ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

ބާސެލޯނާ (މާޗް 31) - ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން 4-1 އިން މޮޅުވެ، ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ރޭގެ މެޗަށް ބާސެލޯނާ އިން ނުކުތްއިރު، މި ހަފްތާގައި ކުޅުނު މެޗުން މޮޅުވެ، ރެއާލުން ވަނީ ބާސެލޯނާއާ ޕޮއިންޓު އެއްވަރުކޮށްފަ އެވެ. އެކަމަކު، ރޭ ހޯދި މޮޅާ އެކު، ބާސެލޯނާ އިން އަލުން ލީޑުނެގީ، 29 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 29 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އަށް ފުރަތަމަ ގޯލު ޖެހުނީ މެޗުގެ 43 ވަނަ މިނިޓްގަ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ބާސެލޯނާ އިން ޖެހި މި ގޯލަކީ ޖިރޯނާގެ ލަޑިސްލާފް ކްރެޗްޝީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ދެ ވަނަ ހާފު ފަށައިގެން އަށް މިނިޓް ތެރޭ ޖިރޯނާ އިން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ ފޯވާޑް، އާނައުޓް ޑަންޖޫމާ ޖެހި ގޯލެކެވެ.
ބާސެލޯނާ އިން ކުޅުން ރަނގަޅުކޮށް، އެ ޓީމުގެ ފާމިން ލޮޕޭޒް އާއި ފްރެންކީ ޑި ޔޯންގް ދިން ބޯޅަތަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ދެ ގޯލު ޖަހައި، އެ ޓީމަށް ރަނގަޅު ލީޑެއް ނަގައިދީފަ އެވެ. މި ގޯލުތަކާ އެކު، މި ސީޒަނުގެ ލީގުގައި ލެވަންޑޯސްކީގެ ލަނޑުގެ ޖުމްލަ ވަނީ 25 އަށް އަރައިފަ އެެވެ.
މެޗުގައި ބާސެލޯނާގެ ފަހު ގޯލު ޖެހީ، ބަދަލަކަށް ކުޅެން އެރި ސްޕެއިނުގެ ފޯވާޑް، ފެރާން ޓޮރޭސް އެވެ. މިއީ ޖެރާޑް މާޓިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓޮރޭސް ޖެހި ގޯލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ