ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނާއެކު، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ. ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ވިޔަފާރީގެ ދާއިރާގެ ބޭފުޅުން ތުހުމަތުކުރާ ގޮތުގައި، މި މަޝްރޫއު ހިންގަނީ ދެފުށް ފެންނަ އުސޫލަކުން ނޫނެވެ.
މައިގަނޑު ސަބަބަކީ ބީލަން ހުށަހަޅަން ދީފައިވާ އާދަޔާ ހިލާފު ކުރު މުއްދަތެވެ. މި މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން އެޗްޑީސީން ދީފައިވަނީ އެންމެ 6 ދުވަހެވެ. މިއީ ބިލިއަނުން އަގުކުރެވޭ، 15 ބުރީގެ އިމާރާތްތަކެއް ހިމެނޭ ބިޔަ މަޝްރޫއަކަށް ބަލާއިރު އާންމު އުސޫލާ މުޅިން ހިލާފު ކަމެކެވެ.
މި މަޝްރޫއު އިއުލާނު ކުރުމާއެކު އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، މީގެ ކުރިން މިއަށްވުރެ މާ ކުދި މަޝްރޫއުތަކަށް ވެސް މިއަށްވުރެ ދިގު މުއްދަތު ދީފައި އެބަހުއްޓެވެ. 6 ދުވަހުގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި، ފައިނޭންޝަލް މޮޑެލްތައް ތައްޔާރުކޮށް ބިޑު ހުށަހެޅުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މިކަމުގެ މައުލޫމާތު ކުރިން ލިބި، ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށްގެން ތިބި "ވަކި ބަޔަކަށް" މަގުފަހިކޮށްދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ ބޮޑެވެ.
"މިއީ ސީދާ ކޮރަޕްޝަން، ހިޔާނާތް. ދައުލަތުގެ ބިންތައް މިގޮތަށް ދޫކޮށްލަން ހެޔޮ ނުވާނެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
މި މައްސަލައިގައި މި ސަރުކާރުގެ އިސް އޮފިޝަލަކު ވެސް ވާހަކަ ދެއްކި އެވެ. އޭނާ އަދަދު ނޫހަށް ވިދާޅުވީ އެންމެ ހަދުވަހުގެ ތެރޭގައި ބީލަން ހުށަހެޅުމަކީ ވަކި ބަޔަކަށް ދޭން ނޫން ގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މި މަޝްރޫއަށް ދޫކުރަނީ 125,387.81 އަކަފޫޓުގެ ބިމެއް ނަމަވެސް، މަޝްރޫއު ހިންގާ ފަރާތަށް ބޭނުންކުރަން ލިބޭ ޖުމުލަ ސަރަހައްދު 1.3 މިލިއަން އަކަފޫޓަށް އަރައެވެ. މީގެ ތެރޭގައި ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ޗެނެލް ޕާކް ވެސް ހިމެނެއެވެ.
ހުޅުމާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަން މިފަދަ "އަވަސް އަރުވާލާފައިވާ" އިޖުރާއަތެއްގެ ތެރެއިން ދޫކުރުމުން ބޮޑެތި ގެއްލުންތަކެއް ދައުލަތަށް، އަދި އެޗްޑީސީއަށް ވެސް ލިބެ އެވެ. މަދު ބަޔަކަށް ފުރުސަތު ލިބުމުން، ބިމުގެ އެންމެ އެކަށީގެންވާ އަގު ދައުލަތަށް ނުލިބޭނެ އެވެ. އަދި ބައިނަލްއަގުވާމީ އިންވެސްޓަރުން ރާއްޖޭގެ މާކެޓަށް އޮންނަ އިތުބާރު މިފަދަ ކަންކަމުގެ ސަބަބުން ކުޑަވެއެވެ.
"އެޗްޑީސީން ބޮޑެތި ހިޔާނާތްތައް ދަނީ ހިންގަމުން. ބޭރުގެ އިންވެސްޓަރަކު އަހަރެންގެ ގާތުގައި ބުނި ކޮންމެ ކަމަކަށް ފައިސާ ދޭންޖެހޭ ކަމަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެހެން ވިޔަފާރިވެރިޔަކު ބުންޏެވެ.
ސަރުކާރުގެ އޮފިޝަލަކު ވެސް މި މަޝްރޫއުއާމެދު ހައިރާންވެ އެވެ. އޭނާ ހައިރާންވީ މިފަދަ ބިޔަ މަޝްރޫއެއް، ވަކި ބަޔަކަށް ފަހާފައިވާ ކޯޓެއްގެ ގޮތުގައި އިއުލާނުކޮށްފައިވުމެވެ.
"އަހަރެންނަށް ގަބޫލުކުރަން ދަތި ވަކި ބަޔަކަށް ހަމަޖައްސާފައިވާ މަޝްރޫއެއް ނޫންނަމަ އެންމެ ހަ ދުވަހުގެ މުހުލަތެއް ދޭނެ ކަމާމެދު،" އޭނާ ބުންޏެވެ.
އަމިއްލަ ސަރުކާރަށް މިފަދަ އެތައް ތުހުމަތުތަކެއް އޭނާ އަމާޒުކުރި އެވެ.
އޭނާ ބުނާ ގޮތުން މި ބިމުގެ ކުރިން އެތައް ބިމެއް ބީލަމަށް ނުލައި ދޫކޮށްލާފައިވެ އެވެ. ނަމަވެސް މި ބިން ބީލަމަށްލީ، ބިމުގެ ބޮޑުކަމުގެ ސަބަބުން އަދި އެ ލޮކޭޝަންގެ މުހިއްމު ކަމުން، އާންމުންގެ ފާޑުކިޔުން އަންނާނެތީ އެވެ.
މި ބީލަމުގައި އިޖުރާއީ ގޮތުން މައްސަލަތައް ވެސް އެބަ ހުއްޓެވެ. އެޗްޑީސީގެ އިއުލާނުގައި ބުނެފައިވަނީ އެއް ފަރާތަށްވުރެ ގިނައިން އީއޯއައި ހުށަހަޅައިފިނަމަ، ބަލާނީ އެ ކުންފުނީގެ "މާސްޓާ ޕްލޭން އާއި ވިޝަންއާ އެންމެ އެއްގޮތް" ހުށަހެޅުމަކަށް ކަމަށެވެ. "ވިޝަން" ފަދަ ނުސާފު މިންގަނޑުތައް ބޭނުންކުރުމަކީ، އެންމެ ފައިދާހުރި ހުށަހެޅުން ދޫކޮށްލައި، ބޭނުންވާ ވަކި ބަޔަކަށް މަޝްރޫއު ހަވާލުކުރުމަށް ދީފައިވާ ގާނޫނީ ހުއްދައެއް ފަދަ ކަމެކެވެ.
މީގެ އިތުރުން، "ޑިވެލޮޕްމެންޓް ސޭލްސް ރައިޓްސް މޮޑެލް" ނޫން އެހެން މޮޑެލްތަކަށް ވެސް ފުރުސަތު އޮތް ކަމަށް ބުނުމަކީ، ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުން ބޭރުވުމަށް ހުޅުވާލާފައިވާ ދޮރެކެވެ.
ޖުމުލަކޮށް ބަލާއިރު، މި މަޝްރޫއުގެ އިއުލާނުން ފެށިގެން ސުންގަޑިއާ ހަމައަށް ހުރި ކަންކަމަކީ ކޮރަޕްޝަންގެ "ރަތް ސިގްނަލް" ތަކެކެވެ. ސަރުކާރުގެ އެތެރޭގެ މަސްދަރުތަކުން ބުނާ ފަދައިން، މިއީ ވަކި ބަޔަކަށް އަޑި އަޑިން މި ބިން ވިއްކާލުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ނޫންކަން ކަށަވަރުކުރުމަކީ އޭސީސީ ފަދަ މުއައްސަސާތަކުގެ ޒިންމާއެކެވެ. ހަ ދުވަހުގެ މުއްދަތަކީ ބިލިއަން ރުފިޔާގެ މަޝްރޫއަކަށް އިންސާފުވެރި މުއްދަތެއް ނޫނެވެ.
އެޗްޑީސީގެ ހިންގުމާ މިއަދު ހަވާލުވެވަޑައިގެން ހުންނެވީ ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ މޭމަތީގައި އެހުރި ކުލަބަރިތަކަކީ ހަމައެކަނި ނަމެއްގައި ދީފައިވާ ޒީނަތެއް ނޫނެވެ؛ އެއީ ގައުމީ ހިދުމަތާއި، ތެދުވެރިކަމާއި، އަހުލާގީ މިންގަނޑުތަކުގެ ރަމްޒެކެވެ.
އަމަލީ ގޮތުން މިއަދު ސިފައިންގެ ސަފުތަކުގައި ނެތް ނަމަވެސް، އޭނާގެ ހިންގުމާއި ސުލޫކުން ފެންނަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ތަރުތީބުކުރާ ތަނެވެ. ނަމަވެސް، ހިޔާނާތަށް މަގުފަހިވާ ފަދަ އަމަލުތަކަކީ ފަރިތަ ކަންކަމަށް ވެއްޖެ ނަމަ، ނުވަތަ އާންމުންގެ އިތުބާރު އެ މިންވަރަށް ގެއްލިއްޖެ ނަމަ، ދައުލަތުން އެ ދެއްވި ޝަރަފާއި އިއްޒަތުގެ ކުލަތަކުގެ ބޭނުމަކީ ކޮބައިތޯއެވެ؟ މިކަމަށް ވިސްނަވާށެވެ. ކަންކަން ރަނގަޅު ކުރައްވާށެވެ.
ބިޔަ މަޝްރޫއުއަކަށް 6 ދުވަހުގެ ސުންގަޑި؛ ވަކި ބަޔަކަށް ބިން ވިއްކާލުމުގެ އުކުޅެއް؟ ބިޔަ މަޝްރޫއުއަކަށް 6 ދުވަހުގެ ސުންގަޑި؛ ވަކި ބަޔަކަށް ބިން ވިއްކާލުމުގެ އުކުޅެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ