ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވެހި' ލޯނު ސްކީމުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ބުނީ ހިޔާވެހި ފައިނޭންސިންގެ ދަށުން ލޯނު ދޫކުރާ ތިން ކެޓަގަރީއަށް ފޯމު ހުށަހެޅުން ވެސް އަންނަ މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ލޯނަށް އެދި ހުށަހަޅަން ޖެހެނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
ތަފްސީލް - ހިޔާވެހި ލޯނަކީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.
ލޯނު ދޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރުމަށް ފަހު
އިންޓްރެސްޓް ރޭޓަކީ %5
ލޯނު އަނބުރާ ދައްކަން ގިނަވެގެން 25 އަހަރު (މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުގެ އުމުރަށް ބެލުމަށް ފަހު ލޯނު ދޫކުރާ ބޭންކުން)
ގްރޭސް ޕީރިއަޑު؛ ގިނަވެގެން 18 މަސް
އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޭނެ
އެޑުވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ %15؛ އިތުރަށް ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު
ހިޔާވެހި ލޯނުތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ލޯނަށް އެދޭ މީހުންގެ 'ފައިނޭންޝަލް ސްކްރީނިން'އަކަށް ފަހު ލޯނު އަނބުރާ ދެއްކޭ މީހެއްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ.
ލޯނު ދޫކުރާ ތިން ކެޓަގަރީ:
ހިޔާވެހި ފައިނޭންސިން - ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް (އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
ހިޔާވެހި ފައިނޭންސިން - ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
ހިޔާވެހި ފައިނޭންސިން - ފަހިމާލެ - މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ފަހުމުނާމާގައި ވަނީ ސޮއިކޮށްފަ އެވެ.
އޭގެ ތެރެއިން ރަށްވެހި ސްކީމުގައި ލޯނު ދޫކުރާނީ އެޗްޑީއެފްސީންނެވެ. އަދި ސަހަރާއި ފަހިމާލެ ސްކީމަށް ލޯނު ދޫކުރާނީ ބީއެމްއެލް އާއި އެމްއައިބީންނެވެ.
ލޯނުގެ އާންމު ޝަރުތުތައް:
އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން
ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ނުވަތަ ބިންތަކެއް ރަޖިސްޓްރީކޮށްފައި އޮތުން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ލޯނެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާ މީހަކަށް ނުވުން؛ ބޯހިޔާވަހިކަން ގަތުމުގެ މުއާމަލާތެއް ކޮށްފައިނުވުން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބި، މިދިޔަ 10 އަހަރުގެ ތެރޭގައި އެފަދަ ތަނެއްގެ މިލްކުވެރިކަން ދޫކޮށްލާފައިވާ މީހަކަށް ނުވުން (މުއްދަތު ގުނުމުގައި ބަލާނީ ފޯމު ހުށަހަޅާ ތާރީހަށް)
ގެދޮރު އަޅަން ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ