އެކަމުގެ ވާހަކަ ދައްކަން ލަދުގަތަސް އަދި ބިރުގަތަސް ކައިވެނިކުރުމުގެ ކުރިން އެނުބައިފާފަ ކުރެވުން މިވަނީ ޢާންމުވެފައެވެ. މިބުނަނީ ކައިވެނި ކުރުމުގެ ކުރިން ޒިނޭކުރާ މީހުންގެ ޢަދަދު ގިނަވަމުން އަންނަ ވާހަކައެވެ. ވީމާ މިހާރު ވިސްނަނަޖެހިފައި މިވަނީ އެ ބޮޑު ފާފަ ކުރެވުނަސް ތައުބާބެ އެކަމުން ސަލާމަތްވެ ޠީހިރު ދިރުއުޅުމެއް އުޅުމާއިމެދުގައެވެ.
އެއްވެސް ޝައްކެއް ނެތެވެ. ޢިއްފަތްތެރިކަމާއިއެކު ކައިވެނިކޮށް ޢިއްފަތްތެރިކަމާއިއެކު ޙަޔާތް ހޭދަކުރުމަކީ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެކެވެ. އެމީހަކަށްޓަކައި ރަޙްމަތުގެ ދިރޮކޮޅުތައް ހުޅުއްވަވައިލަ ދެއްވަވާނެ ކަމެކެވެ. ލައްވަވާނެ ބޮޑު ރަޙްމަތުގެ ތެރޭގައި ދުނިޔޭގައި އުފާވެރި ދިރިއުޅުމެއް ލިބުންވެސް ހިމެނެއެވެ. އިން ޝާ ﷲ
ފުރަތަމަ: ކައިވެނީގެ ކުރިން ޒިނޭ ކުރެވިފައިވާނަމަ ހަދާނީ ކިހިނެއް؟
ކައިވެނީގެ ކުރިން ދެމަފިރިންކުރެ މީހާކަށް ޒިނޭކުރެވިފައިވާނަމަ، ކައިވެނި ކުރުމުގެ ކުރިން ދެމީހުންވެސް ތައުބާވާން ޖެހޭނެއެވެ. ޒިނޭކުރާ އަންހެނަކާ ކައިވެނި ކުރުމަކީ މުއިމިން ފިރިހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހަމައެފަދައިން ޒިނޭކުރާ ފިރިހެނަކާ ކައިވެނި ކުރުމަކީ މުއިމިން އަންހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ކައިވެނިކުރި އިރުގައި އަންހެން މީހާ ބަލިވެ އިންކަމަށް ވަނީނަމަ ކައިވެނި ޞައްހާވާނެތޯ ނުވަތަ ނޫންތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.
ޙަނަފީ އަދި ޝާފިޢީ މަޛުހަބުގައި ބަލިވެއިން އަންހެންކުއްޖަކާއި އޭނާ ޒިނޭކުރި ފިރިހެނާ ކައިވެނިކުރުން ހުއްދައެވެ. އެހެންނަމަވެސް އެނޫންމީހަކަށް އެކުއްޖަކާއި ކައިވެނިކުރެވޭނީ އޭނާ ވިހެއުމަށްފަހުގައެވެ.
އެހެން ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބަލިވެއިން އަންހެންކުއްޖަކާއި ކައިވެނީގެ ޢަޤުދެއް ނުކުރެވޭނެއެވެ.ވުމާއެކު މިކަމުގައި އެންމެ ރައްކާތެރިކަންބޮޑު ގޮތަކީ ވިހެއުމުގެ ކުރިން އަނބިފިރިކަމުގެ ގުޅުން ނުހިންގާ މަޑުކުރުމެވެ. އަދި ވިހެއުމަށްފަހުގައި ކައިވެނީގެ ޢަގްދު އާކުރުމެވެ.
ޒިނޭކުރި އަންހެންމީހާ ކައިވެނި ކުރިތާ ހަމަސްފަހުން ވިހައިފިކަމަށްވަނީ ނަމަ ފިރިމީހާއަށް ދަރިލައްވާނެއެވެ. ކައިވެނިކުރި އިރުގައި އަންހެންކުއްޖާ އިނީ ބަލެވެ ކަމުގައިވީނަމަވެސް މެއެވެ. މި ޙާލަތުގައި ފިރިމީހާ އޭނާގެ ދަރިއެއްނޫން ކަމަށް ޘާބިތުކޮށްދޭން ބޭނުންވެއްޖެނަމަ އެކަމަށް އޮތް މަގަކީ ލިޢާނު ކުރުމެވެ. އެނޫންގޮތަކުންނަމަ ދަރިލައްވާނީ ފިރިމީހާއަށެވެ. އެހެންފިރިހެނަކު އަންހެންމީހާ އާއި އެކު އެއްދާންކުރި ކަމަށް ދަޢުވާކުރިކަމުގައިވީނަމަވެސް މެއެވެ.
އަންހެންމީހާ ކައިވެންޏެއް ނުކޮށްހުއްޓާ ވިހައި، އޭނައާއި އެކު ޒިނޭކުރި ފިރިހެންމީހާ އެދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ ދަރިލައްވާނެތޯ ނުވަތަ ނޫންތޯ، މިކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ.
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ފިރިމީހާއަށް ދަރިއެއް ނުލައްވާނެއެވެ. އެބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެވެ. (الولدللفراش، وللعاهرالحجر)މާނައަކީ: ދަރިލައްވާނީ ތަންމައްޗަށެވެ.(މަންމައަށެވެ). ޒިނޭކުރި ފިރިހެންމީހާއަށް އޮތީ ހިލަގަނޑެވެ.( އޭނާ އަކަށް އެއްޗެއް ނެތެވެ)." އަދި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޒިނޭގެ ދަރިންގެ މައްސަލަ އެއްގައި އެކުދިންގެ ބައްޕަ އިޢުތިރާފުވެފައިވަނިކޮށްވެސް، ބައްޕަ އަށް ދަރިނުލައްވައެވެ.
ނަމަވެސް އަލްއިމާމު ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން، ނަޚަޢީ-ރަޙިމަހުމު ﷲ- ދެކިލައްވާ ގޮތުގައި ފިރިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ގާއިމް ކުރެވިއްޖެނަމަ ދަރިލައްވާނެއެވެ، އަދި ފިރިމީހާގެ މުދަލުން ވާރުތަވެސް ކުރާނެއެވެ. އެބޭކަލުންގެ ދަލީލަކީ ޖާހިލިއްޔަ ޒަމާނުގައި ވިހެއި ޒިނޭގެ ކުދިންތަކެއް، ޢުމަރުގެފާނު އެކުދިންގެ ބައްޕަ އަށް ލެއްވި ކަމެވެ.
އަލްއިމާމް އަބޫޙަނީފާ-ރަޙިމަހު ﷲ- ވިދާޅުވަނީ ފިރިހެންމީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ އޭނާ އަށް ދަރިލައްވާނެ ކަމަށެވެ.
ޖުމްހޫރުންގެ (ގިނަ ޢިލްމުވެރިންގެ) ބަހުން ދޭހަވާގޮތުން ޒިނޭގެދަރި ނިސްބަތްވާނީ މަންމައަށެވެ. މަންމަގެ ފަރާތުން ވާރުތަވެސް ކުރާނެއެވެ. އަދި މަންމަގެ އެހެންކުދިންނަކީ އެކުދިންގެ އެއްބަނޑު ކުދިންނެވެ. އަދި އެކުދިން ބައްޕަ އަށް ނިސްބަތެއް ނުކުރެވޭނެއެވެ. އެކުދިންނަކީ އެފިރިހެންމީހާގެ ދަރިޔެކޭވެސް ނުބުނެވޭނެއެވެ. އެފަދަކުދިން ވާނީ އެފިރިހެންމީހާގެ ދޮންދަރިންނަށެވެ. އެހެންނަމަވެސް އެފިރިހެންމީހާއާއި ކައިވެނި ޙަރާމްވާނެއެވެ. އަދި އެފިރިހެންމީހާގެ އެހެންކުދިންނާވެސް ކައިވެނި ޙަރާމްވާނެ އެވެ. ކައިވެނި ޙަރާމްވިނަމަވެސް މަޙްރަމަކަށް ނުވާނެއެވެ. ކައިވެނި ޙަރާމްވާ ކޮންމެ މީހަކީ މަޙްރަމެއް ނޫނެވެ.
ދެވަނަ: ޙައްދު ނުޖަހާ ޒިނޭ އިން ތައުބާވެވިދާނެބާ؟
ޒިނޭ އަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އޭގެ ހައްދަކީ ސަތޭކަ އެތިފަހަރު ޖެހުމެވެ. ނުވަތަ މަރުވަންދެން ގަލުން ތެޅުމެވެ. ނަމަވެސް އެ ފާފަ ކޮށްފައިވާ މީހަކު ކުރާ އަޅުކަންތައް ގަބޫލު ވެވޭނެއެވެ. މިސާލަކަށް ޒިނޭކޮށްފައި ހުރި މީހަކު ނުވަތަ އެފަދަ އަމަލެއް ކުރާ މީހަކު ނަމާދު ޤާއިމު ކުރާނަމަ އެކަން އޭނާގެ ކިބައިން އަދާވާނެއެވެ.
ހަމަ އެފަދައިން އެފަދަ އަމަލަކުން ތައުބާ ވުމަށްޓަކައި އެކަމުގެ ހައްދު ލިބިގަތުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް އެއުގޫބާތް މީހަކަށް ލިބިއްޖެ ނަމަ އާޚިރަތުގައި އެކަމަށް އަޛާބެއް ނުލިބޭނެއެވެ. އެފަދަ ފާފައެއް ކުރެއްވިއްޖެ ނަމަ މޮޅު އިތުރު ގޮތަކީ އެއްވެސް މީހަކަށް ނާންގައި އެކަން ސިއްރުކޮށް، އެކަމުން ތައުބާ ވުމެވެ. ތެދުވެރި ތައުބާއަކުން ތައުބާ ވެއްޖެ ނަމަ މާތް ﷲ އެފާފަ ފުއްސަވައި ދެއްވައި ތައުބާ ގަބޫލު ކުރައްވާނެއެވެ.
ތިންވަނަ: ތައުބާވުމަށް ފަހުގައިވެސް ޢަޛާބު ލިބިދާނެތޯ؟
ޝައްކެއްނެތް ފާފަޔަކީ ނުރައްކާތެރި ބިރުވެރިކަން ހުރި ، އިލާހުގެ ކޯފާ ހައްގުވާނެކަމެކެވެ. ނަމަވެސް ﷲ އީ އޯގާވަންތަ ރަހުމަތްވަންތަ ރަސްކަލާނގެ، އެހެންވެ އަޅުތަކުން ކުރެ އެބައިމީހުންގެ ނަފްސަށް އަނިޔާވެރިވެވޭ މީހުނަށް ތައުބާގެ ދޮރު ހުޅުއްވަވާފައިވެއެވެ. ކިތަންމެ ފާފައެއް ކުރިއަސް، ކޮންމެ ގޮތަކަށް އުޅުނަސް، އެކަލާނގެ ހައިބަވަންތަކަމާއި ގަދަ ކީރިތި ވަންތަކަން ވިސްނި، އެކަލާނގެއަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތަށް އަތުވައްޖެ އަޅަކު އެކަލާނގެ ގަބޫލު ކުރައްވައެވެ. ވީމާ ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ! އެކަލާނގެ ހަޟުރަތަށް އަވަސްވާށެވެ! އެކަލާނގެއީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެއެވެ. އަޅުން އެކަލާނގެ ހަޟުރަތަށް ރުޖޫޢަވެ، ތައުބާވެ، ފާފަ ފުއްސެވުންއެދި އާދޭސް ދެންނެވުމަށް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ.
އެކަލާނގެ ވަހީކުރެއްވިއެވެ. {قل يعبادي الذين أسرفوا على أنفسهم لا تقنطوا من رحمة الله إن الله يغفر الذنوب جميعا إنه هو الغفور الرحيم} [الزمر 53] މާނައީ: "ތިމަން އިލާހުގެ އަޅުތަކުންކުރެ ފާފަކުރުމުން އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކޮށްފައިވާ މީހުނަށް ކަލޭގެފާނު ދަންނަވާށެވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އެކަލާނގެ ހުރިހައިފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ."
މާތް ﷲ އެކަލާނގެ އަޅާގެ ކިބައިން ބޭނުންވެ ވޮޑިގަންނަވަނީ އެއްމެ ކަމެކެވެ. އެއީ އިޚްލާޞްތެރިކަމެވެ. ތެދުވެރިކަމެވެ. އެކަލާނގެ ކޯފާއާއި އަޛާބަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތުގައިވާ ނިއުމަތަށް އެދުންވެރިވެ، ފާފަކުރުން ހުއްޓާލައި، މުސްތަގުބަލްގައި އެފަދަ ފާފައަކަށް އަރައިނުގަތުމަށް އަޒުމްކޮށް އެކަލާނގެއަށް ދެންނެވުމެވެ. އަދި ޞާލިޙް އަމަލު ގިނަކުރުމެވެ. އޭރުން އެކަލާނގެ ތިބާގެ ހުރިހާ ފާފައެއް ފުއްސަވައި، ތިބާއީ އެކަލާނގެ ގާތް އަޅުންގެ ތެރެއިން ލައްވާނެކަން ކަށަވަރެވެ. އަދި ކިޔެއް އަޅާގެ ތައުބާ ފުރިހަމަވެ، ފާއިތުވީ ތަނުގެ ބަދަލުގައި ހެޔޮ ޢަމަލު ކޮށް، އެގޮތުގައި ސާބިތުވެ، ތަޤުވާވެރި ވެއްޖެ އަޅެއްގެ އިސްވެ ދިޔަބައި ޘަވާބާއި ދަރުމައަށް ބަދަލު ކޮށްދެއްވައެވެ.
އެކަލާނގެ ވަޙީކުރައްވަނީ{{ إلا من تاب وءامن وعمل عملا صالحا فأولئك يبدل الله سيئاتهم حسنات}} الفرقان 70. މާނައީ: " ތައުބާވެ، ހެޔޮވެގެންވާ އަމަލު ކޮށްފި މީހުންނީ އެބައިމީހުންގެ ނުބައި ކަންތައްތައް ހެޔޮ ކަންތައްތަކަށް މާތް ﷲ ބަދަލު ކުރައްވާނެއެވެ."
އަޅާގެ މައްޗަށް ވަނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އެކުގައި ތައުބާވެ، އިސްލާހު ވުމެވެ. އެކަލާނގެ އަންގަވާފައިވެއެވެ. {يأيها الذين ءامنوا توبوا إلى الله توبة نصوحا عسى ربكم أن يكفر عنكم سيئاتكم ويدخلكم جنت تجري من تحتها الأنهار...} [التحريم 8].
"އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ތެދުވެރި ތައުބާއަކުން ﷲގެ ހަޟުރަތަށް ތައުބާވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި އެތަނެއްގެ (ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން) ފެން އާރުތަށް ހިނގަހިނގައިވާ ސުވަރުގެ ތަކަކަށް ތިޔަބައިމީހުން ވައްދަވާނެއެވެ."
ތެދުވެރި ނުވަތަ އިޚްލާޞްތެރި ތައުބާއަކީ: 1- ތައުބާވުމަށް ގަސްތުކުރާ ފާފަ ހުއްޓާލުމެވެ. 2- ތިބާއަށް ކުރެވެފައިވާ ފާފައިގެ މައްޗަށް ލަދުވެތިވެ ދެރަވުމެވެ. 3- އެފާފަ އަލުން ނުކުރުމަށް އަޒުމް ކުރުމެވެ. 4- އަދި އަޅުންގެ ހައްގެއް އޮތް ކަމެއް ނަމަ އެކަމެއް ރައްދު ކުރުން ނުވަތަ އެމީހެއްގެ ހިތް ހަލާލު ހޯދުމެވެ. މިސިފަތަށް އެކުލެވިގެންވާ ތައުބާއަކުން ތައުބާ ވެއްޖެ ނަމަ އެތައުބާއީ ޞައްހަ ތައުބާއެކެވެ. މާތް ﷲ އެފާފަ ފުއްސަވާނެތެވެ. އަދި އެފާފައިން ދުރުހެލިވުންވެސް ފަސޭހަ ވާނެއެވެ. މާތް ﷲ ބައްލަވަނީ ތައުބާގެ އަދަދަކަށް ނޫނެވެ. ތައުބާގެ "ކޮލިޓީ" އެށެވެ.
ނުބައި ކަންތައްތަކާއި ދުރުހެލިވެ، ހެޔޮ އަމަލުތައް ކުރުމަށް ލޯބި ޖެހުމަކީ ޝައްކެއް ނެތް ގޮތުގައި މާތް ﷲ ގެ ހަޟުރަތުންވާ މަދަދެކެވެ. އެއީ އަބަދު އަބަދު ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. ވީމާ ތިބާއަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ﷲގެ ދީން އުނގެނި އޮޅުންފިލުވައި، ﷲ އާއި ރަސޫލާ އެންގެވިގޮތަށް އުޅެން މަސައްކަތް ކުރާށެވެ. އޭރުން ތިބާއަކީ ތަގުވާވެރި ރަނގަޅު މީހެއްކަމުގައި ވެވޭނެކަން ކަށަވަރެވެ. އަދި ހަމައެކަނި ކާމިޔާބު ވާނެ މީހުންނަކީ އެއީއެވެ. ރަގަޅު ޚާލިޞް ތައުބާ އަކުން ތައުބާވެއްޖެނަމަ އެމީހެއްގެ ފާފަ އެއްކޮށް ﷲ ފުއްސަވާދެއްވާނެއެވެ. އޭނާ އަކީ ކުރިން ފާފައެއް ނުކުރާ މީހެއް ފަދައިން ލައްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (التائب من الذنب كمن لا ذنب له)މާނައަކީ: "ކުށަކުން ތައުބާވާ މީހާ ކުށެއް ނުކުރާ މީހެއްފަދައެވެ.".
ސުވާލުގެ ޖަވާބުގެ ޚުލާޞާ އެއްގެ ގޮތުގައި ދަންނަވަމެވެ. ކައިވެނީގެ ކުރިން ޒިނޭ ކުރެވިފައިވާނަމަ، އެކަމުން ތައުބާވާން ޖެހޭނެއެވެ. ތައުބާ ވުމަށް ޙައްދު ޖެހުން ލާޒިމެއް ނޫނެވެ. އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުދައްކާ ސިއްރުކޮށް، ﷲ ގެ ޙަޟްރަތަށް ޚާލިޞް ތައުބާ އަކުން ތައުބާވުމުން ފުދޭނެއެވެ. އަދި ތައުބާވުމަށް ފަހު ކައިވެނި ކޮށްފިނަމަ ލިބޭ ދަރިންނަކީ ޙަލާލު ކުދިންނަށްވެސް ވާނެއެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ކައިވެނީގެ ކުރިން ޒިނޭކުރެވިފައިވާނަމަ މިމަގުން ޢަމަލުކޮށްފިނަމަ ފާފަފުއްސަވައި ދެއްވަވައި ދިރިއުޅުން ޠޯހިރުކޮށްދެއްވަވާނެތެވެ! ދިރިއުޅުމުގައި ބަރަކާތްވެސް ލައްވަވާނެތެވެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ