ގާޒާގައި އިންސާނެއްގެ ހިލަން ވެލާއިރަށް އެތަނަކަށް އިޒްރޭލު ދިޔައީ އަދި މިހާރުވެސް އެދަނީ މުޅި އެހިސާބަކަށް ބޮންއަޅައި އެތަނެއް ފުނޑާލައި ބިމާހަމަކޮށް ހަފުސްކުރަމުންނެވެ. އެތަނެއްގެ ދިރިހުރި ފުރާނައެއް ނެތްކަން އިޒްރޭލުގެ އަދުއްވުންނަށް ކަށަވަރުވާންދެން އިޒްރޭލުގެ ސިފައިން އެދަނީ ބޮން އަޅަމުންނެވެ. ގާޒާގައި ހުރި ހަސްފަތާލުތަކާއި ސުކޫލުތައް އިސްރޭލުގެ އަސްކަރިއްޔާއަށް ފެނުނީ އަސްކަރީ މަރުކަޒުތަގެ ގޮތުގައެވެ. ހަސްފަތާލުގައި ތިބި ބަލިމީހުންނާއި ކުޑަކުދީންނާއި އަންހެނުން އިޒްރޭލުގެ ސިފައިންނަށް ފެނުނީ ނައްތާލަންޖެހޭ ބޮޑެތި ޓޭންކަރުތަކާއި ނުރައްކާތެރި ހަތިޔާރުތަކުގެ ގޮތުގައެވެ. މި ސިޔާސަތުގެ ދަށުން މުޅި ގާޒާ އިޒްރޭލު އަސްކަރިއްޔާއިން ވަނީ ބިމާ ހަމަކޮށްފައެވެ. އާއްމު އިހުސާސްތަކާއި މަންތިގީ ހަމައެއް އިޒްރޭލުގެ ކިބައިގައި ނެތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައިރު ގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނާ ދައުލަތުގެ ކޮންމެ މުއައްސަސާއެއް ފެންނަނީ ހުސް ދުޝްމަނުންގެ ސިފައިގަ އެވެ. ނައްތާލަންޖެހޭ ތަންތަނުގެ ގޮތުގަ އެވެ. ހަމަވިސްނުމެއް ހަމަ ގަބޫލުކުރުމެއް ނެތެވެ. ކަން އޮތްގޮތް ކިޔައިދީ، ހަގީގަތާއި ހަމަ ހިފަހައްޓާ ކޮންމެ މުއައްސަސާއެއްގެ ކޮންމެ މީހަކީ ކޮންމެ ގޮތަކުންވިޔަސް "ދުއްވާލަންޖެހޭ" މީހެކެވެ. ތިމާއަށް ނުބައި ލަފަޔާއި ވަސްވާސްދޭ އަރިހު ބޭކަލުންގެ އަތްމަތި ރަނާއި ރިހީގެ ކީސާތަކުން ފުރާލެވެ އެވެ. ރަނާއި ރިހީގެ ކީސާތަކުގެ ބާރުގައި ގައިރު ގާނޫނީ އަމުރުތައް ތަންފީޒުކޮށްދިނުމަށް އެ އައުވާނުން އެތިބެނީ "ހޭވައްލާ ތައްޔާރު، ބަތްތައްޓަށް ހުޝިޔާރު" ވެފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ވިޔަފާރި ހަމަތަކެއް ހިފަހައްޓަން ގާނޫނު ލާޒިމުކުރާ މާލީ އިދާރާއެކެވެ. ބޭންކު ދިރިދެމި އޮތުމަށް އެ ހަމަތައް ހިފަހައްޓަން ގާނޫނާއި ވިޔަފާރީގެ ހަގީގަތް ލާޒިމުކުރާ ކަމަށް ލަފާދިނުމުން، ބަގާވާތެއް ގެނައި ކަމަށް ބުނެ ބޯޑު ޑައިރެކްޓަރުން ކަނޑައި މަގުމަތިކޮށްލީ އެވެ. ފަންނީ ލަފާތައް ބޮލާލައި ޖެހީ އެވެ. ބަގާވާތެއް ގެނައިކަމަށް ބުނެ ވިޔަފާރި ބޭންކެއް ތަޅައި ހަފުސްކޮށް ކުޑަކަކޫ ޖައްސައި ރައީސުލްޖުމްހޫރިއްޔާގެ އަތްދަށަށް ގެނައީ އެވެ.
އެތަނުގެ އިސް މަގާމުގައި ހުރި ބިދޭސީ މުވައްޒަފު ބޭރުކޮށްލީ ބަގާވާތެއް ކުރާ ކަމުގެ ދޮގު ތުހުމަތު އަޅުވައި އޭނާއަށް ބިރު ދައްކައިގެންނެވެ. ގާނޫނަށް އަމަލު ކުރަން ބޮޑު ހުވައެއް ކޮށްގެން ހުރިކަން ތިމާގެ ބޮލަކަށް ނުވަދެ އެވެ. ރަނާއި ރަންރިހީގެ ކީސާތައް ކިހިއްޔަށް ޖަހައިގެން ހުދު ގަމީސްލައިގެން އޮފީސް އޮފީހުގައި މަސައްކަތެއް ނުކޮށް ތިބި އައުވާނުންތައް މިކަންކަމަށް ހިތްވަރުދީ އަތްޖަހަމުން ސާބަސްދެމުން ދިޔަ އެވެ. އެކަމާ ހިޔާލު ތަފާތުވާ މީހުންނަށް ހޯއްގޮވައި ފުރައްސާރަކުރަމުން ގެންދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގައި ކަމަކާބެހޭ ގޮތުން އެއްވެސް މަޝްވަރާއެއްކޮށް ރައްޔިތުންގެ ހިޔާލު އަޑުއަހާކަށް ބޭނުމެއް ނުވެ އެވެ. ރައްޔިތުންގެ ވަކީލުންނަކީ އޭނާގެ ނަޒަރުގައި ހައްޕުނޑެވެ. ތުންފުއްސެވެ. އެ ވަކީލުންގެ ވަޒީފާއަކީ ހޭވެސް އަހާނުލައި އޭނާ އެދޭ ގޮތަށް ވޯޓުދިނުމަށްޓަކައި ވޯޓުފޮށީގެ ފިތަށް އޮބާލުމެވެ. ނުގޮތަކަށް ކަރުކެހިލިޔަސް އެ ނިމުނީއެވެ. މަޖިލީހުގެ މެންބަރުން މައިތިރިކޮށް، އޮޅުކޮށްގެން ބަނޑުދަށަށް ލައިގެން ގެންގުޅުމަށް ދައުލަތުން ދޭ މުސާރައިގެ އިތުރުން އަމިއްލަ ޖީބުން ކޮންމެ މެންބަރަކަށް ކަޅުފައިސާއިން ބައިލައްކަ ރުފިޔާއަށް ވުރެ ކުޑަ ނޫން އަދަދަކުން ދެމުން ގެންދިޔަ އެވެ. މިއީ އަދީބު އާއި ޔާމީނުގެ ފޮތުން މުއިއްޒު ނެގި ފިލާވަޅެކެވެ.
ވަކި ހިސާބަކުން ކަޅު ފައިސާ އެގޮތަށް ބެހުމަށްވުރެ ހިޔަޅު ވިސްނުމެއް އަތުވެއްޖެ އެވެ. އެއިން މެންބަރަކު ޕާޓީއިން އެދޭ ގޮތަކަށް ވޯޓު ނުދީފިނަމަ، ނުވަތަ ހިޔާލުފާޅުކޮށްފިނަމަ މެންބަރުން މަޖިލީހުން ވަކިކުރަން ޕާޓީއަށް ބާރުލިބޭ ގޮތަށް ގާނޫނެއް ފާސްކޮށް ހުރިހާ މެންބަރުން ޕާޓީގެ އަޅުންނަށް ހަދައި ޗެންޗޭނުޖަހާފައި ބޭތިއްބުމުގެ ހީލަތްތެރި ވިސްނުމެވެ. ފައިސާގެ ދަހިވެތިކަމުގެ އަވާގައިޖެހި މަސްތުވެފައި ތިބި މެންބަރުންނަށް ވާނުވާއެއް ނޭނގިގެން އުޅެނިކޮށް ފެނުނީ އެ މެންބަރުން ލައްވައި އެ ގާނޫނު ފާސްކޮށް ކޮޅަށްޖަހާލިތަނެވެ. އެއްބަޔަކު ބުނަނީ މެންބަރުންގެ ފައިގައި ކަސްތޮޅުއަޅުވާ ގާނޫނު މަޖިލީހުން ފާސްކުރީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގާފާނެކަމުގެ ބިރަށެވެ.
މެންބަރުންގެ ފައިގައި ކަސްތޮޅުއަޅުވާ ގާނޫނު ސުޕްރީމް ކޯޓަށް ހުށަހެޅުމުން ރައީސް ރައީސުލްޖުމްހޫރިއްޔާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އެ ގާނޫނު ސުޕްރީމް ކޯޓުން ބާތިލުކޮށްފިނަމަ، ޕީއެންސީގެ މަޖިލީހުގެ މެންބަރުން ޕީއެންސީ ދޫކޮށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ވޯޓެއް ނަގައި ވެރިކަމުން ބާލަފާނެ ކަމުގެ ބިރުގަތީ އަމަށަކު މިންވަރަކަށް ނޫނެވެ.
އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުމަށް އެދުނެވެ. ފުރަތަމަ ރޭވި ޕްލޭން ފޭލިވެ، އެ މައްސަލަ ކޯޓުން ބެލުމަށް ނިންމުމުން ރައީސް މުއިއްޒު ކޯފާވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ފެއްޓިއެވެ. ވުޖޫދުގައި ނެތް ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އަޑުއެރުވިއެވެ. އިތުބާރު ލިބިފައިވާ ސުޕްރީމް ކޯޓެއްގެ ފަނޑިޔާރުންތަކެއްގެ އަބުރު ކަތިލައި މަގުމައްޗަށް ހޫރާލީއެވެ. މުޅި މުއައްސަސާ ފުނޑާލީއެވެ. ދައުލަތުގެ ދުސްތޫރީ އެއް ބާރު ވާގިނެތިކޮށްލީއެވެ. ސަރުކާރުން މަސައްކަތްކުރީ މަޖިލީހުގެ މެންބަރުންނެކޭ އެއްގޮތަށް ސަރުކާރުން ކުޅޭ ރާގަކަށް ލަވަކިޔާ ގުރާތަކެއް ގޮތަށް ފަނޑިޔާރުން ހެދުމަށެވެ. އެބާވަތުގެ ގުރާތަކެއް ސަރުކާރަށް ލިބިދާނެއެވެ. ނަމަވެސް އިތުބާރު ހުރި އިންސާފު ލިބިދޭ ސުޕްރީމް ކޯޓެއް ދެނެއް ނުލިބޭނެއެވެ.
ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމަށްވާ މަނިޓަރީ އޮތޯރިޓީ އަށްވެސް ރައީސް މުއިއްޒު ހެދީ ހަމައެގޮތަށެވެ. އޮޅުވާލުމެއްގެ ތެރެއިން، ބިމެއް ގަތުމުގެ ނަން އަޅުވައިގެން، ފައިސާ ޗާޕުކޮށްގެން ފައިސާ ނެރުމުން ރާއްޖޭގެ އިގްތިސާދު އަނދިރި ވަޅުގަނޑަކަށް ވެއްޓޭނެ ކަމަށް އެތަނުގެ ފަންނީ މުވައްޒަފުން ބުނުމުން އެ މުވައްޒަފުން އެތަނުން ވަކިކުރީއެވެ. ސިނގު ރުޅިގަނޑުގެ ދަށުން އެ މުއައްސަސާވެސް ހަލާކުކޮށް ސުންނާފަތިކޮށްލީއެވެ.
ދައުލަތުގެ ފާރަވެރި މުއައްސަސާތައް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން ވަކިކޮށް އޭނާގެ އައުވާނުން އެތަންތަނަށް ލައިގެންނާއި ގާނޫނުތައް ބަދަލުކޮށްގެން މިވީ ދުވަސްކޮޅުގެ ތެރޭގައި ރައީސް މުއިއްޒުވަނީ އެތަންތަން އޮޅުކޮށްފައެވެ. އެންޓިކޮރަޕްޝަން ކޮމިޝަނާއި ޖުޑީޝަލް ސަރވިސް ކޮމިޝަން ހަރަކާތްކުރަނީ ރައީސް މުއިއްޒު ގެންގުޅޭ ކަސްބީންތަކެއް އުޅޭ ގޮތަށެވެ.
މިދާ ރޭޓުން ދާނަމަ މުއިއްޒުގެ ފަސް އަހަރު ނިމޭއިރު މި ދައުލަތުގެ މިނިވަން މުއައްސަސާއެއް ނުހުންނާނެއެވެ. ކިޔަވައިގެން ތަޖުރިބާ ލިބި ހުރި ފަންނީ މީހެއް ގައުމަކު ނުހުންނާނެއެވެ. މުޅި ގައުމުގެ ފާރަވެރި މުއައްސަސާތަކުގެ ބަދަލުގައި ތިބޭނީ މުއިއްޒު ކާންދީގެން ގެންގުޅޭ ގުރާތަކެކެވެ. ގާނޫނުއަސާސީއިން 2008 ގައި އެކުލަވާލި ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތައް މުއިއްޒު ރޫޅާލައި ނިމޭނެއެވެ.
އެ މުއައްސަސާތައް އެގޮތަށް ގާނޫނުއަސާސީއިން ގާއިމުކުރި މަގުސަދު ކަމުގައިވާ ސަރުކާރުގެ ވެރިންގެ ކޮރަޕްޝަން ހުއްޓުވުމާއި އަނިޔާވެރިކަން ހުއްޓުވަން އެޅި ފިޔަވަޅުތައް ނިމި ޚުދުމުޚްތާރު ވެރިކަމުގެ އަސްރަކަށް ދިވެހިން އަލުން ކުރިމަތިލާން މަޖުބޫރުވީ އެވެ. ތާރީހު ބުނެދޭ ފިލާވަޅަކީ މި ނުބައި ކަތި ފިޔަވަޅުތައް އެޅި މީހުން ފަހުން އޭގެ ރަހަ ދެކޭނެ ކަމެވެ. ރައީސް ޔާމީނަކީ އޭގެ ދިރިހުރި މިސާލެކެވެ.
ދައުލަތުގެ މިނިވަން މުއައްސަސާތައް ރޫޅާލައިގެން ޚުދުމުޚްތާރު ވެރިކަމެއް ކުރާނެ ހަކަތައެއް ދިވެހި ދައުލަތުގެ އިގްތިސާދަކު ނެތެވެ. ވައްކަންކުރާނެ ފައިސާއެއް ދައުލަތުގައި ނެތް ނަމަ ތިޔަ އުއްމީދުކުރާ މުއްސަނދިކަމެއް ސަރުކާރުގެ އަޅުންނަށް ލިބުމަކީ ދުރުކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މުއިއްޒުގެ ލަވަޔަށް ނަށަމުން ރައްޔިތުންނަށް އަނިޔާކުރުމުގައި ބައިވެރިވަމުން ގެންދާހާ ހިނދަކު، ހަގީގަތުގައި އެ އަނިޔާކުރެވެނީ ތިމާގެ އަމިއްލަ ނަފުސަށެވެ. ތިމާގެ އަނބިދަރީންނަށާއި މައިންބަފައިންނަށާއި އެ މީހުން އިންތިހާބުކުރި ރައްޔިތުންނަށެވެ. އަމިއްލަ ޒަމީރުގައި ދިރުމެއް ނެތް ނަމަ، ހުދު ގަމީހެއް ލައިގެން ޓައީއެއް އަޅައިގެން އަގުބޮޑު ސެންޓުޖަހައިގެން މަޖިލިސްކުރާ ގެއަށް ވަނަސް ހަގީގަތުގައި ތިޔައީ ހައްޕުނޑެވެ.
ދައުލަތުގެ އިސް މަގާމު ލިބުމުން ޖެހޭނެ އެންމެ ބޮޑު ބައްޔަކީ "މައެކަނި" ބަލި ޖެހުމެވެ. މި ބަލި މީހަކަށް ޖެހުމުން ވާގޮތަކީ ހަމައެކަނި ވުޖޫދުގައިވާ އެއްޗަކީ ތިމާކަމަށް ގަބޫލުކުރެވުމާއި، ފުދެންޖެހޭނީ ހަމައެކަނި ތިމާގެ ބޭނުންތައް ކަމަށް ގަބޫލުކުރެވުމާއި، އެހެން މީސްމީހުންނާމެދު ނުވިސްނުމެވެ. ކޮންމެ ފަހަރަކުމެ ކަންކަން ވާންޖެހޭނީ ތިމާއެދޭ ގޮތަށް އަދި ތިމާއަށް ފެންނަ ގޮތަށް ކަމަށް ގަބޫލުކުރެވުމެވެ. މިހާރު މިރާއްޖެއިން މި ފެންނަނީ އެކަހަލަ ބަލި މަޑުކަމެކެވެ.
މުއިއްޒު އެދަނީ ޖެހުނު ތަނަކަށް ނިއުކްލިއާ ބޮން އަޅަމުން މުއިއްޒު އެދަނީ ޖެހުނު ތަނަކަށް ނިއުކްލިއާ ބޮން އަޅަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ