ކުންފުނިތަކުން ފުރަތަމަ ވަކިކުރަންވީ ހިނގަން ތިބި މީހުން: ފައްޔާޒު

ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ފެށުމުގެ ކުރިން، އިންތިހާއަށް މުވައްޒަފުން އިތުރުވި މައްސަލައިގައި އިހުމާލުވާ ކުންފުނިތަކުގެ ވެރިން  ވަކިކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ތިން މަހުގެ މުއްދަތެއް ކުންފުނިތަކަށް މިދިޔަ ހަފުތާގެ ތެރޭގައި ދީފަ އެވެ. 
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ އެތައް އާއިލާއެއްގެ އާމްދަނީއާ ގުޅޭ ބޮޑު ނިންމުމެއް ކަމަށެވެ. އަދި ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ގިނައީ އެމްޑީޕީ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ މަދުވެގެން 25،000 މީހުންގެ އާމްދަނީއާ ގުޅޭ ކަމެއް. 25،000 މީހުންނަކީ ރާއްޖޭގެ އާބާދީގެ 20-25 ޕަސެންޓް މީހުންގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރުން 22،945 މީހުން ވަޒީފާ ގެއްލިގެން ނޫނީ މުސާރަ ނުދެވިގެން އަޅުގަނޑުމެން ގެންގުޅުނިން،" ފައްޔާޒު ވިދާޅުވި އެވެ. 
ފައްޔާޒު ވިދާޅުވީ މިއަދު ޕީސީބީން ރައިޓްސައިޒް ކުރަން ކަމަށް ބުނެ 33 ޕަސެންޓް މުވައްޒަފުން ވަކިކުރާއިރު، މުވައްޒަފުންގެ އަދަދު ކުޅަދާނަ ނުވާ މިންވަރަށް އިތުރުވީ ސަބަބު ވެސް ހޯދަން ޖެހޭ ކަމަށާއި އެކަމުގައި އިހުމާލުވީ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ މުވައްޒަފުން ކެނޑުމުގެ ކުރިން، ވަކިކުރަންވީ ކުންފުނިތައް ހިންގަން ތިބި މީހުންނެވެ. 
The most trusted news source in the Maldives
މުވައްޒަފުންގެ އަދަދު އިންތިހާއަށް ގިނަވެފައިވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ކަމަށާއި އެއީ އިސްލާހީ އެޖެންޑާގެ ތެރެއިން ވަކިކުރާ 33 ޕަސެންޓް އުނިކުރުމުން މުވައްޒަފުންގެ އަދަދު ވެއްޓެނީ އެމްޑީޕީ ސަރުކާރު ނިމުމުނުއިރުގެ އަދަދަށްކަން ފައްޔާޒު ފާހަގަކުރެއްވި އެވެ. 
އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުން ވަކިކުރާއިރު އެއީ ޕީސީބީން ކުންފުނިތަކުގެ ހާލަތުގައި ބަލާފައި ކުރާ ކަމެއް ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. ނޫން ނަމަ، އެއީ ސީދާ ސަރުކާރުން އަންގައިގެން ސިޔާސީ ނުފޫޒުން ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ. 
"މިއީ ނިޒާރު [ޕީސީބީގެ ރައީސް] މީހަކު ބުނެގެން ކުރާ ކަމެއް ކަމަށްވާ ނަމަ އޭނާ އިސްތިއުފާ ދީފައި ދާން އެބަ ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ. 
ފައްޔާޒު ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާއިރު އޭގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އެމްޑީޕީގެ އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އެހެންވެ މިއީ މީހުން މަދުކުރަން ކަމަށް ބުނެ އެމްޑީޕީ މީހުން ވަކިކުރަން ކުރާ ކަމެއް ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވި ގޮތުގައި އެކަމުގައި އެމްޑީޕީން މަޑަކުން ނޯންނާނެ އެވެ. އެ މީހުންނަށް އިންސާފު ހޯދައިދޭން ވެސް މަސައްކަތް ކުރާނެ އެވެ. 
ފައްޔާޒު ވަނީ އެތައް ބައެއްގެ އާމްދަނީ އާއި ދިރިއުޅުމުގެ ހައްގުތަކާ ގުޅޭ ކަމަކަށްވާއިރު ކަމާ ބެހޭ މުއައްސަސާތަކުން އެއްޗެއް ނުބުނެ ތިބޭތީ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް މިދޭ އަނިޔާއާ ގުޅޭ އިންކުއަރީއެއް ހިންގޭނެ ދުވަހެއް އަންނާނެ ކަމަށެވެ. 
The most trusted news source in the Maldives
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެވެ. އެ އިންތިހާބުގެ ނަތީޖާއިން އެކަމަކީ ރައްޔިތުން ރުހޭ ކަމެއް ނޫން ކަން އެނގިގެން ދިޔަ ކަމާއި އެހެންވެ، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. 
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މިދިޔަ އޭޕްރީލް 17 ގައި ވެސް ޕީސީބީ އަށް އަންގަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ