ޗައިނާއިން އިންޓަނެޓް ކޮންޓްރޯލް ކުރުމަށް އާ ވައްތަރެއްގެ ވާޗުއަލް އައިޑީއެއް ތައާރަފުކޮށްފި

އިންޓަނެޓްގެ މައްޗަށް އޮންނަ ބާރު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޗައިނާ ސަރުކާރުން ގައުމީ ވާޗުއަލް އިންޓަނެޓް އައިޑީއެއް ތައާރަފުކޮށްފިއެވެ. އަންނަ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން އަމަލުކުރަން ފަށާ މި އާ ނިޒާމުގެ ސަބަބުން، ރައްޔިތުންގެ އޮންލައިން ހަރަކާތްތައް މޮނިޓާކޮށް ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް އިތުރަށް ލިބޭނެ ކަމަށް ބުނެ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުގައި، މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ އައިޑެންޓިޓީ މައުލޫމާތު ރައްކާތެރިކުރުމާއި، ޑިޖިޓަލް އިގްތިސާދުގެ ކުރިއެރުމަށް އެހީތެރިވުމެވެ. މި އާ އައިޑީގެ ދަށުން، އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ޕްލެޓްފޯމަކަށް ވަކިވަކިން އަމިއްލަ މައުލޫމާތު ދިނުމުގެ ބަދަލުގައި، ދައުލަތުން ދޫކުރާ އެއް އައިޑީއެއް ބޭނުންކޮށްގެން ހުރިހާ އޮންލައިން ޚިދުމަތަކަށް ވަދެވޭނެއެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި އިންޓަނެޓް މިނިވަންކަމާ ބެހޭ ތަޖުރިބާކާރުން ދެކެނީ މިއީ ޑިޖިޓަލް ދުނިޔޭގައި މިހާރުވެސް ހަނިވެފައިވާ މިނިވަންކަން އިތުރަށް ނައްތާލުމަށް އަޅާ ވަރުގަދަ ފިޔަވަޅެއް ކަމަށެވެ. "މިއީ ދައުލަތުގެ ބާރުގެ ދަށުން ހިންގާ، އެއްބައިވަންތަ އައިޑެންޓިޓީ ނިޒާމެއް. މި ނިޒާމުން އިންޓަނެޓުން ނުގަބޫލުވާ އަޑުތައް ސީދާ ނައްތާލެވޭނެ، މިއީ ހަމައެކަނި މޮނިޓާކުރާ ވަސީލަތެއް ނޫން. މިއީ ޑިޖިޓަލް ޓޯޓަލިޓޭރިއަނިޒަމްގެ ބިންގަލެއް." ކެލިފޯނިއާ ޔުނިވާސިޓީ، ބާކްލީގައި އިންޓަނެޓް މިނިވަންކަމާ ބެހޭ ދިރާސާ ކުރައްވާ ސައިންޓިސްޓެއް ކަމަށްވާ ޒިއާއޯ ކިއަންގް ސީއެންއެންއަށް ވިދާޅުވިއެވެ. ޗައިނާ ހިއުމަން ރައިޓްސް ޑިފެންޑާސްގެ ރިސާޗަރެއް ކަމަށްވާ ޝޭން ޔީ ވެސް ވިދާޅުވީ، މި ނިޒާމުގެ ސަބަބުން އޮފިޝަލުންނަށް ކޮންމެ މީހެއްގެ ވެސް މުޅި ޑިޖިޓަލް ދަތުރު ފެށުނީއްސުރެ ޓްރެކްކުރެވޭނެތީ، ސަރުކާރަށް ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ ބާރު ލިބޭނެ ކަމަށެވެ. މި ކަންބޮޑުވުންތަކާ ޚިލާފަށް، ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ މި ނިޒާމަކީ އަމިއްލަ މައުލޫމާތު ރައްކާތެރިކުރާ ނިޒާމެއް ކަމަށް ސިފަކޮށްފައެވެ. ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި ޚިދުމަތަކީ އަމިއްލަ އިހްތިޔާރުގައި ބޭނުންކުރެވޭނެ ޚިދުމަތެއް ކަމަށާއި، މިހާރުވެސް ހަ މިލިއަނަށްވުރެ ގިނަ މީހުން މި ޚިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ގާނޫނުގައި މިއީ އަމިއްލަ އިހްތިޔާރުގައި ބޭނުންކުރާ ޚިދުމަތެއްކަމަށް ލިޔެއްފައި ވީނަމަވެސް، ސަރުކާރުން އެކި ފަސޭހަތައް ފޯރުކޮށްދީގެން މަޑުމަޑުން މިއީ މަޖުބޫރު ނިޒާމަކަށް ހަދައިފާނެ ކަމަށް ގާނޫނީ މާހިރުން ދެކެވަޑައިގަންނަވައެވެ. މީގެ އިތުރުން، ހުރިހާ ރައްޔިތުންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް އެއްކުރުމަކީ ޑޭޓާ ލީކުވުމުގެ ނުރައްކާ ވަރަށް ބޮޑުވާނެ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. މި އާ ނިޒާމުގެ ހުށަހެޅުން ފުރަތަމަ އައީ މިދިޔަ އަހަރު ސައިބާ ފުލުހުންގެ އޮފިޝަލެއްގެ ފަރާތުންނެވެ. އާންމުންގެ ހިޔާލަށް ހުޅުވާލުމުން، ގާނޫނީ މާހިރުންނާއި އާންމުންގެ ގިނަ ބަޔަކު މިކަމާ ދެކޮޅަށް ވަރުގަދައަށް ފާޑުކިޔުންތައް އަމާޒުކުރިއެވެ. އެގޮތުން، ޓްސިންހުއާ ޔުނިވާސިޓީގެ މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ ލާއޯ ޑޮންގްޔަން، މި ނިޒާމަކީ ކޮންމެ ފަރުދެއްގެ އޮންލައިން ހަރަކާތްތަކަށް މޮނިޓަރިން ޑިވައިސްއެއް ހަރުކުރުން ކަމަށް ސިފަކުރައްވައި ލިޔުއްވި ޕޯސްޓް ވަގުތުން ޑިލީޓްކޮށް، އޭނާގެ އެކައުންޓް ވަނީ ސަސްޕެންޑްކޮށްފައެވެ. އެއް އަހަރު ފަހުން، މިހާރު މި ގަވައިދުތައް ފައިނަލްކޮށް އިއުލާންކުރެވުނުއިރު، އޮންލައިންކޮށް މިކަމަށް ފާޅުގައި ފާޑުކިޔާ އަޑެއް އިވިފައެއް ނުވެއެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ، ފާޑުކިޔުންތައް މަޑުޖެހެންދެން ސަރުކާރުން މަޑުކުރުމަށްފަހު، އެމީހުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ގެންގުޅޭ ކާމިޔާބު އުސޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ