މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީއެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ބަނަފްސާ'ގެ ނަމުން ނަންދީ، ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ ހަލީމް) ލިޔުއްވާފައިވާ މި ފޮތް މިހާރު ނެރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ. އެގޮތުން، ފޮތް ޗާޕްކޮށް މިހާރު މާލެ ވެސް ގެނެސްފައިވެ އެވެ.
މި ފޮތް ނެރޭނީ ކޮން އިރަކުތޯ މިއަދު 'ދައުރު'ން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އަދި ތާރީހެއް ނުނިންމަވާ ކަމަށެވެ.
މި ފޮތް ނެރުމަށް ތައްޔާރުވެފައި މި ވަނީ، ރައީސް މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްއާ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކުރައްވާފަ އެވެެ. އެ ނިންނުމަށް ފަހު، އަބްދުއްރަހީމް ވެސް ވަނީ ދެ ބޭފުޅުންގެ ގުޅުން ގޯސްކަމަށް އިއުތިރާފްވެވެޑައިގެންފަ އެވެ. އެ ނިންމުން ނިންމި އިރު ވެސް މި ފޮތް ނެރުމަށް ހުރިހާ ކަމެއް ކަހަލަ ގޮތަށް އޮތީ ނިމިފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އަބްދުއްރަހީމަކީ ރާއްޖޭގައި ގިނަ ދުވަސްވީ ސިޔާސީ ތަޖުރިބާކާރެއްގެ އިތުރުން ވަރަށް މޮޅަށް ޅެން ވެސް ހައްދަވާ ބޭފުޅެކެވެ. މި ފޮތުގައި އަބްުދައްރަހީމް ޅެންވެރިކަމަށް ޝައުގުވެރިކަން އުފެދުނު ގޮތް ވެސް ހިމަނާފައިވެ އެވެ.
ފޮތުގެ މުސައްނިފް އާދަމް ހަލީމްއަކީ، ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ނޫސްވެރިކަމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އާދަމް ހަލީމްއަށް މިދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން ވެސް ލިބިވަޑައިގެންފައިވެ އެވެ. މިހާރު އޭނާ ހުންނެވީ މަޖިލީހުގެ ރައީސްގެ ރަސްމީގެ، މުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމުގަ އެވެ.
އަބްދުއްރަހީމްގެ ބަޔޮގްރަފީ ނެރެން ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ