ޤިޔާމަތް ދުވަހު ނަރަކައަށް މީހަކު ވައްދަވާތަން ނުފެނި ހަމައެކަނި ނަރަކަ އާއި ނަރަކަ އައިސްފައި ހުންނަ ރުޅިގަދަކަން އެކަނި ފެނުނަސް މީހަކު ބިރުން ހަލާކުވާނެއެވެ. ފުނޑުފުނޑުވާވަރުވާނެއެވެ.
އެޙާލަތުގައި ﷲ ތަޢާލާ އަށް ދުވަހަކުވެސް ސަޖިދަ ނުކުރާ މީހުންނާއި ކަލަކު ވޮޑިވާކަން ޤަބޫލުނުކޮށް ދުނިޔޭގައި އުޅުނު އެންމެންވެސް ސަޖިދަކުރަން ބޭނުންވާނެއެވެ. ސަޖިދަކުރަން މަސައްކަތްކުރާނެއެވެ.
ނަމަވެސް ﷲ ތަޢާލާ އެމީހުންނަށް އަންގަވާނީ މިއަދަކީ ސަޖިދަކޮށް އަޅުކަން ކުރުމުގެ ދުވަސް ނޫންކަމަށާއި ޙިށާބުބެއްލެވުމުގެ ދުވަސްކަމަށެވެ. ވީމާ ދުނިޔޭގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަން ނުކޮށްފައި ޤިޔާމަތް ދުވަހު ކިތަންމެ ބޮޑަށް ބިރުގަތް ނަމަވެސް ކިތަންމެ ވަރަކަށް ދެރަވި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
މިއަދު ދުނިޔޭގައި ގިނައީ ނަރަކައިގެ ވާހަކަ އަޑުއިވުމުން އިވޭކަމަށް ހަދަންވެސް ބޭނުން ނުވާ މީހުންނެވެ. ހިތަށް ބިރުވެރިކަން ނުވެސް ވަންނަ މީހުންނެވެ. އަދި އަޑުއެހިނަމަވެސް، ހިތަށް ބިރުވެރިކަން ވަން ނަމަވެސް އެކަންކަން ހިތުގައި ހަރުލައި ހުންނަނީ ދާދި ކުޑަކުޑަ ވަޤުތުކޮޅަކަށެވެ. އިރުކޮޅެއްވާއިރަށް ހަނދާން ނެތިގެންދެއެވެ.
ދަރުސްތަކުގައި ނަރަކައިގެ ވާހަކަ ދެއްކުމުން އެކަމަށް ރުޅިއަންނަ މީހުންވެސް އެބައުޅެއެވެ. އެކަމުން އެނގެނީ އެމީހުންނަކީ ނަރަކައާއި ﷲ ތަޢާލާގެ ޢަޛާބުގެ ވާހަކަ އަޑުއަހަންވެސް ބޭނުންނުވާ ބައަކު ކަމެވެ. އެއިގެ މާނައަކީ އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން ނެތުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގިނަގިނައިން މަރުހަނދާންކުރާ ބައަކަށްވެގެން ނޫނީ ޢަމަލުތައް އިޞްލާޙެއް ނުކުރެވޭނެއެވެ. ނަރަކައާއި ﷲ ތަޢާލާގެ މަތިން ހަނދާންކުރުން ހިމެނިގެންވަނީ މަރުހަނދާންކުރުމުގެ ތެރެއިންނެވެ. މާނައަކީ މިކަންކަމަކީ ގުޅިލާމެހިފައިވާ ކަންކަމެވެ.
- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
ނަރަކައާއިމެދު މިކަންކަން އެނގޭނަމަވެސް ބިރުން ފުނޑުފުނޑު ނުވާނެ މީހަކު ނުހުންނާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ