އަހަރެމެންނަކީ މުސްލިމުންނެވެ. މިބުނާ ބަހުގެ ޙަޤީޤަތް މުސްލިމުންނަށް މާރަނގަޅަށް އެނގޭނެއެވެ. ﷲ ތައާލާގެ ޙަޟްރަތުގައި މުޅި ދުނިޔޭގެ އަގުގައި މަދިރިއެއްގެ އެންމެ ފިޔައެއްގެ ބުރަދަން ވެސް ނެތްކަން އެންމެ ރަނގަޅަށް އެނގޭނީ މުސްލިމުންނަށެވެ. ނަމަވެސް މިއަދު މުސްލިމުން މިތިބީ ކޮންފަދަ ބޮޑު ޖާހިލުކަމެއްގެ ތެރޭގައި ހެއްޔެވެ؟
ދުނިޔޭގެ ދަހިވެތިކަމުގައި ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ޢާއިލާއެއް ނަމަ ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ޢާއިލާގެ ވެރިކަން ލިބިގަނެ ޢާއިލީ މުދައުތަކުގެ މައްޗަށް ވެރިވެގަނެވޭތޯއެވެ؟ ފިރިމީހާ ބަލަނީ އަނބިމީހާގެ މައްޗަށްވެރިވެގަނެވޭތޯއެވެ. އަނބިމީހާ ބަލަނީ ފިރިމީހާގެ މައްޗަށް ގަދަވެގަނެވޭތޯއެވެ. ދަރިން ބަލަނީ މައިންބަފައިންގެ މައްޗަށް ގަދަވެގަނެވޭތޯއެވެ. ޤައުމުގެ ވެރިކަން ލިބިއްޖެ ނަމަ ބަލަނީ ކޮންމެ ގޮތަކުން ނަމަވެސް ދައުލަތުގެ ޚަޒާނާ އަމިއްލަ ޖީބަށް ކަހައިލެވޭތޯއެވެ.
މީސްތަކުންނޭވެ! ކިތަންމެ ވަރަކަށް ތެޅި ފޮޅުނު ނަމަވެސް އެއްވެސް މީހަކަށް މުޅި ދުނިޔެއެއް ނުލިބޭނެއެވެ. ލިބޭނީ ހަމަ ވަރަށް މަދު މިންވަރެކެވެ. ނަމަވެސް މަރުވުމުގެ ވަގުތު ޖެހުމުން އެހިސާބުން އެކަން ދާނީ ފުރިހަމަވެގެންނެވެ. މިހުރިހާ ކަންކަމަކީ ހަމަ މުސްލިމުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. ހިތާމައަކީ ވިސްނައި ނުލެވޭ ކަމެވެ. ވީއިރު މިއަދުގެ ގިނަ މީހުންނަށް މިތިބީ ކީއްވެފައިހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރިން ބުނި ފަދައިން ކިތަންމެ ވަރަކަށް ތެޅި ފޮޅުނު ނަމަވެސް މުޅި ދުނިޔެއެއް ނުލިބޭނެއެވެ. ވީމާ އެކަން ކުރަން ތެޅިފޮޅުމުގެ ބަދަލުގައި އާޚިރަތް ހޯދައިގެން އެދުވަހުގެ މުއްސަނދިކަމަށް އެދޭ ބައަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ދުނިޔެއެއް ނުލިބޭނެއެވެ! ނަމަވެސް އެކަމަށް މަސައްކަތްކުރެވިއްޖެނަމަ އާޚިރަތް ހޯދޭނެއެވެ. ވީމާ މަސައްކަތްކުރަން ޖެހޭނީ ފޯރާނެ ކަމުގެ ޔަޤީންކަން އޮތް މަންޒިލަށް ދަތުރުކުރަން ނޫން ހެއްޔެވެ؟ ބުއްދިވެރިންނަކީ އެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހަމައެކަނި ދުނިޔެ ޙާޞިލުކުރަން މަސައްކަތްކުރުމުން ލިބޭ އެންމެ ބޮޑު ދެރަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ