ވަގުތު ހަމަވުމުގެ ކުރިން ކަދުރު ދޫކުރުން ހުއްޓާލުމުން ހިތްހަމަޖެހުންފާޅުކޮށްފި

ކަދުރު ބެހުމަށް އިއުލާނުކުރި ވަގުތު ހަމަވުމުގެ ކުރިން ކަދުރު ބެހުން ހުއްޓާލުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.
ސައުދީ ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މިއަހަރު އާންމުންނަށް ބެހުމަށް ކުޅުދުއްފުއްޓަށް ލިބުނީ ދެ ކިލޯގެ 519 ޕެކެޓް ކަދުރެވެ.
ކަދުރު ދޫކުރުމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފައިވަނީ، ބަލައި އަންނަ ތަރުތީބުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް ޕެކެޓެއްގެ މަގުންނެވެ. މިއަދުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ކަދުރު ބަހަން އިއުލާންކޮށް ވަގުތަކީ ހެނދުނު 8:30 – 11:30 އަށްކަމަށްވެސް ސިޓީ ކައުންސިލްގެ އިއުލާނުގައިވެ އެވެ.
އެހެންނަމަވެސް މިއަދު ހެނދުނު 10 ޖެހިއިރު ކަދުރު ދޫކުރުން ހުއްޓާލި އެވެ. ކަދުރު ދޫކުރުން ހުއްޓާލިއިރު ގިނަ ބަޔަކު ކިޔުގައި ތިއްބެވެ. އަދި 11:30 ވަންދެން ކަހަލަ ގޮތަކަށް ކަދުރު ނެގުމަށް މީހުން ދިޔަ އެވެ. މިއަދު ކަދުރު ދޫކުރުން ހުއްޓާލިއިރު 108 ނަންބަރަށް ކަދުރުދޫކުރި އެވެ. ކިޔު ނަންބަރަކަށް ތިން ޕެކެޓް ކަދުރު ދޫކުރިއިރު ގިނަ މީހުން ގެންދިޔައީވެސް ތިން ޕެކެޓެވެ.
ކަދުރު ބެހުން ހުއްޓާލީ މިއަދަށް ދޫކުރަން ކަނޑައެޅި އަދަދު ހަމަވެއްޖެކަމަށް ބުނެ ކަމަށް އާންމުން މައުލޫމާތުދިނެވެ. އަދި ކަދުރު ބަލައި ދެން އަންނަނީ ބުދަ ދުވަހު އާއި ބުރާސްފަތި ދުވަހު ކަމަށްވެސް ކަދުރު ދޫކުރަން ތިބި މުވައްޒަފުން އާންމު ގާތު ބުންޏެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުންފާޅުކޮށްފައިވާއިރު އެތަނުގެ ތިބި އާންމުގެ ޝަކުވާއަކަށްވީ ވަކި ވަގުތެއް އިއުލާނުކުރުމަށްފަހު އެ ވަގުތު ހަމަވުމުގެ ކުރިން ކަދުރު ދޫކުރުން ހުއްޓާލުމުންނެވެ.
މިކަމާ ގުޅިގެން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ކަދުރު ބެހުމުގައި ދިމާވި ކަންކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މާދަމާ ކަދުރު ދޫކުރަން ފަށާއިރު މިއަދު ފާހަގަކުރެވިފައިވާ ކަންކަމަށް ރިޔާއަތްކޮށް އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
އާންމުންނަށް ކަދުރު ދޫކުރަން ފެށީ ފަގީރުންގެ ލިސްޓަށް ނެގުމަށްފަހު އެވެ. ކަދުރު ދޫކުރަމުންގެންދަނީ ފުނަވަލު މާލަމް (އެންއޯސީ ގްރައުންޑް ފްލޯ ހޯލު) ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ