ކުރީގެ ސަރުކާރުގައި ފެނަކަ ކުންފުނިން ހިންގި މުއާމަލާތްތަކުގައި ކޮރަޕްޝަން ހިމެނޭކަން ފާހަގަކޮށް އޮޑިޓް ރިޕޯޓެއް ނެރެފައިވާއިރު އޮޑިޓް އޮފީހަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮރަޕްޝަންގެ 'ހާއްޔެއް'ގެ ގޮތުގައި އޮތް ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގަ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރޭގަނޑުގެ ދަންވަރު ވަގުތެއްގައި މިނިވަން މުއައްސަސާއެއް ގޮތުގައި އޮންނަ އޮޑިޓް އޮފީސް ހުޅުވައިގެން ނެރުނީ ސިޔާސީ ބަޔަކު ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި އިދާރާތަކާއި ކުންފުނިތައް މެރުވެރިކޮށް ކޮރަޕްޝަނެއް ހިންގާފައިވާނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް އަަބަދުވެސް އެ ޕާޓީން މަރުހަބާ ކިޔާނެ ކަމަށް ބުންޏެވެ.
"ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނުން ފަތުރާ ތޯތޯ ވާހަކަތަކަށް މި ޕާޓީން ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތެއްގެ މަޖިލީހުގައި،" އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.
އެމްޑީޕީން ދެން ތުހުމަތުކުރީ، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ވަކިކުރާނެ ކަމުގެ ބިރު ދައްކާފައިވާ ކަމަށެވެ.
"މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި ރިޕޯޓް އާންމުކުރުމަކީ ސިޔާސީ ބޭނުމެއް ނެރުނު ރިޕޯޓެއްކަން ސާބިތުވޭ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ދެކޭ ގޮތުގައި އެ ރިޕޯޓް ނެރުނީ މި ސަރުކާރުގައި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ އޮއްބާލުމަށެވެ. އަދި އަންނަ މަހު ތިންވަނަ ދުވަހަށް އެމްޑީޕީން ބާއްވާ މުޒާހަރާއަށް އަމާޒުކޮށްކުރާ ކަމެއް ގޮތުގައި ވެސް އެމްޑީޕީން ސިފަކުރި އެވެ.
ގުޅުން ހުރި - ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ހަތަރު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވެ އެވެ. އެއީ އޭރު ފެނަކައިން ހިންގި ކޮރަޕްޝަން ކަމަށް ތުހުމަތުކުރާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ.
ސައީދުގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ދައުވާކޮށް ޝަރީއަތް ފަށާފައިވެ އެވެ. އަދި އިތުރު މައްސަލަތަކެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.
ފެނަކައިން 2021 އިން ފެށިގެން 2023ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވޭ؛ އޭގެ ތެރެއިން އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށް ބައެއް ހަރަދުތައް ކޮށްފައިވޭ
ކުންފުންޏަށް ބޭނުންވާ ތަކެތި ގަތުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތްތަކަށް 674 އެއްބަސްވުމުގެއް ދަށުން 2.22 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވޭ؛ އޭގެ ތެރެއިން 439 (%65) އެއްބަސްވުމުގެ ދަށުން 1.37 ބިިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއުލާންނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން
ރަށްރަށުގެ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް 2023ގެ ނިޔަލަށް 57 މަޝްރޫއުގެ މަސައްކަތަށް 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާ އިރު އޭގެ ތެރެއިން ނުނިމި ހުރި 41 މަޝްރޫއު ނިންމަން އަދިވެސް ގާތްގަނޑަކަށް 241 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ
އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވަނީ މާކެޓް އަގަށް ވުރެ އިތުރަށް ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ގޮތަށް
އެމްޑީޕީން ތުހުމަތުކުރީ ފެނަކަ އޮޑިޓް ރިޕޯޓަކީ ސިޔާސީ އޮޑިޓް ރިޕޯޓެއް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ