ޚަރަދުގެ ހިސާބުތައް ހާމަނުކުރާތާ މަހެއް

ސަރުކާރުން ކޮންމެ ހަފުތާއަކު އެއް ފަހަރު ހާމަކުރާ ޚަރަދާއި އާމްދަނީގެ ރިޕޯޓު އާންމު ނުކުރާތާ މިއަދަށް މަހެއް ވެއްޖެއެވެ. މާލީ ވުޒާރާއިން އަބަދު ވެސް ކޮންމެ ހަފުތާއަކު 'ވީކްލީ ފިޒްކަލް ރިޕޯޓު' އާންމުކުރެއެވެ. އެކަމަކު، އެ ވުޒާރާގެ ވެބްސައިޓުން އެނގޭ ގޮތުގައި އެންމެ ފަހުން އެ މައުލޫމާތު ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހެވެ. އެހެންވެ، އެ މައުލޫމާތު ހާމަނުކުރާތާ މިއަދަށް ބަރާބަރު މަހެއް ވީއެވެ. މި ކަމާ ގުޅިގެން އެ ވުޒާރާގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. އެކަމަކު، ނަން ނުޖަހާ ގޮތަށް އެ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، މައުލޫމާތު ހާމަނުކޮށް ހުރީ މި ދޭތެރެއިން ރޯދަމަހުގެ ފަހު 10 އާއި ޢީދާ ގުޅިގެން ބޮޑު ސަރުކާރު ބަންދެއް އައުމުން ކަމަށެވެ. މި ހަފުތާއިން ފެށިގެން ހާމަކުރަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/203651 ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ ކޮޅު ވެސް ޚަރަދުގެ ހިސާބުތައް ހާމަނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އޭރު ސަރުކާރުން ވަނީ ރިޕޯޓުތައް ހާމަނުކުރެވުނީ މިދިޔަ ސަރުކާރުގައި ބައެއް ޚަރަދުތައް ކޮށްފައި ހުރި ގޮތުން ކަމަށް ބުނެފައެވެ. ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާއިރު ޚަރަދު ކުޑަކުރަން ބޭރުގެ މާލީ އިދާރާތަކުން ގޮވައިލާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ގޮތުން، މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކޮށް، ޚަރަދުތައް ވީހާ ވެސް ކުޑަކުރަން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވެސް ވަނީ ގޮވާލައިފައެވެ. ސަރުކާރުން ވަނީ ހުޅުމާލެއިން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ބިމެއް ވިއްކައިގެން ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ވެސް މަސައްކަތްކޮށްފައެވެ. އެކަމާ ގުޅިގެން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެއީ އިގުތިސާދީ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ. އެކަމަކު، ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކޮށް މާލީ ދަތިތަކުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ