އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އިޒްރާއީލު ވަކިވެއްޖެ

އިޒްރާއީލުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ވަކިވެއްޖެކަމަށް ބުދަ ދުވަހު އިޢުލާނުކޮށްފިއެވެ. މިއީ އެމެރިކާ އިން އެ ކައުންސިލުގައި ބައިވެރިނުވާން ނިންމުމާ ގުޅިގެން އިޒްރާއީލުން ނިންމި ނިންމުމެކެވެ.
އިޒްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސަޢާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ބައިވެރިނުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިޒްރާއީލުން މަރުޙަބާ ކިޔާ ކަމަށެވެ. އަދި އިޒްރާއީލުން އެމެރިކާއާ ގުޅިގެން ހިއުމަން ރައިޓްސް ކައުންސިލުގައި ބައިވެރިނުވާން ނިންމައިފި ކަމަށްވެސް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އަންގާރަ ދުވަހު ވަނީ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައި، އެމެރިކާ އެ ކައުންސިލުން ވަކިވުމަށް ނިންމަވާފައެވެ. މީގެ އިތުރުން، މި އަމުރުގައި ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އދ.ގެ އޭޖެންސީ (އަންރުވާ) އަށް އިތުރު ފަންޑު ދިނުން ވެސް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަންރުވާއަށް ފަންޑު ދިނުން ހުއްޓާލާފައެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި އަންރުވާގެ 12 މުވައްޒަފަކު ބައިވެރިވިކަމަށް އިޒްރާއީލުން ތުހުމަތުކުރުމާ ގުޅިގެން އެޅިފިޔަވަޅެއްކަމަށް ބައިޑެންގެ ސަރުކާރުން ވަނީ ބުނެފައެވެ.
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އިޒްރާއީލާއި އެމެރިކާ ވަކިވުމުގެ ކުރިން، ޖެނީވާގައި ހުންނަ ހިއުމަން ރައިޓްސް ކައުންސިލުގައި ހިމެނެނީ 47 މެމްބަރު ޤައުމެވެ. މި ގޮނޑިތައް ބެހިފައިވަނީ ފަސް ސަރަޙައްދީ ގްރޫޕަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ