންތަކުން މިއަޅާއަށް ސަލާމަތް ވެވޭނީ އިނބަ ﷲ ގެ ރުހިވޮޑިގަތުމާއި ވާގިވެރިކަމާއި މަދަދު ލިބިގެންކަން ހިތުގެ އަޑިން މިއަޅާ ޤަބޫލުކުރަމެވެ. އެންމެ ފުރިހަމަ ގޮތުގައި ވަކީލްކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! މިއަޅާއަށް އިނބަ ﷲގެ ރުހިވޮޑިގަތުމާއި އެހީތެރިކަން މިންވަރު ކުރައްވަވާނދޭވެ!. އާމީން."
--އިސްލާމީ ތިލަފަތުގެދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ