ދިރާސާއަށް ފަހު ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ގޮތެއް ނިންމަނީ

މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ބިދޭސީންނަށް ދިނުމާ މެދު ގޮތެއް ނިންމުމަށްޓަކައި މިހާރު ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ މިހާރު ވެސް ބިދޭސީ މަސައްކަތްތެރިންނާ ދޭތެރޭ އޮންނަ ތަފާތު ކުރުންތައް އިތުރުވެ، އެ މީހުންގެ ހައްގުތައް ގެއްލޭ ކަމެކެވެ. މީގެ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ އެއީ އެ މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ބުނެފައެވެ. ހަމައެއާއެކު ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ވަނީ ލަފާކޮށްފައެވެ. https://sun.mv/168428 ރާއްޖޭގައި މިނިމަމް ވޭޖް ރިވިއުކޮށް، ކޮންމެ ދެ އަހަރަކުން އެއް ފަހަރު ކަނޑައަޅަންޖެހޭ ގޮތަށް ތައާރަފުކުރީ ނޮވެންބަރު 08، 2021 ގައެވެ. އޭރު މިނިމަމް ވޭޖް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމުގެ ގަވާއިދު ކަނޑައެޅުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައެވެ. އެ ފަހުން 2022 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރީ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް އެހެން އޮއްވައި، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ، މިހާރު މިނިމަމް ވޭޖް ރިވިއުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަދާ ދިރާސާއަށް ފަހު ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ. "ދިރާސާގެ އަލީގައި އަޅުގަނޑުމެން އެ ކަމަށް [ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމަށް] ގޮތެއް ނިންމަވާނަން،" ހައިދަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންއާ ގުޅިގެން ކަމަށާއި، މިހާރު ކުރަނީ އެ މަސައްކަތަށް ބޭނުންވާ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން، އެ ބޯޑުގެ ދިރާސާތައް ނިންމައި، މިނިމަމް ވޭޖް ރިވިއުކޮށް ނިންމޭނީ މި އަހަރުގެ ޑިސެންބަރު މަހަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިމަމް ވޭޖު އިއުލާނުކުރިއިރު ކަނޑައަޅައިފައިވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ، ކުދި ވިޔަފާރިތަކަށް މަހަކު 4,500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7,000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8,000 ރުފިޔާ އަދި ސިވިލް ސާވިސް (ޕަބްލިކް ސެކްޓާ)އަށް މަހަކު 7,000 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ