ލ.އަތޮޅު ބަރެސްދޫ މައްސަލާގައި މޯލްޑިވްސް އިންޓްގްރޭޓެޑް ޓުއަރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އަނެއްކާވެސް އަމިއްލަ ކުންފުންނަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެއެވެ.
ލ.ބަރެސްދޫ އިންވެސްޓްމަންޓް ޕްރޮޖެކްޓުގެ ނަމުގައި އެމްއައިޓީޑީސީން ވަނީ 2014 ވަނަ އަހަރު ބީޗް ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި މަޝްރޫޢުގެ ކުރިއަށްގެންގޮސްފައެވެ. އެ މަޝްރޫޢުގެ ދަށުން ބިން ކުއްޔަށް ހިފުމަށް ހުޅުވާލި ފުރުސަތުގައި އަމިއްލަ ކުންފުންޏެއްކަމަށްވާ ޔައްސި އިންވެސްޓްމަންޓުން ވަނީ ގެސްޓްހައުސް ހިންގުމަށް ބިޑް ކާމިޔާބުކޮށް އެމްއައިޓީޑީސީއަށް އެޑްވާންސްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދީފައެވެ. ނަމަވެސް އެމްއައިޓީޑީސީން ޔައްސިއަށް ބިން ހަވާލުކުރުން ދިގުލައިގެން ދިއުމުގެ ސަބަބުން އެކުންފުނިން ވަނީ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އާއި ވަކީލުންނަށް ހަރަދުވި 10،000 ރުފިޔާ ހޯދުމަށް ސިވިލްކޯޓުގައި ދައުވާކޮށްފައެވެ.
މިއަހަރުގެ ފެބުރުއަރީމަހުގެ 13 ވަނަ ދުވަހު ރަޖިސްޓްރީކުރި އެ މައްސަލައިގެ ޝަރީއަތް މިއަދު ނިމުނުއިރު، އެމްއައިޓީޑީސީން އެ ދައުވާއަށް އިންކާރުކޮށްފައެއް ނުވެއެވެ. ސިވިލްކޯޓުން ވަނީ ހޮޓާ ތަރައްޤީކުރުމަށް އެކުންފުނިން އެޑްވާންސްގެ ގޮތުގައި ދެއްކި 1.5 މިލިއަން ރުފިޔާ މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެމްއައިޓީޑީސީއަށް އަމުރުކޮށްފައެވެ.
Advertisement
މިފަދަ އެހެން މައްސަލައެއްގައި ސިވިލްކޯޓުން ވަނީ އެމްއައިޓީޑީސީގެ މައްޗަށް 918،774.59 ރުފިޔާ ރެއިންބޯ އިންވެސްޓްމަންޓަށް ދެއްކުމަށް މިދިޔަ އަހަރުގެ ފެބުރުއަރީމަހު ހުކުމްކޮށްފައެވެ.
އެމްއައިޓީޑީސީ އަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. އެމްއައިޓީޑީސީން އިއުލާނު ކުރި ފުރަތަމަ މަޝްރޫއަކީ ބަރެސްދޫން އާންމު ފަރާތްތަކަށް ބިން ދޫކޮށްގެން ޓޫރިޒަމް ވިޔަފާރި ކުރުމުގެ މަޝްރޫއެކެވެ. ނަމަވެސް މައްސަލަތަކެއް ދިމާވުމާއި ގުޅިގެން އެ މަޝްރޫއުތައް އޭރު ހުއްޓުނު އިރު، ނިމިދިޔަ ސަރުކާރުންވެސް ޑިޒައިނަށް ބަދަލުތަކެއް ގެނެސްގެން މަޝްރޫއު ކުރިއަށް ގެންދެވޭތޯ އުޅުނެވެ. ނަމަވެސް މިއަދާހަމަޔަށް އާއިރުވެސް ބަރެސްދޫ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ނުވެފައެވެ.
ލ.ބަރެސްދޫގައި ހިންގުމަށް ނިންމި ގެސްޓްހައުސް އައިލޭންްޑްގެ މަަޝްރޫއުއަށް ލިބުނު ފައިސާތައް، އެމްއައިޓީޑީސީގެ އިސްވެރިން ބޭނުންކުރިކަމަށް ތުހުމަތުކުރެވިގެން 2019 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ވަނީ ބަލާފައެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވި އެމްއައިޓީސީގެ އޮޑިޓް ރިޕޯޓެއްގައި ވަނީ، އުސޫލާ ހިލާފަށް ސިޔާސީޕާޓީއެއްގެ އޮފީހެއް ހެދުމަށް އެމްއައިޓީޑީސީގެ ފައިސާ ބޭނުންކޮށްފައިވާކަން ހާމަކޮށްފައެވެ.
އެމްއައިޓީޑީސީން އަނެއްކާވެސް ކުންފުންނަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ