ސީ-ޓު-އެއަރ ކާގޯ: ޑިމާންޑު އެބައޮތް، ޙިދުމަތް ދަނީ ފުޅާވަމުން

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފުޅާވަމުންދާ ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ވިޔަފާރިއެއްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްޕީއެލުން ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތްދެމުން ދަނީ ޓާކިޝް އެއާލައިންސްއާއި ގަތަރު އެއާވޭސް އާއި ގުޅިގެންނެވެ. އަދި އެ ދެ އެއައލައިންއާއެކު ވަނީ އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް ލިބިގެންދާ ތަރުހީބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ 2 ދުވަސްތެރޭ 40 ފޫޓުގެ 7 ކޮންޓެއިނަރގެ މުދާ ޔޫރަޕަށް ފޮނުވާފައިވާ ކަމަށެވެ.
"ވަރަށް ބޮޑަށް ފުޅާވަމުން މިދަނީ، މިއީ ރާއްޖޭގެ އިޤްތިސާދަށް ލިބިގެންދާ ވަރަށް ބޮޑު އާރޯކަމެއް،" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ފާހަގަކުރެއްވިގޮތުގައި މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށާއި މި ވިޔަފާރި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރިކަމަށެވެ. އަދި މި ވިޔަފާރި ފުޅާކުރުމަށް ސަރުކާރުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި، އެއަރޕޯޓުގެތެރެއިންވެސް، ކަންތައްތައް ފަހިކޮށްދީ ވިޔަފާރިތަކަށް ލުއިގޮތްތައް ހަމަޖައްސާދެމުންދާކަން ވަޖީހު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މާޗުމަހު އެމް.ޕީ.އެލުން ތައާރަފްކުރި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މި އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. ރާއްޖެއިން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަންވިލާތަށެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެކަމަށެވެ.
މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާއަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކަށް ދަތުރުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ