އޮޅިގެން ކަމަށް ބުނެ ރޯދަ މަހު ވަޅިއެއް ހިފައިގެން އުޅުނު މީހަކަށް 6 މަހުގެ ޖަލު ހުކުމެއް

މިދިޔަ ރޯދަ މަހު، މާލޭގައި ވަޅިއަކާއެކު ހައްޔަރު ކުރުމުން އެއީ އޮޅިގެން ޖީބަށް ލެވުނު ވަޅިއެއް ކަމަށް ބުނި މީހެއްގެ މައްޗަށް، ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، މއ. އަމީލީހިޔާ، ރިޟްވާން މަންޟޫރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މިއަދު ހުކުމް ކުރި މި މައްސަލަ ދައުލަތުން ކޯޓަށް ހުށަހަޅާފައި ވަނީ މި އަހަރުގެ މެއި މަހުއެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި، މިދިޔަ ރޯދަ މަހު، އުމުރުން 40 އަހަރުގެ ރިޟްވާން މަންޟޫރު، މި މައްސަލައިގައި ހައްޔަރުވެސް ކުރިއެވެ. އޭނާ ހައްޔަރުކޮށް އޭރުވަނީ ހަތް ދުވަހަށް ބަންދުވެސް ކޮށްފައެވެ. މިއަދު އިއްވި ހުކުމުން އެ ހަތް ދުވަސްވަނީ އުނިކޮށްފައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގެ ޝަރިއަތުގައި ރިޟްވާން ވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަރަށް އިންކާރުކޮށްފައެވެ. ރިޟްވާންގެ ޖީބުން ވަޅިއެއް ފެނުނު ކަމަށް އޭނާ އެއްބަސްވި ނަމަވެސް، އޭނާ ބުނެފައި ވަނީ އެ ވަޅި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ވަޅިއަކީ ހަނދާން ނެތިގެން ބޭއްވިފައި އޮތް ވަޅި އެއް ކަމަށް އޭނާ ބުންޏެވެ. ބިރު ދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މި މައްސަލަ ރިޟްވާންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އިއްވީ، ހަ ދުވަހުގެ ހުކުމެވެ. އެކަމަކު މި މައްސަލައިގައި ރިޟްވާން ބަންދުގައި ހުރި މުއްދަތު އުނި ކުރުމަށް ފަހު ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ ފަސް މަހާއި 22 ދުވަހުގެ ޖަލު އަދަބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ