އިންޑިޔާގެ އިގުތިސާދު ޗައިނާގެ މައްޗަށް ބަރޯސާވާ މިންވަރު ދަނީ އިތުރުވަމުން

ޖިއޯ ޕޮލިޓިކްސްގައި އިންޑިޔާއާއި ޗައިނާގެ ވާދަވެރިކަން ކިތަންމެ ބޮޑަސް މުދާ އުފެއްދުމުގެ މަރުކަޒަކަށްވުމަށް އިންޑިޔާއިން ދެކޭ ހުވަފެން ހަގީގަތަކަށް ހެދޭނީ ޗައިނާގެ މައްޗަށް ބަރޯސާވެގެންކަމަށް މާހިރުން ވިދާޅުވެ އެވެ.
ޗަައިނާއާއި އިންޑިޔާގެ މެދުގައި ޖިއޯ-ޕޮލިޓިކަލް ވާދަވެރިކަން ބޮޑުވެފައި އޮތް ނަމަވެސް އަދި ދެކުނު އޭޝިޔާގެ ގައުމުތަކާއި ޗައިނާގެ މެދުގައި ގާތް ގުޅުމެއް އޮތުމަށް އިންޑިޔާއިން ނުރުހުނު ނަމަަވެސް ފާއިތުވި އަހަރުތަކުގައި އިންޑިޔާގެ އިގުތިސާދު ޗައިނާގެ މައްޗަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހިސާބުތަކާއި ދިރާސާތަކުން ދައްކައިފި އެވެ. 
އިންޑިޔާއިން ސްމާޓު ފޯނާއި، ސޯލާ ޕެނަލާއި ކާރުތަކާއި ބޭސް އުފައްދާ މިންވަރު އިތުރުކޮށްފައިވާއިރު، ތަފާސްހިސާބުތަކުން ދައްކަނީ އިންޑިޔާގެ އިގުތިސާދު ޗައިނާގެ މައްޗަށް ބަރޯސާވާ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް އިންޑިޔާއިން އުފައްދާ ތަކެތި އުފެއްދުމަށް ބޭނުންވާ އެކި ކޮމްޕޯނެންޓުތައް ނުވަތަ ބައިތައި ޗައިނާއިން އިމްޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަން ވިޔަފާރީގެ ހިސާބުތަކުން ފެނެ އެވެ. 
ޗައިނާއާއި އެމެރިކާގެ މެދުގައި އޮތް ވިޔަފާރީގެ ވާދަވެރިކަމުގެ ސަބަބުން ޗައިނާގެ ސަޕްލައި ޗެއިނަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް އިތުރު ގޮތްތަކެއް ފެނޭތޯ މަސައްކަަތްކުރާ އެމެރިކާ ވިޔަފާރިތަކަށް އިންޑިޔާގެ އިގުތިސާދު ޗައިނާގެ މައްޗަށް ބަރޯސާވުން ވެފައިވަނީ ބޮޑު ހިރާހަކަށެވެ. 
އިންޑިޔާއަށް ޗައިނާއިން އެތެރެކުރާ މުދަލުގެ އަދަދު އަންނަނީ އިންޑިޔާއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވާ ނިސްބަތަށްވުރެ ދެ ގުނަ އިތުރުވަމުންނެވެ. އިލެކްޓްރޯނިކްސްއާއި އިއާދަކުރަނަވި ހަކަތައާއި ބޭސް އުފެއްދުމުގެ ދާއިރާތައް ފަދަ ސިނާއަތްތަކަށް ބޭނުންވާ މުދަލުގެ ތިން ބައިކުޅަަ އެއްބައި މުދާ އެތެރެކުރަނީ ޗައިނާއިންކަމށް އިންޑިޔާގެ ތިންކު ޓޭންކު ގްލޯބަލް ޓްރޭޑް ރިސާޗް އިނިޝިއޭޓިވް (ޖީޓީއާރްއައި) އިން ބުނެފައިވެ އެވެ. 
އިލެކްޓްރޯނިކް ސާމާނު އުފެއްދުމަށް ބޭނުންވާ ސާކަޓު ބޯޑުތަކާއި ބެޓަރި ފަދަ ތަކެތީގެ ތެރެއިން އިންޑިޔާއަށް އެތެރެކުރާ މުދަލުގެ ތިން ބައިކުޅަ އެއް ބައި މުދަލަކީ ޗައިނާގެ އުފެއްދުންތަކެވެ. ޖީޓީއާރްއައިގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިފަދަ މުދާ ޗައިނާއިން އިންޑިޔާއަށް އެތެރެކުރާ މިންވަރު ފާއިތުވި ފަސް އަހަރު ތިން ގުނަ އިތުރުވެފައިވެ އެވެ. 
އިންޑިޔާއަކީ އެމެރިކާ ހިމެނޭހެން ގިނަ ގައުމުތަކަކަށް ބޭހުގެ ބާވަތްތައް ބޭރުކުރާ ގައުމެކެވެ. ބޭސް އުފެއްދުމަށް ބޭނުންވާ ސާމާނު ކުރިން އިންޑިޔާގައި އުފެއްދި ނަމަވެސް މިހާރު ޕެރަސަޓަމޯލު ފަދަ މުހިއްމު ބާވަތްތައް މުޅިންހެން އެތެރެކުރަނީ ޗައިނާއިންނެވެ. 2007 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދުގައި އިންޑިޔާއިން އެތެރެކުރާ ކެމިކަލާއި ފާމަސިއުޓިކަލްސްގައި ޗައިނާގެ ހިއްސާ 50 އިންސައްތައަށް އިތުރުވެފައިވާއިރު، ހަމައެކަނި ފާއިތުވި ފަސް އަހަރު ތެރޭގައި ޗައިނާއިން ފާމަސިއުޓިކަލްސްއާއި ބޭސް އުފެއްދުމަށް ބޭނުންވާ ކެމިކަލްތައް ޗައިނާއިން އެތެރެކުރާ މިންވަރު ދެ ގުނަ އިތުރުވެފައިވެ އެވެ. 
އެކްސްޕޯޓު ސިނާއަތްތަކުގެ ތެރެއިން މުހިއްމު އިތުރު ސިނާއަތެއްކަމަށްވާ އަންނައުނާއި ފޮތީގެ ސިނާއަތަށް ބަލާއިރު ޔާން އަދި ފެބްރިކް ޗައިނާއިން އިންޑިޔާއަށް އިމްޕޯޓުކުރާ މިންވަރުވަނީ އިތުރުވެފަ އެވެ. އަދި އޮޓޮމޯބައިލް ނުވަތަ ކާރާއި އެއްގަމު އުޅަނދުފަހަރު އުފެއްދުމުގެ ސިނާއަތަށް ބޭނުންވާ އެކި ބައިތައް ޗައިނާއިން އެތެރެކުރާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. 
ހަމައެހެންމެ ސޯލާ ޕެނަލް އުފެއްދުމުގެ ދާއިރާއިން އިންޑިޔާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް ސޯލާ ޕެނަލްތަކަށް ބޭނުންވާ ސޯލާ ސެލްސް އެތެރެކުރުމުގައި ޗައިނާއަށް އިންޑިޔާއިން ބަރޯސާވާ މިންވަރުވަނީ ވަރަށް ބޮޑުވެފަ އެވެ.  
އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުތަކާއެކު ޗައިނާއިން ސޯލާ ޕެނަލް އެތެރެކުރުން މަދުކުރަން އެމެރިކާއިން އެޅި ފިޔަވަޅުތަކާ ގުޅިގެން އެމެރިކާއަށް އިންޑިޔާއިން އެތެރެކުރި ސޯލާ ޕެނަލުގެ އަދަދު 150 އިންސައްތައާ ގާތްކުރާ މިންވަރަކަށް 2022 ވަނަ އަހަރު އިތުރުވި އެވެ. ނިމުނު އަހަރު އެމެރިކާއަށް އިންޑިޔާގެ ސޯލާ ޕެނަލްތައް އެތެރެކުރި މިންވަރު އެއަށްވުރެވެސް އިތުރުވި އެވެ. 
ނަމަވެސް އެ މުއްދަތުގައި ސޯލާ ޕެނަލް އުފެއްދުމަށް ބޭނުންވާ ބައިތައް/ ކޮމްޕޯނެންޓުތައް ޗައިނާއިން އިންޑިޔާއަށް އެތެރެކުރި މިންވަރުވަނީ ވަރަށް ގިނަވެފަ އެވެ. އެގޮތުން އެ މުއްދަތުގައި އިންޑިޔާއަށް އެތެރެކުރި ސޯލާ ޕެނަލް ކޮމްޕޯނެންޓުތަކުގެ ދެބައިކުޅަ އެއްބައި އެތެރެކުރީ ޗައިނާއިންނެވެ. 
އޭގެ އިތުރަށް އެކި ސިނާއަތްތަކުގައި ޗައިނާއިން އުފައްދާ މެޝިނަރީ ބޭނުންކުރާ މިންވަރުވަނީ އިތުރުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ މެޝިންތައް ބޭނުންކުރުމުގައި އިންޑިޔާގެ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޓެކްނީޝަނުންނަށް އިންޑިޔާއަށް ދަތުރުކުރުމަށް ވިސާ ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އިންޑިޔާގެ ވިޔަފާރިވެރިން އަންނަނީ އެ ގައުމުުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. 
ޕްރިންސްޓަން ޔުނިވާސިޓީގެ އިކޮނޮމިކްސް ޕްރޮފެސާ އަޝޯކާ މޮޑީ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ހުނަރުގެ ސިނޑީގެ އެންމެ ތިރީ ހަރުފަތްތަކަށް އަރަން އިންޑިޔާައަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއެކު އެ ހަރުފަތްތައް ވަރަށް ހަލުއިކޮށް ކުރިއަށްވުރެ އުސްވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. އަމިއްލަ ނަފުސަށް ބަރޯސާވެވޭ މިންވަރަށް އިންޑިޔާގެ އިގުތިސާދު ކުރިއެރުވުމަށް ޗައިނާގެ އެހީތެރިކަން އިންޑިޔާއަށް މުހިއްމުވާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. 
އިންޑިޔާ ސަރުކާރުގެ ބައެއް އޮފިޝަލުންވެސް އަންނަނީ އިންޑިޔާގެ ކުރިއެރުމުގައި ޗައިނާގެ މުހިއްމުކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން އިންޑިޔާ ސަރުކާރުގެ ޗީފް އެކޮނޮމިކް އެޑްވައިޒަރު ވީ. އަނަންތަ ނަގެސްވަރަންވަނީ ޗައިނާގެ އިންވެސްޓުމެންޓުތަކަށް އިންޑިޔާގައި މިހާރަށްވުރެ ފަހި މާހައުލެއް ގާއިމުކުރުމަށް ހުށަހަޅުއްވައިފަ އެވެ. 
2022 ވަނަ އަހަރު އިންޑިޔާ ޗައިނާ ބޯޑަރު ސަރަހައްދުގައި އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ޗައިނާގެ އިންވެސްޓުމެންޓުތައް އިންޑިޔާއަށް ގެނައުމަށް ބައެއް ހުރަސްތައް އިންޑިޔާ ސަަރުކާރުން ކުރިމަތިކުރި އެވެ. އަދި އިންވެސްޓުމެންޓުތަކަށް ހުއްދަ ދިނުމުގެ އިޖުރާއާތު ހަރުކަށި ކުރި އެވެ. ނަމަވެސް މިހާރު އެ ފިޔަވަޅުތަކަށް ކޮންމެވެސް މިންވަރެއްގެ ލުއިތަކެއް ދީފައިވާކަމަށް އިންޑިޔާ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެ އެވެ. 
އެގޮތުން ނަން ސިއްރުކުރުން ޝަރުތުކޮށް މައުލޫމާތު ދެއްވި އިންޑިޔާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ޗައިނާ މީހުންގެ ވިސާ އަވަސްކުރަން އިންޑިޔާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރަށް ފާއިތުވި އޭޕްރީލުން ފެށިގެން މިހާތަނަށް އިލެކްޓްރޯނިކްސް ދާއިރާގައި ޗައިނާގެ 11 އިންވެސްޓުމެންޓަކަށް އިންޑިޔާއިން ހުއްދަ ދީފައިވާ ކަމަށެވެ. 
ނަތީޖާއެއްގެ ގޮތުން ޗަައިނާގެ ކުންފުންޏެއްކަމަށްވާ ވީވޯއިން މިހާރުދަނީ ނިއުދިއްލީ ކައިރީގައި އެ ކުންފުނީގެ ފޯނު އުފެއްދުމަށް ކާރުހާނާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އީ-ކޮމާސްއަށް މަޝްހޫރު ޕްލެޓުފޯމު ޝެއިންއިން އަންނަނީ އިންޑިޔާގެ ރިލައިންސްއާ ގުޅިގެން ވިޔަފާރިކުރަން ތައްޔާރުވަމުންނެވެ. ޗައިނާގެ މޮޓޯ ކުންފުންޏެއްކަމަށްވާ ސައިކް މޮޓޯއިން އިންޑިޔާގެ ޖޭއެސްޑަބްލިއުއާ ގުޅިގެން 2030 ގެ ކުރިން އިންޑިޔާގައި އެއް މިލިއަން އިލެކްޓްރިކް އުޅަނދު އުފެއްދުމުގެ މަސައްކަތްވަނީ ފަށާފަ އެވެ. 
އެހެންނަމަވެސް އިގުތިސާދީ މާހިރުން ވިދާޅުވަނީ ޗައިނާއާމެދު އިންޑިޔާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން ޗައިނާގެ އިންވެސްޓުމެންޓުތައް އިންޑިޔާގެ ސިނާއަތްތަކުގެ ތެރެއަށް ގިނަ އަދަދަކަށް ނުވަންނާނެ ކަމށެވެ. ފުޑާން ޔުނިވާސިޓީގެ ސެންޓާ ފޯ ސައުތު އޭޝިއަން ސްޓަޑީސްގެ ޑެޕިއުޓީ ޑިރެކްޓަ ލިން މިންވަން ވިދާޅުވީ ޗައިނާ އިންވެސްޓުމެންޓުތަކާމެދު އިންޑިޔާ ސަރުކާރުން ގެންގުޅޭ "ބީރަށްޓެހިކަމުގެ" ސަބަބުން ޗައިނާގެ އިންވެސްޓުމެންޓު ބޮޑު އަދަދަކަށް އިންޑިޔާގައި ގާއިމުވާނެ ކަމުގައި ނުބެލެވޭ ކަމަށެވެ. 
އިންވެސްޓުމެންޓު އިތުރުނުވި ނަމަވެސް މެނިފެކްޗަރިން ނުވަތަ މުދާ އުފެއްދުމުގެ ދާއިރާއިން އިންޑިޔާއިން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުކުރުމުގައި ޗައިނާގެ ސަޕްލައި އަދި މުދާ މުހިއްމު ދައުރެއް އަދާކުރާނެކަަމާމެދު ދެ ގައުމުގެ މާހިރުންގެ މެދުގައި ދެބަސްވުމެއް ނެތެވެ. 
"ކޮންމެ އެއްޗެކޭ ކިޔަސް މުދާ އުފެއްދުމަށް ބޭނުންވާ ކޮމްޕޯނެންޓުތައް/ ބައިތައް އެންމެ ގިނައިން އުފައްދަނީ ޗައިނާއިން. އެ ހަގީގަތުން ދުރުވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަހަރުމެންގެ ސިނާއަތްތަކުގެ ކުރިއެރުން ދަށްކުރުމަކީ އިންޑިޔާއިން ކުރާނެ ކަމެއް ނޫން،" ދިއްލީގައި ހުންނަ އަނަންތަަ ސެންޓަރުގެ ސީއީއޯ އިންދްރާނީ ބަގްޗީ ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ