ފުލުހަކު ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކޮށް ބިރުދެއްކި މައްސަލައެއް ބަލަނީ

ފުލުހަކު ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކޮށް ބިރުދެއްކި މައްސަލައެއް ބަލަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިކަން ހިނގާފައި ވަނީ 21 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ހަވީރު، ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހުގައި ކަމަށެވެ.
ފުޓްސަލް ދަނޑުގައި ކުދިންގެ މެދުގައި ހިނގި މި ހަމަނުޖެހުމާއި ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ ގުޅުމެއް އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ ޢަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 22 ނޮވެމްބަރު 2025 ގައެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ޖިނާއީ ބައި ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށެވެ. އަދި ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީ، މި މައްސަލައިގެ އިދާރީ ބައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް އިން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
 
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ