ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުން ނިންމާލައިފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ނިންމާލައިފިއެވެ.
ރާއްޖެއާއެކު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގައި 34 ޤައުމެއް ހިމެނެއެވެ. ޞިއްހަތާ ގުޅުންހުރި ބައިނަލް އަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމެވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމްއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވާސަލް ހެލްތު ކަވަރޭޖް އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭގޮތުން ރާއްޖޭގެ ވަފުދުން ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށެވެ.
އަދި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފަލަސްތީނުގައި ދިރިއުޅޭ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދައުރާގުޅޭ ގުޅޭގޮތުން ވެސް މަޝްވަރާތައް ކޮށްފައިވާއިރު, އެކަމާ ގުޅޭ ގޮތުން އިސްރާއީލުން ހުށަހެޅި ކަންކަމާ ދެކޮޅަށާއި އަދި ފަލަސްތީނުން ހުށަހަޅާފައިވާ ކަންކަން ކުރުމަށް ރާއްޖެއިން ވަނީ ވޯޓު ދީފައެވެ.
މި ފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ބުރޫނާއި، ސައުތު ކޮރެއާ، ޤަތަރު އަދި ތައިލެންޑާއެކު ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަދި ޙާއްސަކޮށް ތައިލެންޑާއި ޤަތަރާއެކު ސޮއިކުރުމަށް ހުށަހަޅާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ޕްރައިމަރީ ހެލްތުކެއަރ ހަރުދަނާކުރުމާއި، ޕޯސްޓު ގްރެޖުއޭޓު ސީޓު ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކޮށްފައިވެއެވެ.
މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސްއާ ބައްދަލުކޮށް، ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ޝުކުރު ދެންނެވިއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ފާހަގަކޮށް އެކަމަށް މަރުހަބާ ކިޔާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ