ޝިމަން އާއި މަހްޒޫމަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން ފުލުހުން ދެކޮޅު ހަދައިފި ޝިމަން އާއި މަހްޒޫމަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން ފުލުހުން ދެކޮޅު ހަދައިފި

އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް, އެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެ ޒުވާނުންނަށް އަނިޔާވެފައިވާ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ބުނެފި އެވެ.
ޒުވާނުންގެ މުޒާހަރާތަކުގެ ތެރެއިން ބާރުގެ ބޭނުކޮށް، ހައްޔަރުކުރީ މި ހަރަކާތުގައި އިސްކޮށް އުޅޭ އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދު އެވެ.
މިކަމާ ގުޅިގެން އަދަދު އާ ވާހަކަ ދެއްކި މުޒާހަރާތައް ލީޑުކުރަން ހަރަކާތްތެރިވާ އައިކު އަހުމަދު އީސާ ބުނީ ހައްޔަރަށް ގެންދިއުމުގެ ތެރެއިން މަހްޒޫމް އަދި ޝިމަން އަށް އަނިޔާތަކެއް ލިބިފައިވާ ކަަމަށެވެ. ވީޑިއޯތަކުން ފެންނަ ގޮތުން ފުލުހުން ވަނީ މަހްޒޫމްގެ ގަމީސް ވެސް އިރާލާފަ އެވެ.
"އެ މީހުންގެ ގާނޫނީ ވަކީލުންނަށް ބައްދަލުކުރުމުގެ ފުރުސަތު ދީފައެއް ނުވޭ. ތަކުރާރުކޮށް އެދުމުންވެސް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔުމަށް ފުލުހުން ދަނީ ހުރަސް އަޅަމުން. ލޯޔަރުންނާއި އާއިލާއިން ވެސް ތަކުރާރުކޮށް އެދިއްޖެ ހޮސްޕިޓަލަށް ގެންގޮސްދޭން،" އައިކު ބުންޏެވެ.
އެ ކަމާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައި ނުވެ އެވެ. އެ ދެ މީހުން ވެސް މިހާރު ވަނީ އަތޮޅުވެއްސަށް ގެންގޮސްފަައިވާ ކަމަށް އައިކު އަދަދަށް ބުންޏެވެ.
ދެ ޒުވާނުން ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވެސް ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި އެ ޕާޓީން ވަނީ ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާތީ އެ ކަން ކުށްވެރިކޮށްފަ އެވެ. އަދި ޝިމަން އާއި މަހްޒޫމް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާ ކުރާ ޒުވާނުން ބުނެފައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ކޮޅެއްގައި ޖެހެންދެން އެ ހުއްޓާނުލައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފަ އެވެ. އޭގެތެރޭގައި ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވައިލުން ހިމެނެ އެވެ. މިރޭ ހައްޔަރުތަކާއެކު މުޒާހަރާގެ ބައިވެރިން ވަނީ ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ