އަހަރުގެ ބާކީ ހަ މަސް އޮއްވާ ސަބްސިޑީ ބަޖެޓު ހުސްވަނީ

އަހަރުގެ ބާކީ ހަ މަސް އޮއްވާ ސަބްސިޑީއަށް ބަޖެޓު ކުރި ފައިސާގެ ބޮޑު ބައެއް ހަރަދުކޮށް ނިމިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 
ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުގައި، އަހަރުގެ 26 ވަނަ ހަފުތާގެ ނިޔަލަށް ސަބްސިޑީތަކަށް ވަނީ 2،868 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިހެންކަމުން މި އަހަރަށް ބަޖެޓުކުރި 2،890 މިލިއަން (2.8 ބިލިއަން ރުފިޔާ) ގެ ތެރެއިން ބާކީ އޮތީ އެންމެ 21.7 މިލިއަން ރުފިޔާ އެވެ. 
ބަޖެޓު ތައްޔާރުކުރިއިރު އަންދާޒާ ކުރި ވަރަށް ވުރެ ސަބްސިޑީ ހަރަދުތައް އިތުރުވީ، އިރާނު ހަނގުރާމައާ ގުޅިގެން ފިއުލް ސަބްސިޑީ އާއި ކަރަންޓު ސަބްސިޑީގެ ހަރަދުތައް އަންދާޒާ ކުރި ވަރަށް ވުރެ މަތިވުމާ ގުޅިގެންނެވެ. ނަމަވެސް ފިނޭންސުގެ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުން ވަކިވަކި ސަބްސިޑީތަކަށް ހަރަދު ކުރާ ވަރު ފެންނަން ނޯންނާތީ، މި ސަބްސިޑީތަކަށް ހަރަދުވީ ކިހާ ވަރެއް ކަމެއް ނޭނގެ އެވެ.
މި އަހަރު ވެސް ސަބްސިޑީއަށް ބޮޑު ހަރަދެއް ކުަރަން ޖެހި ބަޖެޓުގެ އެހެން ދިމަދިމާލުން ފައިސާ ނަގަން މަޖުބޫރުވެފައިވާއިރު، މިއީ މި ފަހުގެ އަހަރުތަކުގައި އާންމު ކަމެކެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކީ ސަބްސިޑީގެ އިސްރާފު ކުޑަކުރަން އެކުލަވާލާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރުތައް ނުކުޅެދުމެވެ. 
އެ ގޮތުން ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ވަނީ ސަބްސިޑީއަކީ އޭގެ ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި ލިބޭ އެހީއަކަށް ބަދަލުކުރުމުގެ ސިޔާސަތުތައް ބަޖެޓުގައި ހިމަނާފަ އެވެ. ނަމަވެސް ސިޔާސީ ގޮތުން ކުރިމަތިވެދާނެ ޕްރެޝަރުގެ ބިރަށް އެއްވެސް ސަރުކާރަަކުން އެ ސިޔާސަތުތައް ތަންފީޒެއް ނުކުރެ އެވެ.
މި ސަރުކާރުން ވެސް މިދިޔަ އަހަރުގެ ބަޖެޓު ފާސްކުރީ ސަބްސިޑީ ޓާގެޓު ކުރުމާއި އާސަންދައިގެ އިސްރާފު ކުޑަކުރުމަށް ގެންނަ ބަދަލުަތައް ހިމެނޭހެން، ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓުން ސަލާމަތްކުރަން ހަރަދުތައް ކުޑަކުރަން ރިފޯމްތަކެއް ބަޖެޓުގައި ހިމަނާފަ އެވެ. އެކަމަކު އެ އަހަރުގެ ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ރުހުން ލިބިގެން ބަޖެޓުގައި ހިމެނި ރިފޯމްތައް ތަންފީޒުނުކުރަން ނިންމާފައިވާކަން އިއުލާންކުރަައްވާފަ އެވެ. 
ސަރުކާރުން ބުނަނީ ސަބްސިޑީ ޓާގެޓުކުރުމުގެ ސިޔާސަތު ތަންފީޒުނުކުރަން ނިންމީ ރައްޔިތުންނަށް އުނދަގޫވާނެ ސިޔާސަތެއް ތަންފީޒުކުރަން ބޭނުންނުވާތީ ކަމަށެވެ. އެ ސިޔާސަތު ދޫކޮށްލުމަށް ފަހު ސަރުކާރުން މިހާރު ބުނަނީ ފިއުލް ސަބްސިޑީ އާއި ކަރަންޓު ސަބްސިޑީ ހަރަދު ކުޑަކުަރާނީ ކަރަންޓު އުފައްދާ ކުންފުނިތަކުގެ އެފިޝަންސީ އިތުރުކޮށްގެން ކަމަށެވެ.
ރައްޔިތުންނަށް އުނދަގޫ ވެދާނެ ކަމަށް ބުނެ ސަބްސިޑީތައް ދީދީ ތިބެން ސަރުކާރުން ނިންމިއިރު، ރާއްޖެއާ ގުޅިގެން ބޭރުގެ މާލީ އިދާރާތަކުން ތައްޔާރުކުރާ ހުރިހާ ރިޕޯޓެއްގައި މި ސިޔާސަތު ބަދަލުކުރަން ސަރުކާރަށް ލަފާ ދެމުން އަންނަތާ 25 އަކަށް އަހަރު ވެއްޖެ އެވެ. އެ އިދާރާތަކުން ބުނަނީ، ސަބްސިޑީ ނިޒާމު މިހާރު އޮތް ގޮތުން އޭގެ ބޮޑު މަންފާއެއް ލިބެނީ މުއްސަނދި ގޭބިސީތަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ