އިހުސާންގެ އިތުރު އިންޒާރެއް: ޑުރަގު ވިޔަފާރި ކުރާ އެކަކަށް ވެސް ރަހުމެއް، އިސްތިސްނާއެއް ނޯންނާނެ!
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އިންޒާރު ދެއްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، މިދިޔަ މަހުގެ 13ގައި ފުލުހުން ވަނީ 'އަލިމަގު'ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ވަނީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ ބޮޑުންތަކެއް ހައްޔަރުކޮށްފައެވެ. އެ މީހުން ވަނަވަރު ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ބުނީ، ނެޓްވޯކްގެ ތެރެއިން 2017އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށެވެ. އަދި، މިދިޔަ ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ. https://sun.mv/214849 ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި: މިނިސްޓަރު އިހުސާން ވިދާޅުވީ، ފުލުހުންގެ ތަހުގީގުގައި އެކަކަށް ވެސް އިސްތިސްނާއެއް ނޯންނާނެ ކަމަށް -- ފޮޓޯ/ ފުލުހުން https://x.com/min_mohst/status/1996477370539401624 އެ ކަމާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އަލިމަގު އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަކިން އަމާޒުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ، އެ ވިޔަފާރިކުރާ މީހުން އެ ކަން ހުއްޓާލުމަށް ތަކުރާރުކޮށް، އިންޒާރުދެއްވައި، ނަސޭހަތްދެއްވާފައެވެ. އެގޮތުން، ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް އިސްތިސްނާއެއް ނޯންނާނެ ކަމަށް ވިދާޅުވެ، އިހުސާން ވަނީ، ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅުކަން ފާހަގަކުރައްވާފައެވެ. https://sun.mv/214797 އޮޕަރޭޝަން އަލިމަގު ފެށި ދުވަހު ވެސް އިހުސާން ވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ރާއްޖޭގައި ދިރިއުޅެން އުނދަގޫވާ ވަރަށް ފުލުހުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފައެވެ. މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ. އެކަމަކު، ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ނުވަ ޖަމިއްޔާއަކުން ވަނީ ގޮވާލާފައެވެ. ފާހަގަކުރެވޭ ގޮތުގައި، ފުލުހުންގެ މުއައްސަސާއަށް އާންމުންގެ އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އެއީ، ތަހުގީގުތަކުގައި އިންސާފުވެރިކޮށް އަމަލު ނުކުރުމާއި ސަރުކާރު މަގާމުތަކުގައި ތިބޭ ބޭފުޅުން ފުލުހުންނަށް ބާރު ފޯރުވާ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ